ކ. މާލެ
|
14 ސެޕްޓެންބަރ 2025 | އާދީއްތަ 14:56
ރާއްޖެ އަށް އެތެެރެކޮށްފައިވާ މުދާ ކޮންޓޭނަރެއް ބޭލުމުގެ މަސައްކަތް އެމްޕީއެލް ގައި ކުރިއަށް ދަނީ
ރާއްޖެ އަށް އެތެެރެކޮށްފައިވާ މުދާ ކޮންޓޭނަރެއް ބޭލުމުގެ މަސައްކަތް އެމްޕީއެލް ގައި ކުރިއަށް ދަނީ
އެމްޕީއެލް
މާލީ ހާލަތު
އިމްޕޯޓު ޑިއުޓީ ބޮޑުތަނުން ދަށަށް، ވިޔަފާރި ޓެކްސް އާމްދަނީ ދަށަށް, ސަރުކާރު ކުންފުނިތަކުން ލިބޭ ޑިވިޑެންޑު ދަށަށް، ހިލޭ އެހީގެ ގޮތުގައި ހޯދުނީ ކުޑަ އެއްޗެއް
ދިވެހި ދައުލަތުގެ އާމްދަނީ އިމްޕޯޓް ޑިއުޓީއާއި ވިޔަފާރި ޓެކްސް ދަށްވެ، ކުންފުނިތަކުގެ ޑިވިޑެންޑްވެސް ވަނީ ދަށަށް ގޮސްފައެވެ. ނަމަވެސް ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުން ލިބޭ އާމްދަނީ މަތިވެފައިވާއިރު، ބަޖެޓުގެ ސަރޕްލަސް އެއް ދައްކަނީ ތަރައްގީގެ މަޝްރޫއުތަކުގެ ޚަރަދުތައް ހިފަހައްޓާފައިވާތީއެވެ.

އިމްޕޯޓް ޑިއުޓީ 1.99 ބިލިއަން ރުފިޔާއަށް ދަށްވެ، ވިޔަފާރިއާއި ޕްރޮޕަޓީ ޓެކްސް 4.65 ބިލިއަން ރުފިޔާއަށް ވެއްޓިއްޖެއެވެ. މި ދަށްވުން އައިސްފައި ވަނީ ވިތްހޯލްޑިންގ ޓެކްސްއާއި އެހެނިހެން ވިޔަފާރީގެ ޓެކްސްތައް 2024 ގެ މި މުއްދަތާ އަޅާބަލާއިރު ދަށްވެފައިވާތީކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ފާހަގަވެއެވެ.

އޭގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުން ލިބޭ ޑިވިޑެންޑް ވެސް ވަނީ ދަށަށް ގޮސްފައެވެ.

މި މައުލޫމާތު ހާމަވެފައިވަނީ މިނިސްޓްރީ އޮފް ފިނޭންސް އިން ޕަބްލިޝް ކުރި 4 ސެޕްޓެމްބަރ 2025 އާ ހަމައަށް ހަފްތާގެ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައެވެ.

ފިނޭންސް ގެ ތަފާސް ހިސާބުތަކުގައި ބަޖެޓް އަރަނި 868.7 މިލިއަން ރުފިޔާގައި ހުރިކަމަށް ދައްކައެވެ. އެހެން ނަމަވެސް އަރަނި ބަޖެޓެއް ދައްކަނީ، ތަރައްގީގެ މަޝްރޫއުތަކަށް ފާސް ކޮށްފައިވާ ބަޖެޓު ހިފަހައްޓާފައި އޮތުމުން ކަން ހަމަ އެ ހިސާބުތަކުން ވަނީ ހާމަވެފައެވެ.

އަހަރު މިހާތަނަށް ޖުމްލަ އާމްދަނީއާއި ހިލޭ އެހީ 26.31 ބިލިއަން ރުފިޔާ އަށް އަރާފައި ވާއިރު، 25.44 ބިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ.

އާމްދަނީގެ ބޮޑު ބައެއް ލިބިފައިވަނީ ޓެކްސްގެ ގޮތުގައި ކަން ފާހަގަ ކުރެވޭ އިރު އެއީ ޖުމްލަ 20.51 ބިލިއަން ރުފިޔާ އެވެ. ޓުއަރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސްގެ ގޮތުގައި 7.46 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އާންމު ޖީއެސްޓީގެ ގޮތުގައި 3.52 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އަދަދު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނަ އިތުރުވެ 1.47 ބިލިއަން ރުފިޔާ އަށް އަރާފައިވާއިރު، އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސް 1.21 ބިލިއަން ރުފިޔާއަށް އިތުރުވެފައިވެއެވެ. މި ހިސާބުތަކުން ހާމަވާ ގޮތުގައި ދައުލަތުގެ މާލިއްޔަތުގެ މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ ޓެކްްސް ފައިސާ އަށެވެ. ޚާއްސަކޮށް ފަތުރުވެރިކަމާއި ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުން ލިބޭ އާމްދަނީ އަށެވެ.

ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހާ ހަމަ އަށް ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި ހޯދިފައި ވަނީ އެންމެ 203.1 މިލިއަން ރުފިޔާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ފިނޭންސުން ހާމަ ކޮށްފައިވާ ސާރޕްލަސް އަދަދު ރިކޮންސިލިއޭޝަން އަށް ފަހު ދަށަށް ދާނެ ކަމަށް ބެލެވެއެވެ. ސަރުކާރުން ބަޖެޓު އަރަނި ކަމަށް ހިސާބުތަކުން ދައްކަން މަސައްކަތް ކުރާއިރު އަމިއްލަ ފަރާތްތަކުން ކޮށްފައިވާ މަސައްކަތްތަކަށް ހުށަހަޅާފައި ބިލުތަކަށް ގަވައިދުން ފައިސާ ނުދޭ މައްސަލަ ވެސް ވަނީ ބޮޑުވެފައެވެ.

- ކޮމެންޓް