ފުވައްމުލައް ސިޓީ އަށް މިވަގުތު ސާފު ފެން ނުލިބޭ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށް ވިދާޅުވެ، އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުމުގެ ފުރުސަތު ދޭން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެކޮޅު ހައްދަވައިފި އެވެ.
މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް ފުވައްމުލަކަށް ސާފު ފެން ނުލިބޭ ކަމަށް ވިދާޅުވެ ކުއްލި މައްސަލައެއް ހުށަހެޅުއްވުމަށް ފޮނުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އެވެ. ނަމަވެސް އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އަދި އެކަމާމެދު ބަހުސް ކުރުމަށް ފުރުސަތު ދިނުމުގެ ބަދަލުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ކުއްލި މައްސަލަތަކަކީ ހަގީގަތެއްގެ މައްޗަށް ބިނާވާ މައްސަލައަކަށް ވާންޖެހޭނެ ކަމަށެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ ފުވައްމުލަކަށް ދޫކުރާ ފެނަކީ ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާގެ ބޯފެނުގެ މިންގަނޑަށް ފެތޭ ފެން ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުކުރު ދުވަހު ބުނެފައިވާތީ، މި މައްސަލާގައި ބުނާ ހާލަތަކީ ހަގީގަތެއް ނޫން ކަމަށެވެ. އެހެންކަމުން މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދެވެން ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް މިހެން ވިދާޅުވި ނަމަވެސް، ފުވައްމުލަކުން ފެން ކަނޑާލުމަށްފަހު ފެން ދޫކުރަން ފެށި ފަހުން އަންނަނީ ސާފުނޫން، ކިލަނބު ފެން ކަމަށާއި އެ ފެނުގެ ވަސް ދުވާ ކަމަށް ބުނެ އެ ރަށުގައި ދިރިއުޅޭ މީހުން އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ އިތުރުން ފުވައްމުލަކު ސިޓީ ކައުންސިލުން ވެސް ވަނީ ފެނުގެ ރައްކާތެރިކަން ކަށަވަރުނުވާ ކަމަށް ބުނެފަ އެވެ.
ފުވައްމުލަކުގެ ފެނުގެ ނިޒާމަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ، ފެން ތަޣައްޔަރުވުމުން ރަށުން ފެން ކަނޑާލީ ނޮވެމްބަރު 10 ވަނަ ދުވަހު އެވެ. އަލުން ފެން ދޫކުރަން ފެށީ އޭގެ ހަތަރު ދުވަސް ފަހުންނެވެ. ނަމަވެސް، އޭގެ ފަހުން ދޫކުރަމުންދާ ފެން ތަޣައްޔަރުވެފައިވާ ކަމަށް އެ ރަށު ރައްޔިތުން ދަނީ ބުނަމުންނެވެ. މި މައްސަލައަކީ އެ ރަށު ރައްޔިތުންގެ ދިރިއުޅުމަށް ބޮޑު ހުރަހެއް ކަމަށް ވެފައި، ސާފު ފެން ލިބުން އެ ރައްޔިތުންގެ އަސާސީ ހައްގެއްގެ ގޮތުގައި ދެކެމުންދާ ކަމަށް ބައެއް މީހުން ވަނީ ފާހަގަކޮށްފަ އެވެ.
ރައީސް މުހައްމަދު މުއިއްޒު މި ފަހުން އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވެސް ކައުންސިލުން ވަނީ މިކަމުގެ ޝަކުވާ ކޮށްފަ އެވެ. ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި، ފެނުގެ މައްސަލައިގެ ސީރިއަސްކަން ފުވައްމުލަކު ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.