ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވީއައިޕީ ލޯންޖް ގައި މަސައްކަތްކުރާ މުއައްޒަފުން ސިކްލީވް ނަގައިފިނަމަ އެދުވަހަކީ ހާޒިރުނުވާ ދުވަހެއްގެ ގޮތުގައި، ކަނޑައަޅާނެ ކަމަށް ބުނެ، ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތަކުން ބިރު ދައްކަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފިއެވެ.
ރާއްޖެއެމްވީއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވީއައިޕީ ލޯންޖްގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ނަން ނެޖުހުމަށް ޝަރުތުކޮށް ބުނީ، ސިޔާސީ މީހުންގެ ނުފޫޒު ވަރަށް ގަދަ ކަމަށާއި، ބިރު ދައްކަމުންދާ ކަމަށެވެ. އެމުވައްޒަފުން ބުނީ، އެ މީހުން އަންގާ ގޮތަށް އެޗްއާރުން ވެސް އަމަލުކުރަމުންދާ ކަމަށެވެ.
އެގޮތުން ސިކްލީވް ނަގައިފިނަމަ، ފުރަތަމަ ފަހަރަށް އަނގަބަހުން ނަސޭހަތްތެރިވެ، ދެވަނަ ފަހަރަށް ސިކްލީވެއް ނަގައިފިނަމަ ލިޔުމުން ނަސޭހަތްތެރިވާނެ ކަމަށް އަންގާފައިވާ ކަމަށެވެ. އަދި ސިކްލީވް އަކީ މުވައްޒަފުންނަށް ލިބޭ ހައްގެއް ނަމަވެސް އެއީ ހާޒިރުނުވާ ދުވަހެއް ގޮތުގައި ކަނޑައަޅާނެ ކަމަށް ބުނެ މުވައްޒަފުންނަށް އިންޒާރު ދީފައިވާ ކަމަށް މުވައްޒަފުން ތުހުމަތުކޮށްފައިވެއެވެ. އަދި އޮޕަރޭޝަނަލް މެނޭޖަރުގެ ފަރާތުން ވެސް ވަރަށް ފިއްތުންތައް ކުރިމަތިވާ ކަމަށް މުވައްޒަފުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ރާއްޖެއެމްވީން އެމްއޭސީއެލްގެ މީޑިއާގެ އެންމެ އިސްކޮށް ހުންނަވާ ބޭފުޅާއާ ސުވާލުކުރުމުން ވިދާޅުވީ، މިކަހަލަ ކަމެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމުގައެވެ. އަދި ކުންފުނީގެ އެޗްއާރުން މިކަހަލަ ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ.
ކުންފުނީގެ އެޗްއާރު ޕޮލިސީއަކީ އާއްމުކޮށް ފެންނަން ހުންނާނެ ގޮތަށް ޕަބްލިޝް ކޮށްފައިވާ ޕޮލިސީއެއްކަމާއި، ރާއްޖޭގެ ވަޒީފާގެ ގާނޫނާވެސް ހިލާފު މިފަދަ ނިންމުމެއް އެމްއޭސީއެލް އިން ނުނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެޗްއާރުން ރަސްމީކޮށް ނިންމާ ކޮންމެ ނިންމުމެއް މުއައްޒަފުންނާ ހިއްސާ ކުރާނީ ސީދާ އެޗްއާރުން އިންޓާނަލް މެމޯއެއް މެދިވެރިކޮށް ކަމަށެވެ. ވަކި މުއައްޒަފަކު އަނގަބަހުން އެފަދަ ނިންމުމެއްގެ ވާހަކަ ނާންގާނެ ކަމަށްވެސް އެމްއޭސީއެލްގެ މީޑިއާ ހެޑް ވިދާޅުވިއެވެ.
މީގެ ދުވަސްކޮޅެއް ކުރިން އެމްއޭސީއެލްގެ ޑިއުޓީ ފްރީ ގައި މަސައްކަތްކުރާ މުއައްޒަފުން ޑިއުޓީއަށް ނިކުންނައިރު ފޯނު ގެނައުން މަނާ ކުރާ ގޮތަށް ނޯޓިސްއެއް ނެރެފައިވާ ކަމަށް މުއައްޒަފުން މައުލޫމާތު ދީފައިވެއެވެ. ނަމަވެސް އެކަމުގެ ކަންބޮޑުވުން މުއައްޒަފުން ފާޅުކޮށް މީޑިޔާތަކުން އެޚަބަރު ރިޕޯޓް ކުރުުމުން ފަހުން އެނޯޓިސް ބާތިލު ކުރިކަމަށްވެސް އޭރު މުވައްޒަފުން މައުލޫމާތު ދީފައިވެއެވެ.