ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓަކީ ވަކި މީހަކަށްވީތީ ބަލާ މައްސަލައެއް ކަމަށާއި، އެ ކުންފުނީގެ ކުރީގެ ދެވެރިން ކަމަށްވާ މުހައްމަދު ނިމާލް އަދި މުއާޒު މުހައްމަދު ރަޝީދުގެ ކޮރަޕްޝަންގެ މައްސަލަ ނުފޫޒު ފޯރުވައިގެން ތާށިކުރަމުން އަންނަ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ ފެނަކަ ރިޕޯޓުގައި ވަނީ އެމްޑީޕީ ސަރުކާރުގައި ވަކި މުއްދަތެއްގެ ތެރޭގައި މިސްމެނޭޖްކުރުމާއި ކޮރަޕްޝަންގެ އަމަލުތަކަށް ތުހުމަތު ކުރެވޭ ކަންކަން ކަމަށް ހިމަނައިގެން އެކުލަވާލާފައިވާ ރިޕޯޓެއް ކަމަށެވެ. މީކާއިލް ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ފެނަކައިން މިސްމެނޭޖްނުކުރާ ކަމަށް މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ވިދާޅުނުވާ ކަމަށާއި، ދައްކަމުން މިދަނީ ސިލެކްޓިވް ޕްރޮސިކިއުޝަންގެ ވާހަކަ ކަމަށެވެ.
މީކާއިލް ވިދާޅުވީ މިއީ ވަކި މީހަކަށްވީތީ އަދި ވަކި ސިޔާސީ ޕާޓީއަކަށް ވީތީ ތަހުގީގުތައް ކުރަމުންދާ ކަމަށެވެ. އަދި ފެނައިގެ ރިޕޯޓް ގުޅެނީ އޮކްޓޯބަރ 3 ގެ ހަޖަމްނުވި ބޮޑު މުޒާހަރާއާއި ކަމަށެވެ. އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް އޭސީސީއަށް ހާޒިރުކުރަނީ ކުރިއަށް އޮތް ނޮވެމްބަރު 17 ގެ ބޮޑު އެއްވުމާއި ގުޅިގެން ކަމަށް މީކާއިލް ވިދާޅުވިއެވެ.
ކުރިއަށް އޮތް ނޮވެމްބަރު 17 ގެ ބޮޑު އެއްވުން ހަޖަމްނުވާތީ މިއަދުވެސް ބިރުދެއްކުމުގެ އެތައް ސިލްސިލާ އަމަލުތަކެއް މިދަނީ ކުރިއަށް. އަޅުގަނޑުމެން މި އަހަނީ މި ސަރުކާރާއި ސުވާލު މިކުރަނީ ކޮބައިހޭ ނިމާލުގެ މައްސަލަ. ފެނަކަ ސައީދު އެކަންޏެއް ނޫނޭ ފެނަކައިގެ އެމްޑީކަން ކުރީ. ފެނަކަ ސައީދު ހުއްޓަކާއެއް ނޫން ފެނަކަ އުފަންވީ. ކޮބައިހޭ އޭނާގެ ކުރިން އެމްޑީއަކަށް ހުރި ނިމާލުގެ މައްސަލަ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ތާށި ކުރަނީ. ކޯޓުތަކުގައި ނުފޫޒު ފޯރުވައިގެން ތާށި ކުރަނީ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް![]()
މީކާއިލް ވަނީ ފެނަކައިގެ ކުރީގެ އެމްޑީޕީ މުއާޒު މުހައްމަދު ރަޝީދުގެ މައްސަލަ ކޮބައިތޯ ސުވާލު އުފައްދަވާފައެވެ. އަދި 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގެ ތިން ދުވަސް ކުރިން ފެނަކައިން މަޖިލިސް މެންބަރުންގެ އެކައުންޓަށް 9 މިލިއަނުން 10 މިލިއަނުން ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ.
މިއީ މި ސަރުކާރުގެ މައްސަލަތަކެއް ނޫންތޯ؟ ކަމެއް ކުރަންޏާ ތަންކޮޅެއް ރަނގަޅަށް ކޮށްބަލަ. ހަމައެކަނި އެމްޑީޕީ މީހާ ޖަލަށްލާ އެކަން ނިންމާލެވޭ ގޮތަކަށް ނޫން މުޖްތަމައު އޮތީކީ. އެހާ ތަންދޮރު ނުދަންނަ މީހުންނެއް ނޫން މި ގައުމުގައި އުޅެނީކީ. ހަމައެކަނި އެމްޑީޕީ އަކުން ނޫން ފެނަކަ މިސްމެނޭޖްކޮށްގެން މިއުޅެނީކީ. މިހާރު ބަހުސްކުރެވުން ދާއިރު މަޖިލީހުން ވަނީ ފެނަކައަށް އިމުނިޓީ ދީފައި.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް![]()
މީކާއިލް ވިދާޅުވީ ދާދި ފަހުން މުއާޒު ހުންނަވައިގެން ފެނަކަ މިސްމެނޭޖްކޮށް ކޮރަޕްޝަން ހިންގާ ވަރުން ދުރުކުރި ކަމަށް ރައީސް މުއިއްޒު ވިދާޅުވި މުއާޒުގެ މައްސަލަ ނުބެލޭ ކަމަށެވެ. ދެން ފެނިގެންދިޔައީ ޕީއެންސީގެ ހަރުގޭގައި ޖެހިގެން އައި ދުވަހު ޕީއެންސީގެ ފޯމު ބޮނޑިއެއް އަންބޮނޑިއަށް ޖަހައިގެން ހުއްޓާ ކަމަށެވެ.