ހައުސިންގ ޑިވަލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ގޯތި ވައްކަމުގެ މައްސަލަ ފަޅާއަރާފައި އޮއްވާ އެތަނުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޑިވެލޮޕްމަންޓް އޮފީހުން ވަގަށްނަގައި ވިއްކާލި ލެޕްޓޮޕްތަކުގެ މައްސަލައިގައި ތ. ގާދިއްފުށި މިރިޔާސްގެ، ޙަސަން ޝަކީބުގެ މައްޗަށް 9 މަހާއި 18 ދުވަހުގެ ޖަލު ޙުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.
މި މައްސަލައިގައި ޙަސަން ޝަކީބު ވަނީ 2024 ވަނަ އަހަރުގެ ޑިސެންބަރު 21 ވަނަ ދުވަހު އެޗްޑީސީގެ އޮފީހަށް ވަދެ، ޑެލް ބްރޭންޑްގެ 5 ލެޕްޓޮޕް ވަގަށް ނަގައި، އެ ތަކެތި ބ. ފުޅަދޫ އުދަރެސް، ޙަސަން ޢަޒްލީފްއަށް 1,700 ރުފިޔާއަށް ވިއްކާލާފައެވެ.
ކްރިމިނަލް ކޯޓުގެ ޤާޟީ ޢަލީ ނަދީމް ބެއްލެވި މި މައްސަލައިގައި ޙަސަން ޝަކީބު ވަނީ ކުށަށް އިޢުތިރާފުވެފައެވެ. އޭނާގެ އިޢުތިރާފަކީ އެއްވެސް މަޖުބޫރުކަމެއް، ނުފޫޒެއް ނުވަތަ ބިރުދެއްކުމަކާ ނުލައި، އަމިއްލަ އިޚްތިޔާރުގައި ވެފައިވާ އިޢުތިރާފެއްކަން ކޯޓުން ފާހަގަ ކޮށްފައިވެއެވެ.
މި ކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައެޅިފައިވާ ކުށެކެވެ. މި ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ޙުކުމެކެވެ. ނަމަވެސް ޝަކީބު ކުށަށް އިޢުތިރާފުވެ، ޝަރީޢަތަށް އެއްބާރުލުން ދީފައިވާތީ، އަދަބު ލުއިކޮށް 9 މަހާއި 18 ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައިވެއެވެ.