Advertisement
ކ. މާލެ
|
27 އޮކްޓޯބަރ 2025 | ހޯމަ 14:44
މ. މުލި - ނާލާފުށި ކޯޒްވޭގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓަރ މުއްތަލިބް (ވ) ރައީސް މުއިއްޒު އަރިހުގައި
މ. މުލި - ނާލާފުށި ކޯޒްވޭގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓަރ މުއްތަލިބް (ވ) ރައީސް މުއިއްޒު އަރިހުގައި
ރައީސް އޮފީސް
އައިކޮމް
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި
ހައުސިންގ މިނިސްޓްރީގެ މުވައްޒަފުން އަމުރަށް ނުކިޔަމަންތެރިވުމާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވަން އައިކޮމުން ނިންމައިފި
ހައުސިންގ މިނިސްޓްރީގެ ކުރީގެ އަދި މިހާރުގެ އިންފޮމޭޝަން އޮފިސަރުންނާއި ލީގަލް އޮފިސަރުގެ ބަޔާން ނަގައިފި

ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް ބުނެ އައި ރައީސް މުއިއްޒުގެ ސަރުކާރުން ފުލެޓާ ބެހޭ މައުލޫމާތެއް ނުދީގެން އެންމެ ފަހުން ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކަކާ ދެކޮޅަށް ދައުވާ ކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ނިންމައިފި އެވެ.

ދައުވާ ކުރަން ނިންމީ އައިކޮމް ގެ އަމުރަށް ހައުސިންގ މިނިސްޓްރީގެ ކަމާ ބެހޭ މުވައްޒަފުން ނުކިޔަމެންތެރި ވުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އައިކޮމް އިން ބުނީ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް ގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމުގައެވެ.

އައިކޮމް އިން އިތުރަށް ބުނި ގޮތުގައި މައްސަލަ ހުށަހެޅުމުގެ ގޮތުން ހައުސިންގ މިނިސްޓްރީގެ ކުރީގެ އިންފޮމޭޝަން އޮފިސަރ ޒަހާނަތު، އަދި މިހާރުގެ އިންފޮމޭޝަން އޮފިސަރު މިފްޒަލް އަދި ލީގަލް އޮފިސަރ އީމަން ގެ ބަޔާން މިހާރު ނަގާފައިވާ ކަމަށެވެ.

އައިކޮމް އިން މަސައްކަތް ކުރަމުން ގެންދަނީ އަންނަ ހަފްތާ ގައި މައްސަލަ ޕީޖީ އަށް ފޮނުވުމަށެވެ.

މައުލޫމާތު ހޯދައި ލިބި ގަތުމުގެ ހައްގުގެ ގާނޫނު ގެ 65 ވަނަ މާއްދާ ގައި ބަޔާން ކޮށްފައި ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކާ މެދު އިސްތިއުނާފު ކޮށް އަދި އެ ނިންމުމަށް އަމަލު ވެސް ނުކޮށް ވަނިކޮށް 45 ދުވަސް ފާއިތުވެއްޖެ ނަމަ އެ ފަރާތަކާ މެދު ގާނޫނީ ގޮތުން ކޮށްފައިވާ އަމުރަށް ނުކިޔަމަންތެރިވުމުން އަމަލު ކުރާ އުސޫލުން އަމަލު ކޮށް ދިނުމަށް ޓަކައި ޝަރުއީ ކޯޓަށް ފޮނުވައި ދިނުމަށް އެދި ޕީޖީ އޮފީހަށް އައިކޮމް އިން ހުށަހެޅިދާނެ ކަމަށެވެ.

މި މައްސަލަ އަކީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނު ގެ ދަށުން 04 އޮކްޓޯބަރު 2025 ގައި އައިކޮމް އަށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލަ އެކެވެ.

އެ ފަރާތުން އެދިފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓް ލިބުނު މީހުންނާ ބެހޭ ގޮތުން އެންޓި ކަރަޕްޝަން ކޮމިޝަނުން ހިންގި ތަހުގީގުގައި އޭނާ އަކީ ފްލެޓް ލިބިފައިވާ މީހެއް ތޯ ނުވަތަ ނޫންތޯ ސާފު ކުރުމަށެވެ.

ހައުސިންގ މިނިސްޓްރީން މި މައުލޫމާތު ދޭން ދެކޮޅު ހަދާފައިވާއިރު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެ މަނިކުފާނުގެ ސަރުކާރެއް ގައި ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށާއި އާރުޓީއައި ހުށަހަޅަން ނުޖެހޭނެ ކަމަށް ވައުދުވެވަޑައިގަންނަމުންނެވެ.

- ކޮމެންޓް