Advertisement
ކ. މާލެ
|
18 އޯގަސްޓް 2025 | ހޯމަ 17:38
ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށްފަހު ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށްފަހު ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ރާއްޖެ އޮންލައިން
ގެދޮރުވެރިޔާ ސްކީމް
ލިބިފައިވާ ފްލެޓް އެހެން ފަރާތަކަށް ދިނުން ހުއްޓުވަން ވަގުތީ އަމުރެއް ހޯދަން ކޯޓަށް ހުށަހަޅައިފި!
ސަރުކާރުން ނިންމާ ނިންމުން ތަކުގެ ސަބަބުން އެތަކެއްބަޔަކަށް ހައްގުވާ ފްލެޓް މިދަނީ ގެއްލެމުން
މުއިއްޒު ވިދާޅުވެފައި އޮތީ ނިމިދިޔަ ސަރުކާރުން ދީފައިވާ ފްލެޓްތައް އަތުނުލައްވާނެ ކަމަށާއި އަދި ފްލެޓްތައް ދޭން ނިންމާފައިވާ ގޮތަކަށް ބަދަލެއް ނުގެނެސް ދިންއެއްޗެއް ދިންގޮތަކަށް އެއަށްވުރެ ފުރިހަމަކޮށް ދެއްވާނެ ކަމަށް
ކުރީގެ ސަރުކާރުން ފްލެޓް ލިބޭނެކަމަށް ކަނޑައެޅި ފަރާތްތަކަށް މިހާރު ނުލިބޭނެކަމަށް އަންގާފައިވޭ

ގެދޮރުވެރިޔާ ސްކީމް ގެ ދަށުން އިމާރާތް ކޮށްފައިފާ 4000 ފްލެޓާ ގުޅޭގޮތުން ހުރި މައްސަލަތަކަށް ސަރުކާރު ތެރެއިން ހައްލެއް ހޯދަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން އާންމުންގެ ފަރާތުން މައްސަލަ ސިވިލް ކޯޓަށް ހުށަހަޅަން ފަށައިފި އެވެ.

ހޯމަ ދުވަހު އާންމުންގެ ފަރާތުން މިފަދަ ބައެއް މައްސަލަ ސިވިލް ކޯޓައް ހުށަހެޅުމަށް ފަހު، މި މައްސަލައިގައި ވަކާލާތު ކުރައްވާ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވީ ހޯމަ ދުވަހު ހުށަހެޅި މައްސަލައަކީ 4000 ފްލެޓާ ގުޅޭގޮތުން ސަރުކާރުން އެކި އިރު އެކި ގޮތަށް ނިންމުންތައް ނިންމާ، މިހާރު އޮތް ގޮތުން އެތައް ބައެއްގެ ހައްގު ގެއްލޭ ކަމަށް ގަބޫލު ކުރެވޭތީ ހުށަހެޅި މައްސަލައެއް ކަމަށެވެ.

މިހާރު އޮތް ގޮތުން ކުރީ ސަރުކާރުން ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅައިފައިވާ އެތައް ބަޔަކަށް ފްލެޓް ނުލިބޭނެ ކަމަށް ލިޔުން ފޮނުވާފައިވާ ކަމަށާއި މިއީ ކުރިން ސަރުކާރުން ދޫކޮށްފައިވާ ލިޔުންތަކާ ފުށުއަރާ ލިޔެކިޔުންތަކެއް ކަމަށެެވެ. މި ސަރުކާރުން އުސޫލުތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން އެތަކެއް ރައްޔިތެއްގެ ހައްގުތަށް ގެއްލިފައިވާ ކަމުގައިވެސް ނިޝާން ފާހަގަ ކުރެއްވި އެވެ. ސަބަބަކީ ކުރީ ސަރުކާރުން ހެދި އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ ފްލެޓް ނަމްބަރު ތަކުގައި އެހެން ފަރާތްތަކަށް ފްލެޓް ދީ، އެއްބަސްވުން ހެދުމުގެ ސަބަބުން ހައްގުވާ ފަރާތް ނޫން އެހެން ފަރާތަކަށް ފްލެޓް ލިބޭތީ ކަމުގައެވެ.

ގެދޮރުވެރިޔާ ސްކީމް ދަށުން އިމާރާތް ކޮށްފައިފާ 4000 ފްލެޓްގެ މައްސަލަ މިހާރު މިވަނީ ބޮޑު ގިލަންވެރި ކަމަކަށް ވެފަ، މިކަމުގައި ސަރުކާރުގެ ވިސްނުން އެކި ދުވަހު އެކި ގޮތަށް ގެންގުޅުމުގެ ސަބަބުން އެތަކެެއް ބަޔެއްގެ ހައްގުތައް މިވަނީ ގެއްލިގެން ގޮސްފަ، ސަރުކާރުން ނިންމާ ނިންމުން ތަކުގެ ސަބަބުން އެތަކެއްބަޔަކަށް ހައްގުވާ ފްލެޓް މިވަނީ ގެއްލިފަ

ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް

މިއަދު ކޯޓުގައި މި އެދުނީ އެފަދަ ފަރާތްތަަކަށް ލިބިފައިވާ ފްލެޓް އެހެން ފަރާތަކަށް ނުދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ކަމަށް ނިޝާން ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓްތައް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާނުކުރި ލިސްޓް ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބޭ މީހުންގެ ލިސްޓެއް މި ސަރުކާރުން މިދިޔަ އެޕްރީލް މަހު ވަނީ އާންމު ކޮށްފަ އެވެ. އެންމެ ފަހުން ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ ފުލެޓް ދެމުން ގެންދާނީ ކުރީ ސަރުކާރުން ފުލެޓް ލިބޭނެ ކަމަށް ގެޒެޓް ކުރި ލިސްޓަށް ކަމުގައެވެ.

މީގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ވިދާޅުވެފައި ވަނީ، ނިމިދިޔަ ސަރުކާރުން ދީފައިވާ ފްލެޓްތައް އަތުނުލައްވާނެ ކަމަށާއި އަދި ފްލެޓްތައް ދޭން ނިންމާފައިވާ ގޮތަކަށް ބަދަލެއް ނުގެނެސް ދިންއެއްޗެއް ދިންގޮތަކަށް އެއަށްވުރެ ފުރިހަމަކޮށް ދެއްވާނެ ކަމަށެވެ. ނަމަވެސް ކަން ކަން ވެގެންދަނީ ރައީސް ވިދާޅުވި ގޮތާ ހިލާފަށް ކަމަށް ވިދާޅުވެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ.

- ކޮމެންޓް