Advertisement
ކ. މާލެ
|
15 އޯގަސްޓް 2025 | ހުކުރު 08:55
އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަނީ
އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
އެމްޑީޕީ
"އިންތިޚާބަށް ތައްޔާރުވާން ރައީސް މުއިއްޒު ކުރައްވާހާ ވެސް ކަމަކީ ލާމަރުކަޒީ ނިޒާމާއި ޤާނޫނުއަސާސީ ކޮށާ ކުދިކުރުން"
ރައްޔިތުންގެ ހައްގުގައި އިނގިލި ވެސް ހިއްލާ ނުލެވޭ ވަރަށް ރައްޔިތުންގެ މަޖިލީސް ވެސް ބާރު ދަށްކޮށްލާފައިވާ ކަމަށް އޭނާ ސިފަކުރެއްވި
ލާމަރުކަޒީ ބާރުތައް ހިމެނޭހެން ރައީސް މުއިއްޒު ގެންދަވަނީ ހުރިހާ ބާރެއް މައި ސަރުކާރަށް ނަގަމުން
މިއަދު ލާމަރުކަޒީ ނިޒާމް ފުނޑާލުމަށް ސަރުކާރުން މަސައްކަތް ކުރާތީ އެކަމަށް ވަހީދު ވަނީ ފާޑު ވިދާޅުވެފަ

އިންތިޚާބަށް ތައްޔާރުވާން ރައީސް ޑރ.މުހައްމަދު މުއިއްޒު ކުރައްވާހާ ވެސް ކަމަކީ ލާމަރުކަޒީ ނިޒާމާއި ޤާނޫނުއަސާސީ ކޮށާ ކުދިކުރުން ކަމަށް އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އެމްޑީޕީގެ ހަރުގެ ޖަލްސާގައި ހުކުރު ވިލޭރޭ ވާހަކަ ދައްކަވަމުން ނެވެ.

ރައްޔިތުންގެ ހައްގުގައި އިނގިލި ވެސް ހިއްލާ ނުލެވޭ ވަރަށް ރައްޔިތުންގެ މަޖިލީސް ވެސް ބާރު ދަށްކޮށްލާފައިވާ ކަމަށް އޭނާ ސިފަކުރެއްވިއެވެ. ލާމަރުކަޒީ ބާރުތައް ހިމެނޭހެން ރައީސް މުއިއްޒު ގެންދަވަނީ ހުރިހާ ބާރެއް މައި ސަރުކާރަށް ނަގަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން 2019 ވަނަ އަހަރު ރަށްރަށުގެ އިހްތިސާސް ކަނޑައަޅާ، އެ ރަށުގެ ވަސީލަތްތަކަކީ އެ ރަށުގެ މިލްކެއް ކަމަށް އެމްޑީޕީން ކަނޑައެޅި ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ކޮށްފައި ވާނީ އެމްޑީޕީ އިންތިޚާބުގައި ކާމިޔާބު ވާނީ ކޮން ޕާޓީ އަކަށް ބެލުމަކާއި ނުލާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މަދުވެގެން ބްލޮކް ގްރާންޓްގެ 5% ކައުންސިލަށް ދޭން ވާނެ ކަމަށް ކަނޑައެޅީ ވެސް އިންތިޚާބުގެ ކުރިން ކަމަށް ވަހީދު ވަނީ ވިދާޅުވެފައެވެ.

"ކައުންސިލަރުންގެ އަދަދު ގިނަ ކުރީ ބަހާނެ މާބައިވަރު ބަޖެޓެއް އޮވެގެން، ލާރި ގިނަ ވެގެނެއް ނޫން. ކައުންސިލެއްގެ ބޭނުމަކީ މަޝްވަރާކުރުން. އެކަން ކުރަން 3 މީހުންނަކީ އެކަށީގެންވާ އަދަދެއް ނޫން. 3 މިހުން ތިބީމަ އެކަކު ހުންނާނީ އަބަދު ޗުއްޓީގައި. ދެން 2 މީހުން މަޝްވަރާކޮށްގެން ގޮތް ނިންމުމަކީ އެއީ ޑިމޮކްރަސީ އެއްގައި ކަންކަން ހިނގާ ގޮތެއް ނޫން. އެކަން ނިންމީ އެހެންވެގެން." އޭނާ ވިދާޅުވިއެވެ.

މިއަދު ލާމަރުކަޒީ ނިޒާމް ފުނޑާލުމަށް ސަރުކާރުން މަސައްކަތް ކުރާތީ އެކަމަށް ވަހީދު ވަނީ ފާޑު ވިދާޅުވެފައެވެ. ރާއްޖޭގެ އެކި ކަންކޮޅު ތަކުން 100 ށް ވުރެ ގިނަ ކައުންސިލުން ދެކޮޅު ހަދަމުން ދަނިކޮށް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބުރާސްފަތި ދުވަހު ވަނީ ތަސްދީޤު ކުރައްވާފައެވެ. މި އިސްލާހަކީ ލާމަރުކަޒީ ނިޒާމް ނެތިކޮށްލުން ކަމަށް ވަހީދު ވެސް ވަނީ ސިފަކުރައްވާފައެވެ.

- ކޮމެންޓް