ލުބުނާނުގެ ސަރުކާރުން އެ ޖަމާޢަތާ ކުރިމަތިލައިފި ނަމަ ލުބުނާނުގައި "ދިރުމެއް" ނޯންނާނެ ކަމަށް ހިޒްބުﷲ ގެ ވެރިޔާ ބުނެފިއެވެ.
ހިޒްބުﷲ ގެ އިސްވެރިޔާ ނައީމް ޤާސިމް ހުކުރު ދުވަހު ލުބުނާނުގެ ސަރުކާރަށް އިންޒާރުދިނީ އީރާނުގެ އެހީތެރިކަން ލިބިފައިވާ އެ ހަނގުރާމަވެރި ޖަމާޢަތާ ކުރިމަތިލުމުން ދުރުހެލިވުމަށެވެ. އެފަދަ ހާލަތެއްގައި ލުބުނާނުގައި "ދިރުމެއް" ނޯންނާނެ ކަމަށް އޭނާ ބުންޏެވެ.
ޤާސިމް ބުނި ގޮތުގައި ހިޒްބުﷲ އާއި އަމަލް މޫވްމަންޓުން ނިންމާފައި ވަނީ އެމެެރިކާގެ އެހީތެރިކަން ލިބިގެން ހިންގާ ހަތިޔާރު ނައްތާލުމުގެ މަސައްކަތާ ދެކޮޅަށް ކުރަން ނިންމާފައިވާ އިހުތިޖާޖުތައް މި ވަގުތައް ފަސްކުރުމަށެވެ. އެއީ ލުބުނާނުގެ ސަރުކާރާއެކު މަޝްވަރާކުރުމުގެ ފުރުސަތު އަދިވެސް އޮތް ކަމަށް ފެންނާތީއެވެ.
ނަމަވެސް އޭނާ ބުނި ގޮތުގައި ކުރިމަގުގައި ކުރެވޭ އެއްވެސް އިހުތިޖާޖެއް ލުބުނާނުގައި ހުރި އެމެރިކާގެ އެމްބަސީއާ ހަމައަށް ނުފޯރައެއް ނުދާނެއެވެ.
ޤާސިމް ލުބުނާނުގެ ސަރުކާރަށް ތުހުމަތުކުރީ އެ ޖަމާޢަތުގެ ހަތިޔާރު ނައްތާލުމަށް ގޮވާލައި، އިސްރާއީލަށް ޤައުމު "ހަވާލުކުރަމުން" ދާ ކަމަށެވެ. އަދި އެމީހުންގެ ހަތިޔާރު ދޫކޮށްލުމާ ދެކޮޅަށް ހަނގުރާމަ ކުރާނެ ކަމަށް އިންޒާރުދިނެވެ.
ޤާސިމް މި ވާހަކަތައް ދެއްކީ އީރާނުގެ އެންމެ މަތީ ސަލާމަތީ އޮފިޝަލް ޢަލީ ލަރިޖާނީ އާ ބައްދަލު ކުރުމަށްފަހު ޓީވީން ދެއްކި ބަޔާނެއްގަ އެވެ. އީރާނަކީ ދިގު މުއްދަތެއް ވަންދެން ލުބުނާނުގެ އެ ޖަމާޢަތަށް އެހީތެރިކަން ދެމުން އައި ޤައުމެކެވެ.
ހިޒްބުﷲ އަށް ވަނީ ފާއިތުވި އަހަރު އިސްރާއީލާއެކު ކުރި ހަނގުރާމައިގައި ބޮޑު ގެއްލުމެއް ލިބިފައެވެ. އަދި އެމެރިކާގެ ފިއްތުންތަކުގެ ސަބަބުން ލުބުނާނުގެ ސަރުކާރުން ވަނީ މި އަހަރުގެ ނިޔަލަށް އެ ޖަމާޢަތުގެ ހަތިޔާރު ނައްތާލުމުގެ ޕްލޭނެއް އެކުލަވާލުމަށް ސިފައިންނަށް އަމުރު ކޮށްފައެވެ.