Advertisement
ކ. މާލެ
|
22 އޮކްޓޯބަރ 2025 | ބުދަ 12:42
ޝެއިހް ނަސްރުﷲ މުސްތަފާ
ޝެއިހް ނަސްރުﷲ މުސްތަފާ
މުޙައްމަދު ޝަރުހާން
ޝެއިޚް ނަސްރުﷲ
އޮރިޔާން ކާޑު އުފައްދައި ގެންގުޅުމާއި، ޤާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާތައް ހިމެނޭހެން އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ޝެއިޚް ނަސްރުﷲ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި
ނަސްރުﷲގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުނުވާކަމަށް ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ނުކުރުމަށް ނިންމައި، ޕީޖީ އޮފީހުން މައްސަލަ ވަނީ އަނބުރާ ގެންގޮސްފަ
އޮރިޔާންކާޑު އުފެއްދުމާއި ޤާނޫނަށް ހުރަސްއެޅުމާއި އަނބިދަރިންނަށް އަޅާނުލުމުގެ ދައުވާތަކެއް ކްރިމިނަލް ކޯޓުގައި ނަސްރުﷲގެ މައްޗަށް އުފުލާފައިވޭ
2017 ވަނަ އަހަރު ނަސްރުﷲގެ މައްޗަށް ވަނީ ހަތަރު މީހަކު ޙައްޖަށް ގެންގޮސް ޙާލުގައި ޖެއްސި ކަމަށް ބުނެވެސް ދަޢުވާ އުފުލާފަ

އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ޝައިޚް ނަސްރުﷲ މުސްތަފާގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާތައް ސާބިތުނުވާކަމަށް ނިންމުމުން، އެ ހުކުމް އިސްތިއުނާފް ނުކުރުމަށް ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލަ އަނބުރާ ގެންގޮސްފިއެވެ.

ނަސްރުﷲގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި އޮރިޔާން ކާޑު އުފައްދައި ގެންގުޅުމާއި، ޤާނޫނު ހިންގުމަށް ހުރަސްއެޅުމާއި، އަދި އަނބިދަރިންނަށް އަޅާނުލުމުގެ ދައުވާ ހިމެނެއެވެ. މި ދައުވާތައް އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް ބަޔާންކޮށް، ދައުލަތުގެ ފަރާތުން ވަނީ މިދިޔަ އޯގަސްޓް 5 ވަނަ ދުވަހު ހައިކޯޓަށް ސިޓީއެއް ފޮނުވާފައެވެ.

ދައުލަތުން މައްސަލަ އަނބުރާ ގެންދިއުމަށް ނިންމި ސަބަބުތަކުގެ ތެރޭގައި، ހާދިސާ ހިނގިތާ 9 އަހަރު ވެފައިވުމާއި، ހައިކޯޓުން ހައްލެއް ހޯދަންޖެހޭ ޚާއްސަ ޤާނޫނީ ބަހުސެއް ނެތުން ހިމެނެއެވެ. މީގެއިތުރުން، އަނިޔާ ލިބުނު ފަރާތުންވެސް މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މަޢުލޫމާތު ދީފައިވާކަން ފާހަގަކުރެވެއެވެ.

2023 ވަނަ އަހަރު ހައިކޯޓުގައި އިސްތިއުނާފް ކުރެވުނު މި މައްސަލަ ބެއްލެވީ ފަނޑިޔާރު ދީބާނާޒް ފަހުމީ، ފަނޑިޔާރު މުޙައްމަދު ނިޔާޒް އަދި ފަނޑިޔާރު ފާޠިމަތު ފަރުހީޒާއެވެ. މައްސަލަ އަނބުރާ ގެންދިއުމާ ގުޅިގެން، އަންގާރަ ދުވަހު ވަނީ މައްސަލަ ބާޠިލްކޮށް ޙުކުމްކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، 2017 ވަނަ އަހަރު ނަސްރުﷲގެ މައްޗަށް ވަނީ ހަތަރު މީހަކު ޙައްޖަށް ގެންގޮސް ޙާލުގައި ޖެއްސި ކަމަށް ބުނެވެސް ދަޢުވާ އުފުލާފައެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް އުފުލުނު ދަޢުވާތަކުގެ ތެރޭގައި، އެނގިހުރެ ޞައްޙަނޫން ލިޔުމެއް އުފެއްދުމާއި، ހުއްދަ ނަގަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުން ހިމެނެއެވެ. ނަމަވެސް ނަސްރުﷲ ވަނީ މި ހުރިހާ ދަޢުވާތަކަށް ވެސް އިންކާރުކޮށްފައެވެ.

މި މައްސަލަތަކާ ގުޅިގެން، ރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދި ޓްރައިބިއުނަލެއްގައި ވެސް ވަކާލާތު ނުކުރެވޭ ގޮތަށް ނަސްރުﷲ އޭރު ސަސްޕެންޑްކުރެވުނެވެ. އަދި ކުރިމަތިވި ފާޑުކިޔުންތަކާއެކު، 2017 ވަނަ އަހަރުގެ ޑިސެންބަރު މަހު އޭނާ ވަނީ އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްކަމުގެ މަޤާމުންވެސް އިސްތިއުފާ ދީފައެވެ.

- ކޮމެންޓް