އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާ ޣައްޒާގައި، އިންސާނީ އެހީ އާއި ކާބޯ ތަކެތި ހޯދުމުގެ މަސައްކަތުގެ ތެރޭގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 1760 އަށް އަރައިފި އެވެ.
އދ ގެ އިންސާނީ ޙައްޤުތަކާ ބެހޭ އޮފީހުން ހުކުރު ދުވަހު ހާމަކޮށްފައިވާ ގޮތުގައި، މިއަހަރުގެ މެއި މަހުގެ ފަހުން ޣައްޒާގައި އިންސާނީ އެހީ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ޝަހީދުވެފައިވާ މީހުންގެ އަދަދު ވަނީ 1760 އަށް އަރައިފަ އެވެ.
މިއީ މި ހިނގާ އޮގަސްޓު މަހުގެ އެއް ވަނަ ދުވަހު އާންމު ކުރި އަދަދާ އަޅާ ބަލާއިރު އެތައް ގުނަ އިތުރު އަދަދެކެވެ. އޮގަސްޓު މަހުގެ އެއް ވަނަ ދުވަހު އާންމު ކޮށްފައިވާ ގޮތުން، އެހާތަނަށް ޝަހީދުވެފައި ވަނީ 1373 މީހުންނެވެ.
ފަލަސްޠީނުގެ ސަރަހައްދުތަކާ ބެހޭ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މެއި މަހުގެ 27 ވަނަ ދުވަހުން ފެށިގެން، އޮގަސްޓު މަހުގެ 23 ވަނަ ދުވަހާ ހަމައަށް، ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ސަރަހައްދު ތަކުގައި 994 މީހުން ވަނީ ޝަހީދުވެފެ އެވެ. މީގެ އިތުރުން އެހީގެ މަގު ތަކުގައި 766 މީހުން ޝަހީދުވެފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެ އޮފީހުން ބުނެފައިވާ ގޮތުން ޝަހީދުވެފައިވާ މީހުންގެ ތެރޭގައި ގިނަ އަދަދަކީ އިސްރާއީލްގެ އަސްކަރިއްޔާ އިން ހިންގާފައިވާ ޖަރީމާތަކާއި، ދީފައިވާ ހަމަލާތަކުގައި ޝަހީދުވެފައިވާ މީހުންނެވެ.
މީގެ އިތުރުން ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީ އިން ހާމަކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހު ވެސް އިސްރާއީލްގެ ހަމަލާތަކުގައި ވަނީ މަދުވެގެން 23 މީހަކު ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި އިންސާނީ އެހީ ހޯދުމުގެ މަސަައްކަތް ކުރަމުން ދިޔަ 12 މީހަކު ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ،
އިސްރާއީލްގެ އަސްކަރިއްޔާގެ އިސް ވެރިޔާ މިދިޔަ ބުދަ ދުވަހު ވަނީ، ޣައްޒާގައި އައު ހަނގުރާމައެއް ފެށުމަށް ރޭވިފައިވާ ކަމަށް ހާމަކޮށްފަ އެވެ. އެ ހަނގުރާމައިގެ މަޤުސަދަކީ، ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތް މުޅިން ބަލި ކުރުމާއި، ހަމާސް އިން ރަހީނު ކޮށްފައިވާ އިސްރާއީލްގެ ރައްޔިތުން މިނިވަން ކުރުން ކަމަށް ވެސް ބުނެފައިވެ އެވެ.
ގާތް ގަނޑަކަށް 22 މަސް ދުވަހުގެ މި ހަނގުރާމައިގައި، އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވެފައިވާ މީހުންގެ އަދަދު ވަނީ 61،776 އަށް ވުރެ މައްޗަށް އަރައިފަ އެވެ. މީގެ އިތުރުން ހަމާސްގެ ހަމަލާތަކުގައި އިސްރާއީލްގެ 1219 މީހަކު މަރުވެފައިވާ ކަމަށް ބުނެފައިވެ އެވެ.
ޣައްޒާ ހަނގުރާމަ ފުޅާކޮށް، ޣައްޒާގައި ކުރިއަށް ގެންދިޔުމަށް އިސްރާއީލް އިން ރާވާފައިވާ ރޭވުމާ ދެކޮޅަށް، ބައިނަލްއަޤުވާމީ މުޖުތަމައުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.