ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް މީޑިއާތައް ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ދެވޭ ބޮޑު ޙަމަލާއެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޞާލިޙް ވިދާޅުވީ މީޑިއާތައް އުވާލައި، ވަކިވަކި ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ މިނިވަން ނޫސްވެރިކަން އެއްކޮށް ނައްތާލާނެ ބިލެއް ކަމަށެވެ. އަދި ދައުލަތުގެ ތިން ބާރަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އުފަލަމުންދާ މީޑިއާތަކުގެ މިނިވަންކަން ނަގާލުމަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިޔުމަށް ވެސް ރައީސް ޞާލިޙް ވަނީ ގޮވާލައްވާފަ އެވެ.
މީޑިއާ ނެތިކޮށްލުމުގެ ބޭނުމުގައި ހުށަހެޅި އެ ބިލަށް ވަރަށް ގިނަ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. ބިލު އަނބުރާ ގެންދަން މީޑިއާ ކައުންސިލުން ވެސް ވަނީ ގޮވާލައިފަ އެވެ.
އަދި އެ ބިލާ ދެކޮޅަށް އިދިކޮޅު އެމްޑީޕީގެ ލީޑާޝިޕުން ވާހަކަ ދައްކާފައިވާއިރު، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ މީޑިއާ ނެތިކޮށްލާ ބިލު ފާސް ކުރަން ސަރުކާރަށް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.
އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އެ ބިލު ހުށަހަޅާފައި ވަނީ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު އެވެ. އެ ބިލުގައި ބްރޯޑްކާސްޓަރުން އަދި ރާއްޖޭގައި ނޫސް މަޖައްލާތައް ހިންގުމުގައި އަމަލުކުރަން ޖެހޭ ހަރުކަށި އުސޫލުތަކެއް ކަނޑައަޅާފައިވެ އެވެ.
މީގެ ކުރިން ވެސް ތުޅާދޫ ދާއިރާގެ މެމްބަރު ވަނީ މީޑިއާ ތަކާ ގުޅުން ހުރި ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް މީޑިއާ ތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި، ދިވެހި ރައްޔިތުންގެ ޕްރެޝަރާ އެކު އެންމެ ފަހުން ވަނީ އެ ބިލު އަނބުރައި ގެންގޮސްފަ އެވެ.