ޕީއެންސީގެ ޓިކެޓުގައި ކައުންސިލް އިންތިޚާބަށް ނުކުންނާނެ ކެންޑިޑޭޓެއް ނުވެގެން އެޕާޓީގެ އިސް ބޭފުޅުން އާދޭސް ކުރަމުންދާ ކަމަށް ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ޔައުގޫބު ވިދާޅުވީ ބާރުތައް ހަނިކޮށް ލާމަރުކަޒީ ގާނޫނަށް ބަދަލުތައް ގެންނަމުންދަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރުގެ ޕާޓީ ޕީއެންސީ ބަލިވާނެކަން ޔަގީންވާތީ ކަމަށެވެ.
ޔައުގޫބު ވިދާޅުވީ ޕީއެންސީގެ ޓިކެޓުގައި އިންތިޚާބަށް ވާދަކުރަން ނުކުންނާނެ މީހެއް ނުވާ ކަމަށާއި، ކެންޑިޑޭޓުން ނެރުމަށް އެޕާޓީގެ އިސް މީހުން އާދޭސް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް ރައްޔިތުންގެ ތެރޭގައި ނެތް ކަމަށެވެ.
ރައީސް މުއިއްޒުގެ ޕީއެންސީ ކަނޑައެޅިގެން ބޮޑުތަކުން ބަލިވާނެކަން ޔަގީންވާތީ މުޅި ނިޒާމު ގަޑުބަޑު ކުރަމުންދަނީ. ރަށްރަށުގައި ޕީއެންސީގެ ޓިކެޓުގައި ނުކުންނާނެ މީހަކު ނުވެގެން އާދޭސް ކުރަނީ. އެއްވެސް ރަށެއް ނެތް ކައުންސިލަށް ޕީއެންސީގެ ޓިކެޓުގައި ނުކުންނާނެ މީހެއް އެއްވެސް ރަށެއް ނެތް. އެހެންވީމަ ކައުންސިލަށް ނުކުންނަ މީހުންގެ އަދަދު މަދުކޮށް ކައުންސިލްގެ އަދަދު މަދު ކޮށްފައި އޭގެ ތެރެއިން ރައީސްއާއި ނައިބު ރައީސް އެކަންޏޭ ފުލް ޓައިމް މެންބަރުންގެ ގޮތުގައި ދެން ޕާޓް ޓައިމްއޭ. މި ނިޒާމަށް މީހުން ފޫހި ކުރުވުމަށް ކުރަމުންދާ މަސައްކަތް. އެއްވެސް ރަށަކުން މިހާރު އޮތް ސްލޮޓުތަކަށް މީހުން ހަމަވާ ވަރަށް އެއްވެސް މީހަކު އިންޓަރެސްޓެއް ނެތް ޕީއެންސީގެ ޓިކެޓުގައި ނުކުންނާކަށް. އެމީހުންނަށް ކަނޑައެޅިގެން އެނގޭ ބަލިވާނެކަން.
ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ![]()
ހުރިހާ ނިޒާމެއް ގަޑުބަޑު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަން ފާހަގަކުރައްވައި ޔައުގޫބު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުން ސަރުކާރު ބޮޑުތަކުން ބަލިވުމާއެކު މުޅި ދުނިޔެއަށް މިސަރުކާރު ފެއިލްވި މަންޒަރު ފެންނާނެ ކަމަށާއި، އެ މަންޒަރު ފޮރުވުމަށް މި ސަރުކާރުގެ އިސް ބޭފުޅުން ގަދައަޅައި މަސައްކަތް ކުރާނެ ކަމަށެވެ. ކޮންމެ ސިފައެއްގައި ކޮންމެ ގޮތަކަށް ސަރުކާރުން އަމަލު ކުރި ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ބޮޑުތަނުން ބަލި ކުރާނެ ކަމަށާއި، އަސްލު މަންޒަރު ރައްޔިތުން ނުކުމެ ދައްކާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޔައުގޫބު ވިދާޅުވީ ރައްޔިތުން މަޖިލީހުގައި ތިއްބަވާ ޕީއެންސީގެ މެންބަރުން ވެސް ރައީސް މުއިއްޒާ ދެކޮޅަށް މަސައްކަތް ކުރައްވާ ކަމަށާއި، ސަރުކާރާ ދެކޮޅަށް އެންމެ އަވަހަށް ނުކުންނާނެ ބަޔަކީ ވެސް ޕީއެންސީގެ މަޖިލިސް މެންބަރުން ކަމަށެވެ.