ގެދޮރުވެރިޔާ ސްކީމް ގެ ދަށުން އިމާރާތް ކޮށްފައިފާ 4000 ފްލެޓާ ގުޅޭގޮތުން ހުރި މައްސަލަތައް ހައްލު ނުވެގެން އާއްމުން ހިއުމަން ރައިޓްސް ކޮމިޝަނާއި ބައްދަލުކޮށްފިއެވެ.
ހޯމަ ދުވަހު އާއްމުން މި މައްސަލައިގައި އެޗްއާރްސީއެމް އަށް ގޮސްފައި ވަނީ މެންދުރު 01:00 އަށެވެ. އެ ބައްދަލުވުމުގައި ގާތްގަނޑަކަށް ގަޑި އެއް ހާއިރު ހޭދަވިއެވެ. އެޗްއާރްސީއެމް އިން ވަނީ ފްލެޓް ލިސްޓް އާއްމު ކުރަން ޖެހޭ ކަމަށް ޤަބޫލުކުރާ ކަމަށް ބުނެފައެވެ. ހަމައެހެންމެ މި މައްސަލައިގައި ހައުސިން މިނިސްޓްރީ އާއި އާއްމުންނާއި އެކުގައި ބައްދަލުވުމެއް ބާއްވަން މަސައްކަތް ކުރާނެ ކަމަށް އެޗްއާރްސީއެމް އިން ވަނީ ބުނެފައެވެ.
ހޯމަ ދުވަހުގެ ބައްދަލުވުމަށް ފަހު ރާއްޖެޓީވީ އަށް މައުލޫމާތުދެއްވަމުން މާލެސިޓީ ކައުންސިލުގެ މެންބަރު މުހައްމަދު ސައިފް ފާތިހް ވިދާޅުވީ ފްލެޓް ލިބޭ ފަރާތްތަކަށް އެ ފަރާތްތަކުގެ ހައްގު ކަށަވަރުކޮށްދިނުން ވަރަށް މުހިންމު ކަމަށެވެ. އޭނާ ވިދާޅުވީ 4000 ފްލެޓާ ގުޅޭގޮތުން ހުރި މައްސަލަތަކަށް ސަރުކާރު ތެރެއިން ހައްލެއް ހޯދަން ކުރި މަސައްކަތް ކާމިޔާބު ނުވާ ކަމަށެވެ.
އެ ބައްދަލުވުމަށް ފަހު ރާއްޖެޓީވީ އަށް މައުލޫމާތުދެއްވަމުން، ޤާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވީ ހޯމަ ދުވަހު އެޗްއާރްސީއެމްގެ ހުރިހާ މެމްބަރުން އާއްމުންނާއި ބައްދަލުކުރުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ. އަދި މި މައްސަލައިގައި ހުރި ޤާނޫނީ ކަންބޮޑުވުންތައް އާއްމުންނާއި ހިއްސާކޮށްފައިވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މިހާރު އޮތް ގޮތުން ކުރީ ސަރުކާރުން ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅައިފައިވާ އެތައް ބަޔަކަށް ފްލެޓް ނުލިބުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ބޯހިޔާވަހިކަމަކީ އަސާސީ ހައްގަކަށް ވާއިރު އެކަމަށް ހައްލު ހޯދުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ނިޝާން ވިދާޅުވިއެވެ.