Advertisement
ކ. މާލެ
|
24 ނޮވެންބަރ 2025 | ހޯމަ 10:01
އިޒްރޭލުގެ ހަމަލާ އަމާޒުވި ސަރަހައްދުގައި ލުބުނާނުގެ ސިވިލް ޑިފެންސް އިން ހަރަކާތްތެރިވަނީ - ނޮވެމްބަރ 23، 2025
އިޒްރޭލުގެ ހަމަލާ އަމާޒުވި ސަރަހައްދުގައި ލުބުނާނުގެ ސިވިލް ޑިފެންސް އިން ހަރަކާތްތެރިވަނީ - ނޮވެމްބަރ 23، 2025
ރޮއިޓަރސް
ލުބުނާން-އިޒްރޭލް
ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި
އެމެރިކާގެ ބައިވެރިވުމާއެކު ހަދާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ، އިޒްރޭލުން ބެއިރޫތަށް ދިން ވައިގެ ހަމަލާއެއްގައި ހިޒްބުﷲގެ އެންމެ އިސް އަސްކަރީ އޮފިޝަލް މަރާލައި "ރަތް ރޮނގު" ހުރަސްކޮށްފި ކަމަށް ހިޒްބުﷲ އިން ބުނެފި.

އެމެރިކާގެ ބައިވެރިވުމާއެކު އެއް އަހަރު ކުރިން ހަދާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާ ޚިލާފުވެ، ހުކުރު ދުވަހު ބެއިރޫތުގެ ދެކުނުގެ ސަރަހައްދަކަށް ދިން ވައިގެ ހަމަލާއެއްގައި ހިޒްބުﷲގެ އެންމެ އިސް އަސްކަރީ އޮފިޝަލް އިޒްރޭލުން މަރާލައިފިއެވެ.

ލުބްނާނުގެ ވެރިރަށް ބެއިރޫތަށް މަސްތަކަކަށް ފަހު އިޒްރޭލުން ދިން ފުރަތަމަ ހަމަލާގައި، އީރާނުން ވާގިވެރިވާ ހިޒްބުﷲގެ ވަގުތީ ޗީފް އޮފް ސްޓާފް އަލީ ތަބްތަބާއީ އަށް ހަމަލާ ދިން ކަމަށް އިޒްރޭލު ސިފައިންގެ ބަޔާނެއްގައި ބުނެފައިވެއެވެ.

ހިޒްބުﷲ އިން ނެރުނު ބަޔާނެއްގައި ތަބްތަބާއީގެ މަރަށް ތައުރީފު ކޮށް، އޭނާއަކީ "ދިރިއުޅުމުގެ އެންމެ ފަހު ވަގުތާ ހަމައަށް އިޒްރޭލުގެ ދުޝްމަނުންނާ ކުރިމަތިލުމަށް މަސައްކަތްކުރި" "މަތިވެރި" ކޮމާންޑަރެއް ކަމަށް ސިފަކޮށްފައިވެއެވެ.

ހިޒްބުﷲ ގެ ބާރު ގަދަ ސަރަހައްދެއް ކަމަށްވާ ހާރެޓް ހުރެއިކް ސަރަހައްދުގައި ހަމަލާ ދީ ހަލާކުކޮށްފައިވާ އިމާރާތް ކައިރީގައި ހުރެ ހިޒްބުﷲގެ އޮފިޝަލް މަޙްމޫދު ޤަމަތީ ބުނީ، އިޒްރޭލު ގެ ހަމަލާ އަކީ "ރަތް ރޮނގު" ހުރަސް ކޮށްފައިވާ ހަމަލާ އެއް ކަމަށެވެ.

މި ހަމަލާ އަށް ރައްދު ދޭނެ ގޮތަކާ ބެހޭ ގޮތުން ހިޒްބުﷲ ގެ އިސްވެރިން ގޮތެއް ނިންމާނެ ކަމަށްވެސް އޭނާ އިތުރަށް ބުންޏެވެ.

ހަމަލާގައި ފަސް މީހުން މަރުވި

އެމެރިކާ އިން 2016 ވަނަ އަހަރު ތަބްތަބާއީ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، އޭނާ އަކީ ހިޒްބުﷲ ގެ މުހިންމު ލީޑަރެއް ކަމަށް ބަޔާންކޮށް، އޭނާ އާ ބެހޭ މައުލޫމާތު ދޭ ފަރާތަކަށް 5 މިލިއަން ޑޮލަރުގެ އިނާމެއް ހުށަހެޅިއެވެ.

