Advertisement
ކ. މާލެ
|
16 ނޮވެންބަރ 2025 | އާދީއްތަ 12:30
މަރިޔަމް ޒުބެއިރު، އެމްޑީޕީ މުޒާހަރާއެއްގެ ތެރެއިން ވާހަކަދައްކަވަނީ. މަންދީ ވަނީ މުޒާހަރާތަކާއި ގުޅިގެން ޖެހިޖެހިގެން ދެވަނަ ދުވަހު ފުލުހަށް ހާޒިރު ކޮށްފަ
މަރިޔަމް ޒުބެއިރު، އެމްޑީޕީ މުޒާހަރާއެއްގެ ތެރެއިން ވާހަކަދައްކަވަނީ. މަންދީ ވަނީ މުޒާހަރާތަކާއި ގުޅިގެން ޖެހިޖެހިގެން ދެވަނަ ދުވަހު ފުލުހަށް ހާޒިރު ކޮށްފަ
ރާއްޖެއެމްވީ
އެމްޑީޕީ
މަންދި ދެއްކި ވާހަކައިން ރައީސް މުއިއްޒުގެ ދަރިކަލުންގެ ކަރާމާތް ނަގާލި ކަމަށް ހުކުމް ކޮށްފި
އުމައިރު އަށް ގެއްލުމެއް ލިބިފައިވާނަމަ ބަދަލު ހޯދަން ދައުވާ ކުރެވިދާނެ ކަމަށް ހުކުމުގައި ވޭ

ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ، އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދި) އާ ދެކޮޅަށް ކުރި ދައުވާގެ ހުކުމް ކޮށްފި އެވެ.

މަންދި ދެއްކި ވާހަކަ އިން ސާޖިދާ އާއި މުއިއްޒުގެ ދަރިކަލުން އުމެއިރުގެ ކަރާމާތް ނަގާލި ކަމަށް އާދިއްތަ ދުވަހު ކުރި ހުކުމުގައި ވެއެވެ.

އެ ގޮތުން އުމައިރު އަށް ގެއްލުމެއް ލިބިފައިވާނަމަ، ބަދަލު ހޯދަން ދައުވާ ކުރެވިދާނެ ކަމަށް ހުކުމުގައި ވެއެވެ.

މައްސަލަ ބަލަން ފުލުހުންގެ މައްޗަަށް އަމުރުކޮށްދިނުމަށް މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވީ ނަމަވެސް އެފަދަ އަމުރެއްގެ ވާހަކަ އެއް ހުކުމުގައި ނުވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އިން މައްސަލަ ބަލާކަށް ވެސް އަމުރުކޮށްފަ އެއް ނުވެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިފުޅާ ބެހޭގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން މަންދި ގެ މައްޗަށް މަދަނީ ދަޢުވާ އެއް ހުށަހެޅީ މި އަހަރުގެ މާޗު މަހުގަ އެވެ.

ކުރީގެ އެޓަރނީ ޖެނެރަލް ޢާއިޝަތު ޢާޒިމާ ޝަކޫރުގެ ލޯ ފާރމުން މައްސަލަ އާ ބެހޭ ގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސްގެ ދަރިފުޅު ޢުމައިރު މުޙައްމަދު މުޢިއްޒުއާ ގުޅޭގޮތުން މަންދި ދެއްކި ވާހަކަތަކަކީ އޭނާ އަށް ނުރައްކާވެދާނެ ވާހަކަތަކެއް ކަމަށާއި، އަދި އޭނާގެ ތަޢުލީމަށާއި މުސްތަޤްބަލަށް ނޭދެވޭ އަސަރުކޮށްފާނެ ވާހަކަތަކެއް ކަމަށެވެ.

މީގެ އިތުރުން ބަޔާނުގައި ބުނެފައި ވަނީ، މި ވާހަކަތަކަކީ ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޤާނޫނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާގެ ދަށުން ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމާއި ޤަދަރަށް އުނިކަން ގެނެސްފައިވާ ވާހަކަތަކެއް ކަމަށެވެ.

ޢާޒިމާ ވިދާޅުވީ ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ގެ ފަރާތުން މަންދި ގެ މައްޗަށް މި މައްސަލަ ހުށަހެޅީ، މި ވާހަކަތަކުގެ ސަބަބުން އޭނާގެ ޢާއިލާގެ ނަމާއި އަބުރު ރައްކާތެރިކުރުމަށް ޤާނޫނުއަސާސީން ލިބިދޭ ޙައްޤު ނިގުޅައިގެންފައިވާތީ ކަމަށެވެ.

އޭގެ ކުރިން ރައީސް މުއިއްޒުގެ ޢާއިލާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޢާޒިމާ ވަނީ މަންދި އާއި، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލް، އަދި އެ ޕާޓީގެ މައްޗަށް ދަޢުވާކުރަން ނިންމާފައިވާ ކަން އިއުލާނު ކޮށްފައެވެ.

މަންދިގެ ގާނޫނީ ވަކީލު ވިދާޅުވީ، މައްސަލަ ނިންމުމުގައި ސިވިލް ކޯޓުން ބަލާފައިވަނީ މަންދި ދެއްކި ވާހަކަ އާ ގުޅިގެން ކަމާ ބެހޭ އިދާރާތަކުން އެ ވާހަކަތައް ކުށްވެރި ކޮށް ނެރެފައިވާ ބަޔާންތަކަށް ކަމަށެވެ.

"އަޅުގަނޑުމެން ކޯޓުގައި ބުނިން، އެ ބަޔާން ތަކަކީ ކަމެއް ތަހުގީގު ކޮށް، ތަހުގީގެއްގެ މައްޗަށް ބިނާ ކޮށް ނެރުނު ބަޔާންތަކެއް ނޫނޭ، އެހެން ކަމުން އެފަދަ ބަޔާންތަކެއްގެ މައްޗަށް މައްސަލައިގައި ގޮތެއް ނުނިންމޭނޭ،" ގާނޫނީ ވަކީލު އަހްމަދު މައުރޫފް ވިދާޅުވިއެވެ.

އެހެން ނަމަވެސް ފެމިލީ ކޯޓުން މައްސަލަ ނިންމުމުގައި ދިފާއުގައި ވަކީލުން ދެއްކި ވާހަކައިގެ މައްޗަށް ރިއާޔަތް ކޮށްފަ އެއް ނުވެއެވެ.

މަންދި ދެއްކި ވާހަކަ އާ ގުޅިގެން ޗިލްރެންސް އޮމްބުޑްސް ޕާސަން އޮފީހުންނާއި، ހިއުމަން ރައިޓްސް ކޮމިޝަނުންނާއި، އިލެކްޝަންސް ކޮމިޝަނުން ވަނީ އުމެއިރުގެ ދިފާއުގައި ބަޔާންތައް ނެރެފައެވެ. މި ބަޔާންތައް ނެރުމުގައި ވާހަކަ ދެއްކި ކަމަށް ބުނާ ފަރާތްތަކުގެ ބަހެއް ހޯދާފައެއް ނުވެއެވެ.

- ކޮމެންޓް