ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރަންޖެހޭ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައި އޮންނަ މުއްދަތު 2027 އާ ހަމައަށް އިތުރުކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ތަސްދީގުކުރައްވައިފިއެވެ.
ގާނޫނު ނަންބަރު 8/2020، ފެނާއި ނަރުދަމާގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ މި ބިލަކީ، 11 އޮގަސްޓު 2025 ވީ ހޯމަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
ސަރުކާރުގެ ފަރާތުން ގާނޫނު ނަންބަރު 2020/8، ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް ލަސްވެގެން 2027 ވަނަ އަހަރުގެ ނިޔަލަށް ގާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖެއްސުމެވެ.
މި ބިލުގައި ފެނާއި ނަރުދަމާގެ ޚިދުމަތާ ގުޅޭގޮތުން ކައުންސިލުތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުމާއި، ކައުންސިލްތަކުގެ ގާބިލުކަން އިތުރުކުރުމަށް ގައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ހިމަނާފައިވެއެވެ. މީގެ އިތުރުން ފެނާއި ނަރުދަމާގެ ދާއިރާގެ ފަންނީ މަސައްކަތްތެރިންނަށް ލައިސަންސް ދޫކުރުމުގެ ޝަރުތުތަކާއި ދިވެހިރާއްޖޭގައި ގާއިމުކުރެވޭ ލެބޯޓްރީތަކުގައި ފެން ތަހްލީލުކުރުމުގެ ޚިދުމަތް ދިނުމާގުޅޭ ޝަރުތުތައް ކަނޑައެޅުންވެސް ހިމެނެއެވެ.
ހަމަމިއާއިއެކު ފެނާއި ނަރުދަމާގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އަމަލެއް ކުރާ ފަރާތެއްގެ އަދަބުވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.
މި ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތައް، މި އިސްލާހަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ޝާއިއުކުރަންވާނެކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ރައީސް މި ބިލު ތަސްދީގުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރެއްވުމާއެކު، މި އިސްލާހަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.
ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން މި ބިލު ފާސްކޮށް، ރައީސް މުއިއްޒު މި ބިލު ތަސްދީގު ކުރެއްވި ނަމަވެސް މަޝްރޫއުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ނުހިނގާ ކަމުގެ ކަންބޮޑުވުމަކީ މި ސަރުކާރަށް ތާއީދު ކުރައްވާ ބައެއް މެންބަރުންގެ ވެސް އޮތް ކަންބޮޑުވުމެކެވެ.
ފެނާއި ނަރުދަމާ ނިޒާމުތައް އެޅުމުގެ މަސައްކަތް ކުރިން ނިންމަން އޮތް ތާރީހަކީ އަންނަ އަހަރެވެ. މިގޮތުން ކުރީ ސަރުކާރުން ވަނީ އެ ނިޒާމު ގާއިމުނުކުރެވިވާ 39 ރަށެއްގެ މަސައްކަތް 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ގައި ހަވާލުކޮށްފައެވެ. ނަމަވެސް މީގެ ތެރެއިން ގިނަ ޕްރޮޖެކްޓުތައް އަދި ވެސް ނުނިމެ އެވެ.