ކ. މާލެ
|
1 ނޮވެންބަރ 2025 | ހޮނިހިރު 12:28
އެމްއެލްއެސްޑީޕީ އިފްތިތާހު ކުރި ޖަލްސާގައި، ޕާޓީގެ ފައުންޑަރ ގާނޫނީ ވަކީލް އަބްދުﷲ ހަސީން ވާހަކަ ދައްކަވަނީ
އެމްއެލްއެސްޑީޕީ އިފްތިތާހު ކުރި ޖަލްސާގައި، ޕާޓީގެ ފައުންޑަރ ގާނޫނީ ވަކީލް އަބްދުﷲ ހަސީން ވާހަކަ ދައްކަވަނީ
އެމްއެލްއެސްޑީޕީ
އިލެކްޝަންސް ކޮމިޝަން
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
އެމްއެލްއެސްޑީޕީ އުވާލީ މެންބަރުން ހަމަކުރަން ދިން މުއްދަތުގައި ހުށަހެޅި ފޯމުތަކުގެ ތެރެއިން ޕާޓީން ވަކިވާން އެދިފައިވާ ބައެއްގެ ފޯމުތައް އެ ޕާޓީއަށް ނޭނގި އީސީއިން ޕްރޮސެސް ކޮށްގެން
ސިވިލް ކޯޓުން ވަނީ އެމްއެލްއެސްޑީޕީ އުވާލީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ޕާޓީ އަލުން ރަޖިސްޓްރީ ކުރަން އީސީއަށް އަންގާފައި

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ކޯޓުން ކަނޑައެޅުމާ ގުޅިގެން، ސިޔާސީ ޕާޓީތަކުގެ ދަފުތަރަށް އެ ޕާޓީ އިއާދަކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އެމްއެލްއެސްޑީޕީގެ މެންބަރުންގެ ދަފުތަރުގައި 3000 މީހުން ހަމަނުވާ ކަމަށް ބުނެ އެ ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ މާޗް 2022 ގައެވެ. ނަމަވެސް ކޮމިޝަނުން އެގޮތަށް ނިންމީ ގާނޫނާ ހިލާފަށް ކަމަށް 30 ސެޕްޓެމްބަރު 2025 ގައި ސިވިލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

ލޭބާ ޕާޓީ ރަޖިސްޓްރީ ކުރީ 20 ޖެނުއަރީ 2019 ގައެވެ. އަދި އެ ޕާޓީގައި އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރި ވެފައިވަނީ މަޝްހޫރު ގާނޫނީ ވަކީލު އަބްދުﷲ ހަސީން އެވެ.

ޕާޓީ އުވާލަން ނިންމި މައްސަލަ ހުށަހަޅައި އެމްއެލްއެސްޑީޕީ އިން ކޯޓުގައި ބުނެފައި ވަނީ، މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި ހުށަހެޅި ފޯމުތަކުގެ ތެރެއިން އެ ޕާޓީއަށް ނޭނގި، ޕާޓީން ވަކިވާން އެދިފައިވާ ބައެއްގެ ފޯމުތައް އީސީއިން ޕްރޮސެސް ކޮށްފައިވާކަމުގައެވެ. އަދި އޭގެފަހުން މެންބަރުން ހަމަކުރަން ދިން ސުންގަނޑި ހަމަވިއިރު ގާނޫނީ އަދަދަށް ވުރެ ދެ މެންބަރުން މަދުކަމަށް އީސީއިން އެންގި ކަމަށެވެ.

ގާނޫނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ހަމަކުރުމަށް މުއްދަތު ނުދީ އެ ޕާޓީ އުވާލާފައި ވާތީ، އެމްއެލްއެސްޑީޕީއިން ކޯޓުގައި އެދިފައިވަނީ އެ ޕާޓީ އަކީ 17 މާޗު 2022 ގައި ދިން ނޯޓިހާ އެއްގޮތަށް 3000 މެންބަރުން ހަމަވާ ޕާޓީއެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

ކޯޓުގެ ނިންމުމާ އެއްގޮތަށް ސިޔާސީ ޕާޓީގެ ދަފުތަރަށް އެމްއެލްއެސްޑީޕީ އިއާދަ ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމީ މިދިޔަ ބުރާސްފަތި ދުވަހެވެ. ކޮމިޝަނުގެ ނިންމުން ލޭބާ ޕާޓީއަށް މިހާރު ވަނީ ރަސްމީކޮށް އަންގާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން އެމްއެލްއެސްޑީޕީ އިއާދަ ކުރުމާ ގުޅޭގޮތުން ފޮނުވި ސިޓީގައި، އެ ޕާޓީގެ އިސް މަގާމުތަކުގައި ތިބި ފަރާތްތަކުގެ މައުލޫމާތު ނޮވެމްބަރު 14 ވަނަ ދުވަހުގެ ކުރިން ހިއްސާކުރުމަށް އަންގާފައިވެއެވެ. މިއީ ޕާޓީގެ ހަރަކާތްތައް އަލުން ފަށައި، ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކޮމިޝަނުން ދޭ ފުރުސަތެކެވެ.

ޕާޓީ އިއާދަ ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމުމުން ލޭބާ ޕާޓީއިން އެކްސްގައި ކުރި ޕޯސްޓެއްގައި އެދިފައި ވަނީ ޕާޓީގެ ފިކުރާ ގުޅޭ ވީހާވެސް ގިނަ ބަޔަކު އެ ޕާޓީއާ ގުޅުމަށެވެ. މިއީ ޕާޓީއަށް ލިބުނު މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ލޭބާ ޕާޓީން ދެކެއެވެ.

- ކޮމެންޓް