ސްޕެނިޝް ލީގުގައި ރެއާލް އޮވިއެޑޯއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މެޑްރިޑު މޮޅުވެއްޖެ އެވެ.
ރެއާލް އޮވިއެޑޯގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ރެއާލް މެޑްރިޑުން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރެއާލް އިން އެއް ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި އެ ޓީމުން ވަނީ އަނެއް ދެ ލަނޑު ޖަހައިފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ރެއާލް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ. އެ ލަނޑު ޖަހަން އެމްބާޕޭ އަށް ފުރުސަތު ތަނަވަސްކޮށްދިނީ އާޑާ ގުލާ އެވެ.
އޭގެ ފަހުން ވެސް މެޗުގައި ރެއާލް އަށް ވަނީ އިތުރު ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަަމަވާން ހަތް މިނެޓަށް ވެފައި ވަނިކޮށް، އެމްބާޕޭ ވަނީ ރެއާލްގެ ދެ ވަނަ ލަނޑު ޖަަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެއީ ވިނީޝިއުސް ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެމްބާޕޭ ޖެހި ލަނޑެކެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަަމަވެ އިތުރަށް ދެއްކި ވަގުތުގައި ރެއާލްގެ ތިން ވަނަ ލަނޑު ޖެހީ ވިނީިޝިއުސް އެވެ. އެ ލަނޑު ޖަހަން ވިނީިޝިއުސް އަށް ފުރުސަތު ތަނަވަސްކޮށްދިނީ ބްރަހިމް ޑިއާޒް އެވެ. މެޗުގައި ވިނީޝިއުސް ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ޒަބީ އަލޮންސޯ ބުނެފައި ވަނީ، ރެއާލްގެ ސްކޮޑުގައި 20 ކުޅުންތެރިންނަށް ވުރެ ގިނަ ކުޅުންތެރިން ތިބިއިރު، ކޮންމެ ކުޅުންތެރިޔަކީ ވެސް މުހިންމު ކުޅުންތެރިޔެއް ކަމަށެވެ. އެގޮތުން މެޗުތަކުގައި ބަދަލު ތަކެއް ފެންނަ ނަމަ، އެއީ ޓީމަށް އެންމެ ރަނގަޅަށް ގެންނަ ބަދަލު ތަކެއް ކަމަށް ވެސް އަލޮންސޯ ބުންޏެވެ.
މީގެ އިތުރުން ވާހަަކަ ދައްކަމުން އަލޮންސޯ ބުނެފައި ވަނީ، އެއް ދުވަހުން އަނެއް ދުވަހަށް ފެންނަނީ ރެއާލް ކުރިއަރަމުން އަންނަ މަންޒަރު ކަމަށެވެ. ޚާއްސަކޮށް މިހާރު ރެއާލް އިން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ ވެސް ފެންނަމުންދާ ކަމަށް އަލޮންސޯ ބުންޏެވެ. އެގޮތުން ބަލާއިރު، މިވަގުތު ރެއާލްގައި އޮތީ ރަނގަޅު ރޫޙެއް ކަމަށާއި، އޭނާ އަށް ކުރެވެނީ އުފާވެރި އިޙުސާސެއް ކަމަށް ވެސް އަލޮންސޯ ބުނެފައިވެ އެވެ.
އިތުރަށް ވާހަކަ ދައްކަމުން އަލޮންސޯ ބުނެފައި ވަނީ މެޗުގެ ފުރަތަމަ ހާފުގައި ރެއާލް އަށް، އެ ޓީމު އެންމެ ބޭނުންވާ ކުޅުން ނުދެއްކުނު ކަމަށާއި، އުނދަގޫ ތަކެއް ކުރިމަތިވި ކަމަށެވެ. ނަމަވެސް، މެޗުގެ ދެ ވަަނ ހާފުގައި ފެނުނު ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި ހުރި ކަމަށް އަލޮންސޯ ބުންޏެވެ.
ލީގުގައި ރެއާލް އަށް ދެން އޮންނާނީ އަމިއްލަ ދަނޑުގައި މަޔޯކާއާ ދެކޮޅަށް ކުޅޭ މެޗެވެ.