Advertisement
ކ. މާލެ
|
19 އޯގަސްޓް 2025 | އަންގާރަ 22:27
ރަށެއްގެ ބަނދަރުމަތީ ގައި ހަދަން ފަށާފައިވާ ރަށްވެހި ގެއެއް ހުއްޓިފައި
ރަށެއްގެ ބަނދަރުމަތީ ގައި ހަދަން ފަށާފައިވާ ރަށްވެހި ގެއެއް ހުއްޓިފައި
ސޯޝަލް މީޑިއާ
ތަރައްގީގެ މަޝްރޫއު
ކަންކަން ނިންމަމުން މިދަނީ ވަރަށް އެފިޝަންޓް ކޮށް، އެއްބައްދަލުވުން ނިމޭ ގޮތައް: ރައީސް
ރައީސް މުއިއްޒު ރަށްރަށަށް ކުރައްވާ ދަތުރުތަކަކީ ވަރަށް އެފިޝަންޓްކޮށް ކަންކަން ނިންމޭ ދަތުރުތަކެއް ކަމަށް ވިދާޅުވި
މިނިސްޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން ގޮވައިގެން ދަތުރުކުރައްވަނީ އެއްފަހަރާ ހުރިހާ ކަމެއް ހައްލުކުރެއްވުމަށް
ރަށްރަށުގެ ގިނަ ކައުންސިލްތަކުން ފާހަގަކުރަނީ ތަރައްގީގެ މަޝްރޫޢުތައް ނުހިނގާ ހުއްޓިފައިވާ މައްސަލަ

ރަށްރަށުގެ ކަންކަން ނިންމަމުން މިދަނީ ވަރަށް އެފިޝަންޓް ކޮށް ކުރު ވަގުތެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަރިއަތޮޅު އުތުރުބުރި އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އއ. ހިމަންދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ އަންގާރަ ދުވަހު ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރަށްރަށަށް ދަތުރު ކުރައްވަނީ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް، އެއް ބައްދަލުވުމަކުން، އެއް ދަތުރެއްގެ ތެރެއިން ކިޔައިދީ، ކަންކަމަށް ޙައްލު ގެނެސްދިނުމަށްޓަކައި ކަމަށެވެ.

ސަރުކާރު ހިންގުން ދޯދިޔާވެ، ޚިދުމަތް ހޯދަން ދާ މީހުންނަށް އޮފީސްތަކުން ލިބެން ޖެހޭ ޚިދުމަތްތައް ލިބުމުގައި ވަރަށް ބޮޑަށް އުނދަގޫ ތައް ކުރިމަތިވެފައިވާ އަޑުތައް ފެތުރިފައި ވާއިރު، ހުރިހާ މިނިސްޓަރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިން މުއިއްޒު ވަޑައިގަންނަވާ ހުރިހާ ތަނެއް ގައި އަބަދާ އަބަދު ތިއްބަވަން ޖެހޭ މަންޒަރު ވެފައިވަނީ އާންމު ކަމަށެވެ. އަދި އެކަމަށް އާންމުން ގެންދަނީ ފާޑު ކިޔަމުންނެވެ.

މުއިއްޒު ވިދާޅުވީ، "މި ކަމަށް ފާޑު ކިޔާނީ އެހާބޮޑަށް ނުވިސްނޭތީ" ކަމަށެވެ.

މުއިއްޒު ވިދާޅުވީ، މި ދަތުރުތައް މިކުރަނީ، ރަށްރަށުގައި ހުރި، ހުރިހާ މަޝްރޫޢުތަކެއް ހިންގަވާ ބޭފުޅުންނާ އެކީގައި ކަމަށާއި، މިގޮތަށް މިކަން ނުކުރީމާ ވަރަށް އިންއެފިޝަންޓް ކަމަށެވެ.

