Advertisement
ކ. މާލެ
|
16 ނޮވެންބަރ 2025 | އާދީއްތަ 23:29
އާބަން ބޮލަވާޑުގައި ކެފޭ އަދި ރެސްޓޯރެންޓް ހަދަން ހަވާލުކުރުން
އާބަން ބޮލަވާޑުގައި ކެފޭ އަދި ރެސްޓޯރެންޓް ހަދަން ހަވާލުކުރުން
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ހުޅުމާލެ
ހުޅުމާލޭ ފޭސް 1 ގެ ޗެނަލް ޕާކުގައި ކެފޭ ތަރައްގީކުރަން ހަވާލު ކުރި ފަރާތްތަކަށް ދީފައިވާ ބިންތައް އެޗްޑީސީ އިން އަތުލައިފި
ކެފޭ އަދި ރެސްޓޯރެންޓް ތަރައްގީ ކުރުމަށް ހަވާލު ކުރި ބިންތައް އަތުލީ އެދެވޭ މަސައްކަތެއް ނުކުރާ ކަމަށް ބުނެ
ފެނާއި ކަރަންޓު ފޯރުކޮށް ނުދިނުމާއި ޕާކިން ސަރަހައްދު ނެތުމާއި މަގުތައް ހިއްކާފައި ނުވާ ކަމަށް ބުނެފައިވޭ

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ޗެނަލް ޕާކުގައި ކެފޭ އަދި ރެސްޓޯރެންޓް ތަރައްގީ ކުރުމަށް ހޮވިފައިވާ ފަރާތްތަކަށް އެޗްޑީސީ އިން ދިން ބިންތައް އަތުލި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ހުޅުމާލޭގެ ދެ ފޭސް ގުޅޭ ސަރަހައްދު ތަރައްގީ ކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށާފައިވާ އާބަން ބުލެވާޑުގެ މަޝްރޫއުގެ ތެރެއިން އެ ސަރަހައްދުގައި ކެފޭ އަދި ރެސްޓޯރެންޓް ތަރައްގީކުރުމަށް 6 ފަރާތަކާ ހަވާލު ކޮށްފައިވަނީ 2023 ވަނަ އަހަރުގެ މާޗު މަހުގަ އެވެ.

އެ ހަ ކުންފުންޏަކީ ޑްރީމްސް ޕްރައިވެޓް ލިމިޓަޑް، ދިވެހިރާއްޖޭގެ ނަން މަޝްހޫރު ފްރޭންޗައިޒް ކަމުގައިވާ ޑައިން-މޯ ރެސްޓޯރެންޓް، މިސްރާބު ޕްރައިވެޓް ލިމިޓެޑް، ބްރަދާސް ކޭޓަރިންގ، ރެފްކޫލް އަަދި ސެލްސިއަސް ޕްރައިވެޓް ލިމިޓެޑް އެވެ.

އެ ކުންފުނިތަކަށް ދީފައިވާ ބިން އަތުލާފައި ވަނީ އެތަނުގައި އެއްވެސް އެދެވޭ މަސައްކަތެއް ނުކުރާ ކަމަށް ބުނެ އެވެ.

މި 6 ފަރާތަށް ދީފައިވާ ބިން އަތުލާފައިވާއިރު މިކަމާ ގުޅިގެން އެ ކުންފުނިތައް ގުޅިގެން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރަށް ވަނީ ސިޓީ އެއް ވެސް ފޮނުވާފަ އެވެ. އެ ސިޓީގައި ވަނީ މި މަޝްރޫއު ފެށުނީއްސުރެން ދިމާވެފައިވާ ގިނަ މައްސަލަތަކެއް ހައްލުނުވެ އޮތުމުން މަސައްކަތް ކުރިއަށް ނުގެންދެވޭ ކަން ފާހަގަ ކޮށްފަ އެވެ.

ސިޓީގައި ބުނެފައިވާ ގޮތުން، މި ބިންތައް ހޯދުމަށް ބިޑް ޕްރޮސެސްއެއްގައި ބައިވެރިވެ، 1.5 މިލިއަން ރުފިޔާއިން ފެށިގެން 3 މިލިއަން ރުފިޔާއާ ހަމައަށް އިކުއިޒިޝަން ފީ ދައްކާފައިވެ އެވެ. އަދި ކޮންމެ އަކަފޫޓަކަށް 400 ރުފިޔާއަށްވުރެ ބޮޑު އަގެއް ދައްކާފައިވާއިރު، މަހަކު ކޮންމެ އަކަފޫޓަކަށް 25 ރުފިޔާއަށްވުރެ ބޮޑު ކުލި ދައްކަމުންދާ ކަމަށް ބުނެފައިވެ އެވެ.

