ކ. މާލެ
|
17 އޯގަސްޓް 2025 | އާދީއްތަ 14:28
ވެލިގަނޑު ހުރާ ކައިރީގައި އޮންނަ ފިނޮޅެއް ގައި ފަތުރުވެރިން އުފާ ކުރަނީ
ވެލިގަނޑު ހުރާ ކައިރީގައި އޮންނަ ފިނޮޅެއް ގައި ފަތުރުވެރިން އުފާ ކުރަނީ
ގެޓީއިމޭޖަސް
ފަތުރުވެރިކަން
އޯގަސްޓް 16 ގެ ނިޔަލަށް ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 1.4 މިލިއަނަށް އަރައިފި
މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިން ކަމަށްވާއިރު، އެ ޤައުމުން އައި 215,000 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު މުޅި ޖުމްލައިގެ 15.4 އިންސައްތަ ހިއްސާކޮށްފައިވެއެވެ.

މިއަހަރުގެ އޯގަސްޓް މަހުގެ ފުރަތަމަ ދެ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.4 އިންސައްތަ އިތުރުވެފައެވެ. މި މުއްދަތުގައި ޖުމްލަ 107,847 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކޮށްފައި ވާއިރު، ދުވާލަކަށް އެވްރެޖްކޮށް 6,740 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވެއެވެ.

އޯގަސްޓް 16 ގެ ނިޔަލަށް މިއަހަރު ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު ވަނީ 1.4 މިލިއަނަށް އަރާފައެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރެއިން އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ ރިސޯޓު ތަކަށެވެ. ގެސްޓްހައުސްތަކަށް 306,840 ފަތުރުވެރިން އައިސްފައި ވާއިރު، ސަފާރީ އުޅަނދުތަކަށް 29,000 އާ ގާތްކުރާ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވެއެވެ.

އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ޗައިނާ އިން ނެވެ. ޗައިނާ އިން 215,000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށް، މުޅި ޖުމްލައިގެ 15.4 އިންސައްތަ ހިއްސާކުރީ ޗައިނާ އިންކަން ފާހަގަ ކުރެވެއެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި ރަޝިޔާ އިން 166,496 ފަތުރުވެރިން އައިސްފައިވާއިރު، ތިންވަނަ އަށް އެންމެ ގިނައިން އައި އިނގިރޭސިވިލާތުން 128,786 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. އިޓަލީ އާއި ޖަރުމަނުވިލާތް އެންމެ ގިނައިން ފަތުރުވެރިން އައި 5 ގައުމުގެ ތެރޭގައި ހިމެނެއެވެ. މީގެ އަހަރުތަކެއް ކުރިން އެންމެ ކުރީގައި އޮތް އިންޑިޔާ އޮތީ ހަވަނައިގަ އެވެ. އެ ގައުމުން 80,000 އާ ގާތްކުރާ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވެއެވެ.

މިއަހަރުގެ ގިނަ މަސްތަކުގައި ފަތުރުވެރިކަމުގެ ދާއިރާ ވަނީ ދެ ޑިޖިޓުގެ އަދަދަކުން ކުރިއަރާފައެވެ. އެހެން ނަމަވެސް ފެބްރުއަރީ އާއި މާރޗް މަހު އަދި މިހިނގާ އޯގަސްޓް މަހުގައި މި ކުރިއެރުން ވަނީ ދެ ޑިޖިޓުގެ އަދަދަށް ވުރެ ދަށްވެފައެވެ.

އޯގަސްޓް މަހުގެ މެދުތެރޭގެ ނިޔަލަށް ރާއްޖޭގައި ހިންގަމުންދާ 1,240 ޓޫރިސްޓް ފެސިލިޓީ ގައި ޖުމްލަ އެނދު ހުރި އަދަދަކީ 64,233 އެވެ. މީގެ ތެރެއިން 43,483 އެނދު ރިސޯޓުތަކުގައި ހުރި އިރު ގެސްޓްހައުސްތަކުގައި 15,284 އެނދު އޮޕަރޭޓް ކުރަމުން ދެއެވެ.

- ކޮމެންޓް