ފ.ދަރަނބޫދޫ އިން ކަރަންޓު ކެނޑޭތާ 7 ދުަވަސްވީ އިރު ވެސް އެ މައްސަލަ އަށް ހައްލެއް ނުލިބޭކަން ހާމަވެއްޖެއެވެ.
އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ހޮނިހިރު ދުވަހުގެ ރޭ ވެސް ދެ ފަހަރެއްގެ މަތިން އެ ރަށުން ވަނީ ކަރަންޓު ކެނޑިފައެވެ. އެކަމާ ގުޅިގެން އެ ރަށުގައި ކަރަންޓުގެ ޚިދުމަތް ދެމުންދާ "ފެނަކަ" ޓެގް ކުރުމަށް ފަހު އެ ރަށުގެ އާއްމުން ދަނީ މީސްމީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.
ރާއްޖެއެމްވީ އާއި ވާހަކަ ދައްކަމުން އެ ރަށުގެ އާއްމު ރައްޔިތަކު ބުނެފައި ވަނީ މި ހަފްތާގެ ބޮޑުބައި ހޭދަ ކުރަން ޖެހުނީ ކަރަންޓާއި ނުލާ ކަމަށް ބުނި ނަމަވެސް ދޮގަކަށް ނުވާނެ ކަމަށެވެ. އަދި ކަރަންޓު ކެނޑެމުންދާ ސަބަބު އާއްމުންނަށް ސާފުކޮށް ކަމާ ގުޅުން ހުރި އިދާރާތަކަށް ބުނެދެވިފައި ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
މީގެ އިތުރުން ކަރަންޓް ކެނޑުމުގެ މައްސަލަ އާއި ގުޅިގެން އާއްމުންގެ ސުވާލުތަކަށް ޖަވާބު ހޯދުމަށް ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް ފެނަކައިން ކައުންސިލަށް ކަންކަން ސާފުކޮށް ނުދޭ ކަމަށް ދަރަނބޫދޫގެ ކައުންސިލުގެ ބައެއް މެމްބަރުން ވަނީ ފާހަގަކޮށްފައެވެ. ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް މި ނޫހަށް މައުލޫމާތު ދިން ދަރަނބޫދޫގެ ކައުންސިލަރަކު ވިދާޅުވެފައި ވަނީ ކަރަންޓް ކެނޑޭ ސަބަބާއި މެދު ސުވާލުކުރުމަށް ގުޅުމުން އެ ރަށުގެ ފެނަކައިގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ފޯނަށް ޖަވާބު ނުދެއްވާ ކަަމަށެވެ.
"މުޅި ރަށަށް ކަރަންޓު ދެނީ އެއް ޖެނެރޭޓަރުން. އެކަން ނުވެގެން އެ އުޅެނީ. އަބަދު ކަރަންޓު ކެނޑެނީ. ދަންވަރު ވެސް މިހެން މުޅި ހަފްތާ. ދަންވަރު ވެސް ކަރަންޓު ދޭ." އޭނާ ވިދާޅުވިއެވެ.
ރާއްޖެއެމްވީ އާއި ވާހަކަދެއްކި ކައުންސިލްގެ އިތުރު މެމްބަރަކު ވިދާޅުވީ މައްސަލަ ޖެހިފައި ވަނީ ފިލްޓަރެއްގައި ކަމަށް ފެނަކައިގައި މަސައްކަތް ކުރާ ބައެއް މީހުން ބުނެފައިވާ ކަމަށެވެ. އަދި އެ ފެނަކައިގެ މައި އިދާރާ އިން އެކަށީގެންވާ އެހީތެރިކަން ލިބެމުން ނުދާ ކަމަށް ފެނަކައިގެ ބައެއް މުވައްޒަފުންނާއި ހަވާލާދީ އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މިދިޔަ 7 ދުވަހުގެ ތެރޭގައި، އެކި ފަހަރު މަތިން ރަށުގެ އެކި ހިސާބުތަކުން ގިނަ އިރުތަކެއް ވަންދެން ކަރަންޓު ކެނޑިފައިވާ ކަމަށް މި ނޫހަށް މައުލޫމާތު ދިން ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި ދެ ފަހަރެއްގެ މަތިން މުޅި ރަށުން އެއްކޮށް ކަރަންޓު ކެނޑިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މި ނޫހައި ވާހަކަދެއްކި މީހުން ބުނީ ކަރަންޓު ކަނޑައިގެން ދާ ގިނަ ފަހަރު 45 މިނިޓާއި 2 ގަޑި އިރާއި ދެމެދުގެ ވަގުތެއް އަނބުރާ ކަރަންޓު ދިނުމަށް ހޭދަވާ ކަމަށެވެ.