އެ ސިޓީގައި ބުނީ އެ މަޝްރޫއަށް ދީފައިވާ ބިންތަކުގެ ސައިޒަކީ 1،700 އަކަފޫޓުން ފެށިގެން 3،200 އަކަފޫޓާ ހަމައަށް ހުރި ސައިޒުތަކެއް ކަމަށްވާއިރު، އިމާރާތް ކުރެވޭނީ އެންމެ 1،000 އަކަފޫޓުގެ ސަރަހައްދެއްގައި ކަމަށް ބުނެފައިވާ ކަމަށެވެ.

އޭގެ އިތުރުން ފެނާއި ކަރަންޓު ފޯރުކޮށް ނުދިނުމުން ކޮންސްޓްރަކްޝަން މަސައްކަތް ނުފެށި ލަސްވަމުންދާ ކަން އެޗްޑީސީގެ ސަމާލު ކަމަށް ވެސް ގެނެސްފައިވާ ކަން ފާހަގަކޮށްފައި ވެއެވެ. އަދި ޕާކިން ސަރަހައްދު ނެތުމާއި، ޗެނަލް ޕާކަށް ދާ މަގުތައް ވެސް ހިއްކާފައި ނުވާތީ އެކަމުގެ ސަބަބުން ދިމާވާ ދަތިތަކާ ވެހިކަލް ލޯޑިންގ އާއި އަންލޯޑިންގ އަށް ސަރަހައްދެއް ނެތުމުގެ ސަބަބުން ދިމާވާ މައްސަލަތައް ވެސް އެޗްޑީސީ ގެ ސަމާލު ކަމަށް ގެނަސްފައި ވާ ކަމަށް ވެސް ބަޔާން ކޮށްފައި ވެއެެވެ.

އޭގެ އިތުރުން އެ ސަރަހައްދުގައި ދޭތެރެއިން ފެން ބޮޑުވާ މައްސަލައާއި އެޗްޑީސީން މީގެ ބައެއް ވިޔަފާރި ސަރަހައްދުތަކުގައި އިތުރު ފަންގިފިލާތައް އިމާރާތްކުރުމަށް ހުއްދަ ދީފައިވާއިރު ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތެއް ލިބިފައި ނުވާ ކަން ވެސް އެޗްޑީސީ ގެ ސަމާލުކަމަށް ގެނަސްފައި ވާ ކަމަށް ސިޓީގައި ވެއެވެ.

ސިޓީގައި ފާހަގަކޮށްފައިވާ ގޮތުން، ފޭސް 2 ގެ ޗެނަލް ޕާކުގެ ބިންތައް ދިނުމުގައި ހަމަހަމަ ކަމެއް ނެތް އިރު، އިކުއިޒިޝަން ފީ އާއި މަހުގެ ކުލީގެ ތަފާތުތައް ހުރި ކަމަށް ވެސް މައްސަލަ ހުށަހެޅި ފަރާތުން ބުނެފައި ވެއެވެ.

ފޭސް 1 ގައި ކެފޭ އަދި ރެސްޓޯރެންޓު ތަރައްގީކުރާ ފަރާތްތަކުން ބުނީ، ފޭސް 2 ގައި ކެފޭ އަދި ރެސްޓޯރެންޓް ތަރައްގީކުރާ ފަރާތްތަކަށް އިމާރާތް ކުރާނެ އިތުރު ސަރަހައްދު ދީފައިވާއިރު އެމީހުންނަށް އާމްދަނީ ހޯދިދޭނެ އިތުރު ގޮތްތައް ވެސް މަގުފަހިވެފައިވާ ކަމަށެވެ. އެހެން ކަމުން ފޭސް 1 ގައި ކެފޭ އަދި ރެސްޓޯރެންޓް ތަރައްގީކުރާ ފަރާތްތަކުން ބޮޑު އަގެއް ދައްކާއިރު ކުޑަ ސަރަހައްދެއް ދީފައިވުމަކީ އިންސާފުވެރި ކަމެއް ނޫންކަމަށް ވެސް އެ ފަރާތުން ބުނެ އެވެ.

ސިޓީގައި ބުނީ މި މައްސަލަތައް އެޗްޑީސީއާ ހިއްސާކުރި ނަމަވެސް އެދެވޭ އެއްވެސް ހައްލެއް ލިބިފައި ނުވާ ކަމަށެވެ. އަދި މި މައްސަލަތައް ހައްލުކުރުމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރާ ބައްދަލުކޮށް، އެއްބަސްވުމަކަށް އައުމަށް ފުރުސަތު ދިނުމަށް އެދިފައި ވެއެވެ.

- ކޮމެންޓް