އިޒްރޭލުގެ އަސްކަރިއްޔާގެ ބަޔާނެއްގައި ބުނެފައި ވަނީ ތަބްތަބާއީ އަކީ "ހިޒްބުﷲގެ ގިނަ ޔުނިޓުތަކުގެ ކޮމާންޑަރު" ކަމަށާއި، "އިޒްރޭލާ އެކު ހަނގުރާމަ އަށް ތައްޔާރުވުމަށް އެ ޔުނިޓުތައް އަލުން ބިނާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް" އޭނާ ކޮށްފައިވާ ކަމަށެވެ.

ލުބްނާނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، މި ހަމަލާގައި ފަސް މީހުން މަރުވެ 28 މީހުން ޒަޚަމްވެފައިވެއެވެ. މި ހަމަލާ އަމާޒުކުރީ އުސް އިމާރާތަކަށް ކަމަށް ވުމާއެކު އިމާރާތުގެ ބައިތައް މަގުމަތީގައި ހުރި އުޅނަދުތަކުގެ މައްޗަށް ވެއްޓި ގެއްލުން ލިބިފައި ވެއެވެ.

މި ހަމަލާއަށް ފަހު، ލުބްނާނުގެ ރައީސް ޖޯސެފް އައުން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލެއްވީ އިޒްރޭލުގެ ހަމަލާތައް ހުއްޓުވުމަށް އެހީތެރިވުމަށެވެ.

2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ތަންފީޒު ކުރަން ފެށި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ބޭނުމަކީ ހިޒްބުﷲ އާއި އިޒްރޭލު ގެ އަސްކަރިއްޔާ އާ ދެމެދު ހިނގި އެއް އަހަރު ދުވަހުގެ ހަނގުރާމަ ނިމުމަކަށް ގެނައުމެވެ. މި ހަނގުރާމަ ފެށިފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި އިޒްރޭލުން ޣައްޒާގެ ހަނގުރާމަ ފެށުމުން، ހިޒްބުﷲ އިން އިޒްރޭލުގެ ޕޯސްޓުތަކަށް ރޮކެޓް ހަމަލާ ދިނުމުންނެވެ.

ނަމަވެސް، އިޒްރޭލުން ވަނީ ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު، ލުބްނާނަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހަމަލާ ދެމުން ގޮސްފައެވެ. މި ހަމަލާތަކުގައި އަމާޒުކުރާ ކަމަށް ބުނަނީ ހިޒްބުﷲގެ ހަތިޔާރު ރައްކާކުރާ ގުދަންތަކާއި، ހަނގުރާމަވެރިންނާއި، ޖަމާޢަތް އަލުން ބިނާކުރުމަށް ކުރާ މަސައްކަތްތަކަށް ކަމަށެވެ. ފަހުގެ ހަފްތާތަކުގައި މި ހަމަލާތައް ވަނީ އިތުރުކޮށްފައެވެ.

"އަހަރެމެން ހިޒްބުﷲ، ނުރައްކާތެރި ޖަމާޢަތް، އަލުން ބާރުގަދަވެ، ލުބްނާނުގެ ކޮންމެ ތަނަކުން އިޒްރޭލަށް ނުރައްކާ ކުރުމަށް ފުރުސަތެއް ނުދޭނަން،" އިޒްރޭލުގެ ސަރުކާރުގެ ތަރުޖަމާނު ޝޮޝް ބެޑްރޯސިއަން ހަމަލާ އަށް ފަހު ނޫސްވެރިންނަށް ބުންޏެވެ.

ހަމަލާ ދިނުމުގެ ކުރިން އިޒްރޭލުން އެމެރިކާ އަށް އަންގާފައިވޭތޯ ކުރި ސުވާލަށް ބެޑްރޯސިއަން ބުނީ، އިޒްރޭލުން ނިންމުންތައް ނިންމަނީ މިނިވަންކަމާއެކު ކަމަށެވެ.

ހިޒްބުﷲ ގެ ގިނަ ލީޑަރުން އިޒްރޭލުން ވަނީ ނައްތާލާފައި

އިޒްރޭލުން ވަނީ އެއް އަހަރު ދުވަހު ހިނގި ހަނގުރާމައިގައި ހިޒްބުﷲ ގެ ގިނަ ލީޑަރުނ މަރާލާފަ އެވެ. އޭގެ ތެރޭގައި އޭރުގެ ލީޑަރު ޙަސަން ނަސްރުﷲ ވެސް ހިމެނެ އެވެ.

2024 ވަނަ އަހަރުން ފެށިގެން ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވުމުގެ ތުހުމަތު އިޒްރޭލާއި ލުބްނާނުން ވަނީ އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ކޮށްފައެވެ.

ހަމަލާ ހުއްޓާލުމުގެ އެއްބަސްވުން ފެށުނު ފަހުން ހިޒްބުﷲ އިން އިޒްރޭލަށް ހަމަލާ ދީފައެއް ނުވެއެވެ.

- ކޮމެންޓް