މި އަހަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރާކާތްތަކުގައި ބައިވެރިވަޑައިގަތުމަށް ރައީސް ޑރ. މުއިއްޒު ހއ. އުތީމަށް ވަޑައިގެންފިއެވެ.
މިދަތުރުފުޅުގައި ރައީސް މުއިއްޒުގެ ދެކަނބަލަންގެ އިތުރުން ނައިބުރައީސް ހުސައިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲވެސް އެ ރަށަށް ވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގައި އުތީމުގައި ބާއްވާ މިއަހަރުގެ ގައުމީ ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި އަހަރުގެ ގައުމީ ދުވަހުގެ ޖަލްސާގައި ދިވެހި ދައުލަތުގެ ޢިއްޒަތް ލިބިވަޑައިގަންނަވާ ބޭފުޅަކަށް ޢިއްޒަތް އެރުވުމުގެ އިތުރުން، ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖާއި ހަނދާނީ ލިޔުން އެރުވުން އޮންނާނެއެވެ. އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ހަނދާނީ ފިލައާއި ލިޔުން އެރުވުންވެސް އޮންނާނެއެވެ.
މީގެ އިތުރުން، އުތީމުގައި އަލަށް ތަރައްޤީކުރާ ބޮޑުތަކުރުފާނު ގޭޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައިވެސް ރައީސް މުއިއްޒު ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މި މަޝްރޫޢަކީ އުތީމު ސަރަހައްދު އިތުރަށް ތަރައްޤީކޮށް، ތާރީޚީ މި ރަށުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ހިންގޭ މުހިންމު މަޝްރޫޢެކެވެ.
ރާއްޖޭގައި ގައުމީ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް ރަބީޢުލްޢައްވަލްމަހުގެ 1 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ، 15 އަހަރާއި 6 މަސް ދުވަހުގެ ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންކުރެއްވި އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުންގެ ހަނދާނުގައެވެ. އަދި އެ މަތިވެރި ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ބަޠަލުންގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.