އަތޮޅު ކައުންސިލްތައް އުވާލާ ރަށު ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު ކުޑަކުރަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މަތިވެރީ ރައްޔިތުންނާ ބައްދަލުކުރައްވައި އަންގާރަ ދުވަހުގެ ރޭ ދެއްކެވި ވާހަކަފުޅު ގައެވެ.
ރައީސް ވިދާޅުވީ، އަތޮޅު ކައުންސިލްތަކަކީ އެއް ގޮތަކަށް ވެސް ބޭނުން ހުރި ތަންތަނެއް ނޫން ކަމުގައެވެ. އަދި އެކަމަށް ރަށު ކައުންސިލްތައް ހެކިވާނެ ކަމުގައެވެ.
ރައްޔިތުންގެ މަޖިލީހަށް ބިލު ފޮނުވުމުގެ ކުރިން ޔަގީން ކަމާ އެކު ރައީސް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާއިރު އަތޮޅު ކައުންސިލް އިންތިޚާބު ކުރުމަށް ވޯޓުލާކަށް ނުޖެހޭނެ ކަމަށެވެ.
"އެއީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން. އެހެންވީމާ ޤާނޫނު އަސާސީ އިސްލާޙް ކުރާނަން."
ލާމަރުކަޒީ ޤާނޫނަށް ކުރިއަށް އޮތް ތަނުގައި ކައުންސިލްތަކާއި ޑަބްލިޔުޑީސީ މެމްބަރުން ހޮވުމުގައި ގެންނަ އިސްލާޙްތަކުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ދެން ހުޅުވޭ އިރުޤަނޫނު އަސާސީ އަށް ގެންނަން ޖެހޭ އިސްލާޙް ހުށަހަޅުއްވާނެ ކަމަށެވެ.
މުއިއްޒު ފާހަގަ ކުރެއްވި ގޮތުގައި 2000 މީހުންނަށް ވުރެ ކުޑަ އާބާދީތަކުގެ ރަށްތަކުގެ ކައުންސިލަށް ދެން އިންތިޚާބު ކުރާނީ 3 މެމްބަރުން ކަމަށާއި، 2000 އަށް ވުރެ ބޮޑެތި ރަށްތަކަށް އިންތިޚާބު ކުރާނީ 5 މެމްބަރުން ކަމަށެވެ.
ސިޓީ ކައުންސިލްތައް މިހާރު އުފެދިފައިވާ ގޮތައް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް އަކީ މުޅި ރައްޔިތުން ވޯޓު ދީގެން ހޮވާ ފުލްޓައިމް މީހަކަށް ބަދަލުކުރުމަށް ގާނޫނަށް އިސްލާޙް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ސިޓީތަކުގެ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ އަށް ބޮޑު ބަދަލެއް ނާންނާނެ ކަަމަށް ވެސް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމަށް ގާނޫނު އަސާސީ އަށް ގެންނަންޖެހޭ އިސްލާޙުވެސް މަޖިލިސް ދެން ހުޅުވޭ އިރު ހުށަހަޅުއްވާނެ ކަމަށާއި، އެ އިސްލާހު ފާސްވުމުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.