ޓޫރިޒަމް މިނިސްޓްރީގެ ފަހުގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި، 2025 އޮކްޓޯބަރު މަހު ރާއްޖެ އަށް ޓޫރިސްޓުން ޒިޔާރަތް ކުރި މިންވަރު މިދިޔަ އަހަރުގެ އެ މަހާ އަޅާބަލާ އިރު 10.3 ޕަސެންޓް އިތުރުވެއްޖެއެވެ.
އޮކްޓޯބަރު މަހު ޖުމްލަ 190،445 ފަތުރުވެރިން ވަނީ ރާއްޖެ އަށް ޒިޔާރަތް ކޮށްފައެވެ. 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އައިސްފައި ވަނީ 172،621 ފަތުރުވެރިންނެވެ.
އޮކްޓޯބަރުގެ ނިޔަލަށް ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 1.85 މިލިއަނަށް ވަނީ އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 9.8 ޕަސެންޓުގެ ކުރިއެރުމެއްކަން ފާހަގަ ކުރެވެއެވެ.
ރާއްޖެ އަށް ޒިޔާރަތްކުރާ މީހުންގެ އެންމެ ބޮޑު މާކެޓުގެ ގޮތުގައި ދެމި އޮތް ޗައިނާ އިން ޒިޔާރާތް ކުރި ފަތުރުވެރިންގެ ނިސްބަތަކީ 16 އިން ސައްތަ އެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ރަޝިޔާ އިންނެވެ. އެއީ 12.6 އިން ސައްތަ އެވެ. ތިން ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި އިނގިރޭސިވިލާތުން، 8.8 އިން ސައްތަ ހިއްސާ ކޮށްފައިވެއެވެ. ޖަރުމަނު، އިޓަލީ، އިންޑިއާ، އަދި އެމެރިކާ ވެސް ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ފާހަގަ ކުރެވެއެވެ.
އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަ ކުރަނީ ރިސޯޓުތަކުގައެވެ. އެ ގޮތުން ޖުމްލަ ޒިޔާރަތްކުރާ މީހުންގެ 73.8 އިންސައްތަ ހިއްސާ ކޮށްފައި ވަނީ ރިސޯޓް ތަކުންނެވެ. ގެސްޓް ހައުސް ތަކުގައި ފަތުރުވެރިން ޗުއްޓީ ހޭދަ ކުރި ނިސްބަތަކީ 21.5 އިން ސައްތަ އެވެ. ޖުމްލަ 1،297 ޓޫރިސްޓް ފެސިލިޓީތައް ނޮވެމްބަރު މަހުގެ ފެށުމާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ވަނީ ހިންގަމުން އައިސްފައެވެ. މިތަންތާގައި ހުރި ޖުމްލަ އެނދުގެ އަދަދު 66،000 އަށް ވުރެ މައްޗަށް ގޮސްފައިވެއެވެ.