Advertisement
ކ. މާލެ
|
19 އޯގަސްޓް 2025 | އަންގާރަ 15:49
އއ. މާޅޮހު ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލު ކުރެއްވުން
އއ. މާޅޮހު ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލު ކުރެއްވުން
ރައީސް އޮފީސް
އއ. މާޅޮސް
މާޅޮހުގައި ފަށާފައި ހުރި މަޝްރޫއުތައް ހުއްޓިފައި ވަނިކޮށް ރައީސް މުއިއްޒުގެ އިތުރު ބޮޑެތި ވައުދުތަކެއް
އއ މާޅޮހުގެ ޞިއްހީ މަރުކަޒު ތަރައްޤީ ކުރުމަށް އައު އިމާރާތެއް މިއަހަރު އަޅަން ފަށާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ
މާޅޮހު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިއްޖެ
ރައީސް މުއިއްޒު ވަނީ މާޅޮހުގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފަ

އަރިއަތޮޅު އުތުރުބުރީ މާޅޮހުގައި ފަށާފައި ހުރި މަޝްރޫއުތައް ހުއްޓިފައި ވަނިކޮށް، ޞިއްހީ މަރުކަޒު ތަރައްޤީ ކުރުމަށްޓަކައި މުޅިން އައު އިމާރާތެއްގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް ރައީސް މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި، ދަތުރުފުޅުގައި އެ އަތޮޅު މާޅޮހަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެރަށުގެ ޞިއްހީ މަރުކަޒުގައި ބަލިމީހުންނަށް ޚިދުމަތްދެމުންދާ އިމާރާތަކީ ވަރަށް ދުވަސްވެ ވީރާނާވެފައިވާ އިމާރާތެއްކަން ފާހަގަކުރައްވައި ރައިސް ވިދާޅުވީ މިއަހަރުގެ ތެރޭގައި ޞިއްހީ މަރުކަޒު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރުމަށް ބަޔަކާ ޙަވާލުކުރެވޭނެ ކަމަށެވެ. އެ މަޝްރޫޢު ކުރިއަށްގެންދާއިރު ލެބޯޓްރީގެ ޚިދުމަތް ވެސް ފުރިހަމަވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި، އއ. މާޅޮހުގެ ތަރައްޤީއަށް މުހިންމު އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކުރައްވާފައެވެ. އެއީ މާޅޮހު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމެވެ. މި މަޝްރޫޢަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވިދާޅުވީ، ރަށުގެ މަގުހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދަވާނީ ރަށުގެ ލޯކަލް ޓޫރިޒަމްގެ ކުރިއެރުމާއި ތަރައްޤީގެ ބޭނުންތަކަށް ބައްލަވައިގެން ކަމަށާއި އަދި، ރައްޔިތުން އެދިވަޑައިގަންނަވާގޮތަކަށް މަޝްރޫޢު ނިންމަވައިދެއްވާނެ ކަމަށެވެ.

މުއިއްޒު ވަނީ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވައިގެން ރަށުގައި ލޯކަލް ޓޫރިޒަމްގެ މަސައްކަތް ކުރާފަރާތްތަކާއި ރައްޔިތުންނަށް ބޭނުންހިފޭގޮތަށް، ރައްޔިތުންނަށް ބޭނުންކުރެވޭނެ ބީޗް ސަރަހައްދަކާއި ޓޫރިސްޓް ބީޗް ސަރަހައްދެއް ހިމެނޭގޮތަށް، ގޮނޑުދޮށް ހިމާޔަތްކުރެވޭނެ މަޝްރޫޢެއް ކުރިއަށް ގެންދެވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.

އަރިއަތޮޅު ރަންފަރު މާޅޮހުގެ އިޙުތިސާސްގެ ތެރޭގައި ހަމަޖައްސާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރަށުގެ ތަރައްޤީއަށްޓަކައި ބޭނުންވާ އިޤްތިޞާދީ ފައިދާ ހޯދުމަށް އެފަޅުގެ ބޭނުން ފުޅާދާއިރާއެއްގައި ހިފުމުގެ ފުރުޞަތު ރައްޔިތުންނަށް މިހާރު އެބައޮތް ކަމަށެވެ. ރައްޔިތުންނާ މަޝްވަރާކޮށްގެން، ސަރުކާރަށް ޕްރޮޕޯސަލް ހުށަހަޅައިގެން، ރަށުގެ ތަރައްޤީއަށްޓަކައި ކުރިއަށް ގެންދަން ބޭނުންވާ ކޮންމެ ކަމެއްގައި ސަރުކާރުން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ރައީސް ސާލިހް ސަރުކާރުން ކުރިއަށް ގެންދިޔަ މާޅޮހުގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ.

ކައުންސިލް މެންބަރުން ވަނީ، ހުއްޓިފައިވާ ސްކޫލް މަޝްރޫޢު އަދި ފުޓުބޯޅަ ދަނޑުގެ މަސައްކަތް އަވަހަށް ފައްޓަވައިދުއްވުމަށް މުއިއްޒު އަށް ދަންނަވާފައެވެ.

- ކޮމެންޓް