ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފިފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަދި ރައީސް މުއިއްޒު ހުކުރު ދުވަހު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗު ބަލަން އައި މީހުންގެ ތެރެއިން، އިސްރާއީލާ ދެކޮޅަށް ޝުއޫރު ފާޅުކޮށް ބޯޑުތައް ހިފައިގެން ތިބި މީހުން ދަނޑުން ބޭރުކޮށްފިއެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑުއުފުލާ ކަމަށް ދައުވާކުރާ ރައީސް މުއިއްޒުގެ ސަރުކާރުން މިފަދަ ފިޔަވަޅެއް އެޅުމަކީ ގިނަ ފަރާތްތަކުން ނުރުހުން ފާޅުކުރާ ކަމެކެވެ. ބެލެވޭ ގޮތުގައި މިއީ އިސްރާއީލަށް ފުރިހަމައަށް ތާއީދުކުރާ ފީފާގެ ރައީސް އިންފަންޓީނޯ ރުއްސުމަށް ރައީސް މުއިއްޒުގެ ސަރުކާރުން އެޅި ފިޔަވަޅެކެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ދައްކާ ގޮތުގައި، ފީފާ އިން އިސްރާއީލް ބޭރުކުރުމަށް ގޮވާލާ ޕޯސްޓަރުތަކާއި ބެނާތައް ހިފައިގެން ތިބި ދިވެހި މުސްލިމް ރައްޔިތުން ވަނީ ސުލްހަވެރިކަމާއެކު އެމީހުންގެ ޝުއޫރުތައް ފާޅުކުރަމުން ގެންގޮސްފައެވެ. އަދި ގިނަ އަދަދެއްގެ ފަލަސްތީނުގެ ދިދަތައްވެސް ދަނޑުތެރޭގައި ފެނުނެވެ. ނަމަވެސް ކުއްލިގޮތަކަށް ފުލުހުން އައިސް މި ފަރާތްތައް ދަނޑުން ބޭރުކުރި މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ.
ސުލްހަވެރިކަމާއެކު ދިވެހިން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ފީފާގެ ރައީސް ކުރިމަތީގައި އަޑުއުފުލުމަށް ކުރި މަސައްކަތަށް ސަރުކާރުން މިވަނީ ފާޅުގައި ބާރުގެ ބޭނުން ކޮށްގެން ހުރަސް އަޅާފައެވެ. ދިވެހިން ދިވެހީންގެ އަމިއްލަ ފަސްގަނޑުގައި ދިވެހީންގެ ޚިޔާލާއި ފިކުރު ފާޅުކުރުމުގެ މިނިވަންކަން ރައީސް މުއިއްޒުގެ ސަރުކާރުން މިވަނީ އެންމެންގެ ކުރިމަތީގައި ނަގާލާފައެވެ.
ސުލްހަވެރިކަމާއެކު ހިޔާލުފާޅުކުރުމަކީ ޤާނޫނުއަސާސީ ކަށަވަރުކޮށްދޭ ޙައްޤެއް.
— Ahmed Mauroof (@ahmedmauruf) October 24, 2025
ހުތުރު ބަހުން މުހާތަބުކުރުން ނުވަތަ މީހުންނަށް ހާނިއްކަކުރުން ނުވަތަ ތަކެއްޗަށް ގެއްލުންދިނުމުން ނޫނީ އެމީހުން ނުނެރެވޭނެ.
ފުލުހުން އެ ކުރީ ޤާނޫނާ ހިލާފު ޢަމަލެއް.
އިދާރާތަކަށް މި މައްސަލަ ހުށަހަޅަންވާނެ. https://t.co/XJsHukyE4K
އެމްޑީޕީ ގެ ލީގަލް ޑިރެކްޓަރ ޤާނޫނީ ވަކީލު އަހްމަދު މައުރޫފް ވިދާޅުވި ގޮތުގައި ސުލްހަވެރިކަމާއެކު ހިޔާލުފާޅު ކުރުމަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްޤެކެވެ. ހަޑިހުތުރު ބަހުން މުހާތަބު ކުރުމުން ނުވަތަ މީހުންނަށް ގެއްލުމެއް ދިނުމުން މެނުވީ އެއްވެސް މީހަކު އެތަނުން ނެރުމުގެ ބާރު ފުލުހުންނަކަށް ނޯންނާނެ ކަމަށް މައުރޫފް ފާހަގަ ކުރެއްވި އެވެ. ފުލުހުން އެ ކުރީ ޤާނޫނާ ހިލާފު ޢަމަލެއް ކަމަށާއި ކަމާބެހޭ އިދާރާތަކަށް މި މައްސަލަ ހުށަހަޅަން ވެސް މައުރޫފް ވަނީ ގޮވާލައްވާފައެވެ.
އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާ ގުޅިގެން، ދުނިޔޭގެ އެތައް ޤައުމަކާއި މަޝްހޫރު ކުޅުންތެރިން ވަނީ ފީފާ އިން އިސްރާއީލް ބޭރުކުރުމަށް ގޮވާލާފައެވެ. ނަމަވެސް ފީފާ އިން މިހާތަނަށް އެއްވެސް ފިޔަވަޅެއް އިސްރާއީލާއި ދެކޮޅަށް އަޅާފައެއް ނުވެއެވެ. އިސްރާއީލާ ދެކޮޅަށް ފިޔަވަޅު ނާޅާތީ ފީފާ އަށް ފާޑު ކިޔާ ފަރާތްތަކުން ބުނެފައިވަނީ ރަޝިޔާ އިން ޔުކްރެއިން ގައި ފެށި ހަނގުރާމަ އާ ގުޅިގެން ފީފާ އިން ރަޝިޔާ ސަސްޕެންޑު ކުރި އިރު އިސްރާއީލުން ޣައްޒާ ގައި ހިންގާފައިވަނީ މާ ނުބައި އަމަލު ތަކެއް ކަމުގައިި ކަމަށާއި އިސްރާއީލަށް ފިޔަވަޅު ނާޅަނީ ފީފާގެ ދެފުށް ދެގޮތް ކަމުން ކަމުގައެވެ.
މި ހާދިސާ އާ ގުޅިގެން ގިނަ ރައްޔިތުން ވަނީ ސޯޝަލް މީޑިއާގައި ސަރުކާރުގެ މި ޢަމަލާމެދު ނުރުހުން ފާޅުކޮށްފައެވެ. އަދި ފަލަސްތީނުގެ މައްސަލައިގައި ސަރުކާރުން ދައްކަމުންދާ ވާހަކަތަކަކީ ދެފުށް ދެގޮތް، މާނައެއް ނެތް ވާހަކަތަކެއްކަން މި ހާދިސާ އިން ސާބިތުވެގެން ދިޔަކަމަށް ގިނަ ފަރާތްތަކުން ފާހަގަކުރަމުންދެއެވެ.