Advertisement
ކ. މާލެ
|
16 ނޮވެންބަރ 2025 | އާދީއްތަ 17:06
ހިޔާ ފްލެޓް ބޭރުގައި ކުލި ކުޑަ ކުރުމަށް ގޮވާލާ ބެނާރ ދަމާފައި (ފައިލް)
ހިޔާ ފްލެޓް ބޭރުގައި ކުލި ކުޑަ ކުރުމަށް ގޮވާލާ ބެނާރ ދަމާފައި (ފައިލް)
ޝިއުނާ ސޯލިހް
ސޯޝަލް ހައުސިންގ
ސޯޝަލް ހައުސިންގ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ލޯނުތަކަށް އިންޓަރެސްޓް ރޭޓް ކުޑަކުރަނީ
ހިޔާ ފްލެޓްތަކުގެ ފިނިޝިންގ ލޯނުގެ ޕްރޮފިޓް ރޭޓް 12 އިންސައްތަ އިން 10 އިންސައްތަ އަށް ކުޑަކުރާނެ
ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ ލޯނުގެ ޕްރޮފިޓް ރޭޓް 9 އިންސައްތަ އިން 8 އިންސައްތަ އަށް ކުޑަކުރާނެ

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ސޯޝަލް ހައުސިންގ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ލޯނުތަކަށް ލުއިގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ބޭންކުގައި އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގެ އެކްސްގައި އާދިއްތަ ދުވަހު ކުރެއްވި ޕޯސްޓެއްގަ އެވެ.

މިކަން ހާމަކުރައްވައި ކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވެފައި ވަނީ، ބީ.އެމް.އެލް.އިން ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ، ސޯޝަލް އަދި އެފޯޑަބަލް ހައުސިންގ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ލޯނުތަކަކަށް ވުމާއެކު، މި ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދުމަށް އެ ބޭންކާއެކު މަޝްވަރާ ކުރެވިފައިވާކަން ހާމަކުރައްވާފަ އެވެ.

މުއިއްޒުގެ ޕޯސްޓުގައި، ހިޔާ ފްލެޓްތަކުގެ ފިނިޝިންގ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް 12 އިންސައްތައިން 10 އިންސައްތައަށް ކުޑަ ކުރުމަށާއި، ލޯނު ދެއްކުމަށް ދަތިވެ ޑީފޯލްޓް ވެފައިވާ ފަރާތްތައް ރެގިއުލަރައިޒް ކުރެވޭނެ ޕޭމަންޓް ޕްލޭނެއް ހަދައި ދިނުމުގެ އިތުރުން، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް 9 އިންސައްތައިން 8 އިންސައްތަ އަށް ކުޑަ ކުރުން، އެއީ ކުރެވިދާނެ ކަމެއް ކަމަށް ބީ.އެމް.އެލް. އިން މަޢުލޫމާތު ދެއްވާފައިވާކަމުގައި ވިދާޅުވި އެވެ.

އަދި މިއާއެކު، އުސޫލުގެ ތެރެއިން މިކަންތައް ކޮށްދެއްވުމަށް ދަންނަވާފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެ އެވެ.

- ކޮމެންޓް