2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ދިވެހިރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 21.8 އިންސައްތައިގެ އިތުރުވުމެއް އައިސްފައިވާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން އެންމެ ފަހުން ނެރުނު ތަފާސްހިސާބުތަކުން ހާމަ ކޮށްފިއެވެ.
އޮކްޓޫބަރު 1 އިން 7 އަށް، ޖުމްލަ 42,799 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 35,144 ފަތުރުވެރިންނާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
އޮކްޓޫބަރު 7 ގެ ނިޔަލަށް، 2025 ވަނަ އަހަރުގެ ޖުމްލަ ފަތުރުވެރިންގެ އަދަދު 1,679,288 އަށް އަރާފައިވެއެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު 10 އިންސައްތައިގެ އިތުރުވުމެކެވެ. ދުވާލަކަށް އެވްރެޖްކޮށް 6,000 އާ ގާތްކުރާ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވާކަން ފާހަގަ ކުރެވެއެވެ.
276,343 ފަތުރުވެރިންނާ އެކު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުގެ ގޮތުގައި ރެކޯޑު ކުރެވިފައިވަނީ ޗައިނާ އެވެ. ޗައިނާ އިން ޒިޔާރަތް ކުރި ފަތުރުވެރިންގެ ނިސްބަތަކީ ޖުމްލަ ފަތުރުވެރިންގެ 16.5 އިންސައްތަ އެވެ. ރަޝިޔާ އިން 205,432 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވާއިރު، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި އިޓަލީވިލާތް ހިމެނެނީ އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި ފަސް ގައުމުގެ ގޮތުގައެވެ. އިންޑިޔާ އިން އަހަރުގެ މިހާތަނަށް 97,171 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވާއިރު އިންޑިއާ ހިމެނެނީ ހަވަނަ އަށް އެންމެ ބޮޑު މާކެޓްގެ ގޮތުގައެވެ.
ފަތުރުވެރިންގެ 73.6 އިންސައްތަ ޒިޔާރަތް ކޮށްފައިވަނީ ރިސޯޓް ތަކަށެވެ، ގެސްޓް ހައުސް ތަކަށް 21.7 އިންސައްތަ ޒިޔާރަތް ކޮށްފައިވެއެވެ.
އޮޕަރޭޓް ކުރަމުން ދާ ޖުމްލަ އެނދުގެ އަދަދަކީ 64,788 އެވެ. ރަޖިސްޓަރީކޮށްފައިވާ ޖުމްލަ ފެސިލިޓީސްގެ އަދަދަކީ 1,280 އެވެ. މީގެ ތެރޭގައި 174 ރިސޯޓާއި، 16 ހޮޓަލާއި، 927 ގެސްޓް ހައުސް އާއި، 163 ސަފާރީ އުޅަނދު ހިމެނެއެވެ.