ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދަށް ބޭސްފަރުވާގެ ފުރުސަތު ނުދިނުމަކީ އިންސާނިއްޔަތުކަމާއި ޚިލާފު އަމަލެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވއްޖެއެވެ.
ޝާހިދު އެފަދައިން ވިދާޅުވީ އެކްސްގައި އެ މަނިކުފާނު ކުރެއްވި ޕޯސްޓެއްގައެވެ.
ސައީދު އަށް ހިތުގެ ބައްޔަށް ފަރުވާ ހޯދުމަށް އިންޑިއާ އަށް ދަތުރުކުރުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓް ދޫކުރެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ. އޭނާ އަށް އެގޮތަށް އަންގާފައި ވަނީ ސައީދަކީ ރާއްޖެއިން ބޭރުގައި ދިރިއުޅުމުގެ މާލީ ތަނަވަސްކަން ލިބިފައިވާ ފަރާތެއް ކަމަށާއި، އޭނާގެ ވިޔަފާރިތަކާއި މުދާ ރާއްޖެއިން ބޭރުގައި ހުރި ކަމަށް ބުނާ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށެވެ.
އެކަމާއި ގުޅިގެން ޝާހިދު ހިއްސާކުރެއްވި ޕޯސްޓްގައި، ސަޢީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ދައުލަތުން އެދިފައިވާއިރު، ރާއްޖެއިން ބޭރުން ފަރުވާ ހޯދުމުގެ ފުރުސަތު އޭނާ އަށް ބަންދުވާ ގޮތަށް އަމަލުކުރުމަކީ ހިތާމަވެރިކަމެއް ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.
ހިތުގެ ބައްޔަކަށް ޚާއްސަ ފަރުވާއެއް ބޭނުންވާ މީހަކަށް ބޭސްފަރުވާ އަށް ފުރުސަތު ނުދިނުމަކީ އިންސާނިއްޔަތުކަމާއި ޚިލާފު އަދި ފުރާނަ އަށް ނުރައްކާވެދާނެ ނިންމުމެއް ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑު ސަރުކާރުގެ ފަރާތްތަކަށް ގޮވާލަނީ އޯގާތެރިކަމާއި، އިންސާނިއްޔަތުކަމާއި، ސަޢީދުގެ ސިއްހަތާ ގުޅޭ ހައްގުތަކަށް އިސްކަންދީ، އޭނާއަށް ބޭނުންވާ ކުއްލި ސިއްހީ ފަރުވާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް. އިންސާނީ ފުރާނައާއި ކަރާމާތް ރައްކާތެރިކުރުމަކީ ދައުލަތުގެ އެންމެ އިސް ވާޖިބަކަށް ވާންޖެހޭ." ޝާހިދު ވިދާޅުވިއެވެ.
ހިތުގެ ބައްޔަށް ފަރުވާ ހޯދުމަށް އިންޑިއާ އަށް ދަތުރުކުރުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓް ދޫކުރެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ބުނެފައި ވަނީ އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ކަމަށް ބުނެފައިވާއިރު، ފުލުހުން ތައްޔާރުކުރި އެ ރިޕޯޓްގެ މައުލޫމާތު ހިއްސާ ކުރުމަށް އެދި ސަޢީދު ވަނީ ފުލުހަށް މައްސަލަ އެއް ހުށަހަޅުއްވާފައެވެ.
އެގޮތުން، އަންގާރަ ދުވަހު ސައީދުގެ ފަރާތުން ފުލުހަށް ހުށަހެޅި މި ސިޓީގައި ބުނެފައިވަނީ، ފުލުހުންގެ ފަރާތުން އެފަދަ ރިޕޯޓެއް ތައްޔާރުކޮށް ހުށަހަޅައިފައިވާނަމަ އެއީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް ކަމަށެވެ. އަދި ސަޢީދުގެ އެއްވެސް މުދަލެއް ވިޔަފާރިއެއް އަދި ރާއްޖެއިން ބޭރުގައި ރައްކާކޮށްފައިވާ އެއްވެސް ފައިސާއެއް ވެސް ނުހުންނާނެ ކަމަށް ދަންނަވަނީ އިޚުލާސްތެރިކަމާ ތެދުވެރިކަމާއެކުގައި ކަމަށެެވެ. ރާއްޖެއިން ބޭރުގައި ސަޢީދުގެ މުދަލެއް ހުރި ނަމަ އެ މުދަލެއް އޭނާގެ މިލްކިއްޔާތަށް ވެއްދުމަށްޓަކައި، ވީ އެންމެ އަވަސް ފުރުސަތެއްގައި އެ މުދަލަކާ ވިޔަފާރީގެ ތަފްސީލު ދެއްވުމަށް ސަޢީދު ވަނީ އެދިވަޑައިގެން ފައެވެ.