"މިސާލަކަށް، ކައުންސިލް މި ދާން ޖެހެނީ މާލެއަށް. ސްކޫލްގެ ޕްރިންސިޕަލް، ނޫނީވިއްޔާ ސްކޫލްގެ ޓީމެއް ދާންޖެހެނީ މާލެއަށް. ޞިއްޙީ މަރުކަޒުގެ ޓީމެއް މި ދާން ޖެހެނީ އެ ބޭފުޅުން ކަމެއް އޮތީވިއްޔާ މާލެއަށް. ފެނަކަ ޓީމުން، ފެނަކައިން ކަމެއް ދިމާވީމާ، އިންޖީނުގެ، މިތާ ސްޓެލްކޯ ހުންނަނީ." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، މައްސަލައެއް ޙައްލު ކުރަން ވުމުން މަޝްވަރާ ކުރަން މާލެއަށް ގޮސް ކަމެއް ހައްލު ވަނީ އެތައް ބައްދަލުވުމަކުން، އެތައް ދުވަހަކުން ކަމަށެވެ.

"ކައުންސިލުން ބޭނުންވާ ކަންކަން، ދެންހުރި ކަންކަން ޙައްލުކުރަން، ވަކިވަކި ބައްދަލުވުންތައް، ވަކި ދަތުރުތައްކޮށް، މާލެއަށް ގޮސް، އެކި ދުވަސްވަރު މަތިން،" ކަންކަން ހަމަ ޖެހެން ވަރަށް ދިގުލައިގެން ދާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އެމަނިކުފާނު މި މަސައްކަތް މިގޮތަށް ފެށުމާ ހަމަޔަށް އޮތީ "ދިޔުޅިދިގު، އިންއެފިޝަންޓް ނިޒާމެއް" ކަމަށެވެ.

މުއިއްޒު ވިދާޅުވީ މިހާރު އަމަލު ކުރައްވާ ގޮތުން އެއް ބައްދަލުވުމުން، ރަށުގައި ހުރި ހުރިހާ ކަމެއް ހައްލު ވެގެން ދާ ކަމަށެވެ.

"މަޝްވަރާ ކުރަންވާ ކަންކަން ނިމި، ވަރަށް އެފިޝަންޓްކޮށް، ކުރުވަގުތެއްގައި، ކަންކަން އެ ޙައްލުވަނީ. އެހެންވީމާ މިއީ، އަޅުގަނޑު މިކަން ކުރަން މި ބޭނުންވާ ގޮތަކީ."

މުއިއްޒު ވިދާޅުވީ މީގެ އާޚިރު ނަތީޖާ އަކީ، ރައްޔިތުންނަށް ވެސް އެއިން ފައިދާ ވެ ހިތްހަމަޖެހުން ލިބޭ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މި ގޮތައް ދަތުރު ކުރައްވަނީ މި ބޭނުމުގައި ކަމަށެވެ.

"މިކަމުގެ ނަތީޖާ ވަރަށް ރަނގަޅުވާނެ" ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެހެން ނޫނީ، ސިޓީ ފޮނުވައިގެން، ސިޓީބިޓީގެ ޖަވާބުތައް ލަސްވެ، އޭގެ ސަބަބުން ކަންކަން ނުވެ އެދާ ދިޔުމުން، ހަމަ ހުރިހާ ގެއްލުމެއް ރައްޔިތުންނަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް އެފިޝަންޓް މަަސައްކަތްތަކެއް ކުރައްވާ ކަމަށް މުއިއްޒު ވިދާޅުވި އިރު، މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅު ތަކުގައި ވެސް އެންމެ ބޮޑަށް ކައުންސިލު ތަކުން ފާހަގަ ކުރަނީ ސަރުކާރަށް މިވީ މުއްދަތުގެ ތެރޭގައި ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ނުހިނގާ ހުއްޓިފައި ހުރި މަައްސަލައެވެ.

އޭގެ އިތުރުން ރަށްރަށަށް ވަޑައިގެން ދެއްވާ ތާރީޚު ތަކާ އެއްގޮތައް ފަހުން މަސައްކަތްތައް ނުދާ ކަމުގެ ޝަކުވާ އަކީ ވެސް އާންމު ޝަކުވާ އެކެވެ.

- ކޮމެންޓް