ހދ. މަކުނުދޫ ކައުންސިލާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވުމުން، އެރަށުގައި މި ސަރުކާރުން ހުއްޓާލާފައި އޮތް އެއަރޕޯޓުގެ މަޝްރޫއު އާއި އަންގާރަ ދުވަހު ބިންގާ އެޅި މަޝްރޫއުތައް އަވަހަށް ނިންމައިދެއްވުމަށް ކައުންސިލުން އެދިއްޖެއެވެ.
ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މަކުނުދޫ ކައުންސިލާއި ބައްދަލުކުރެއްވީ އަންގާރަ ދުވަހުގެ ހެނދުނުއެވެ.
މި ބައްދަލުކުރެއްވުމުގައި، މަކުނުދޫ އެއަރޕޯޓުގެ މަސައްކަތާއި އެރަށުގައި މިއަދު ބިންގާ އެޅުނު މަޝްރޫޢުތަކުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމަވައި ދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން ކައުންސިލުން ވަނީ އިންޖީނުގޭގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މަކުނުދޫގައި މިހާރު ހަދަމުންދާ ހޭންޑްބޯލް ކޯޓުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމަވައިދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން މަކުނުދޫ ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް އެ ކައުންސިލަށް އައު އިމާރާތެއް ބޭނުންވާކަންވެސް ކައުންސިލްގެ ފަރާތުން ވަނީ ފާހަގަކުރައްވާފައެވެ. އަދި ރަށުގައި ސޯޝަލް ހައުސިންގ ޔުނިޓް ގާއިމުކޮށްދެއްވުމަށްވެސް މި ބައްދަލުކުރެއްވުމުގައި ކައުންސިލްގެ ފަރާތުން އެދިވަޑައިގެންފައިވެއެވެ.
ރައީސް ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގަ އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ވެސް ރައީސް މަކުނުދޫ ކައުންސިލާއި ބައްދަލުކުރެއްވި އެވެ. މީގެ ދޮޅު އަހަރު ކުރިން ބޭއްވި ބައްދަލުކުރެއްވުމުގައި ވެސް ކައުންސިލުން އެދުނީ އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރުގެ ދަތިކަންކަމުގައި ފާހަގަކުރައްވައި، މަކުނުދޫ އެއަރޕޯޓު ވީ އެންމެ އަވަހަކަށް ތަރައްޤީ ކޮށްދެއްވުމަށެވެ. އަދި ކައުންސިލުންވަނީ މަގުތައް ތަރައްޤީ ކުރުމަށް ބޭނުންވާކަމަށާއި، ކައުންސިލް އިދާރާގެ މުވައްޒަފުންގެ މުސާރަ އިތުރު ކޮށްދެއްވުމަށާއި، ރަށުގެ އިހުތިސާސުގެ ތެރެއަށް މަކުނުދޫގެ މުޅި ފަޅު ދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުންވެސް ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާކަންކަމާއި، މަކުނުދޫ ސުކޫލު އަދި ހެލްތް ސެންޓަރު އިތުރަށް ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ކަންކަން ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ.
ނަމަވެސް މި ސަރުކާރު ވެރިކަމަށް އައިސް މަކުނުދޫ އެއަރޕޯޓުގެ މަސައްކަތް ހުއްޓާލިތާ އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.