މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކިހާދޫއަށް ވަޑައިގެން އެ ރަށުގެ ކައުންސިލާއި ބައްދަލުކުރި ނަމަވެސް ހުށަހެޅި އެއްވެސް ކަންބޮޑުވުމަކަށް ޖަވާބުދެއްވާފައި ނުވާކަމަށް ކިހާދޫގެ ކައުންސިލް ރައީސް ހުސެއިން ޝާފިއު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހާރު ބާ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކިހާދޫއަށް ވަޑައިގަތީ ބުދަ ދުވަހުގަ އެވެ.
ރައީސް މުއިއްޒު ކިހާދުއަށް ވަޑައިގެން އެ ރަށުގެ ކައުންސިލާއި ބައްދަލުކުރައްވާފައިވަނީ އެ ރަށަށް މިވަގުތު ދިމާވެފައިވާ ތަދިތަކަކީ ކޮބައިތޯ ދެނެގަތުމަށެވެ. އެގޮތުން އެ ބައްދަލުވުމުގައި ކިހާދޫ ކައުންސިލުގެ ފަރާތުން ވަނީ ރަށުގެ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުށަހަޅާފަ އެވެ. އެހެން ނަމަވެސް މީގެ އެއްވެސް ކަންބޮޑުވުމަކަށް ރައީސް ޖަވާބުދެއްވާފައި ނުވާކަން ވަނީ ފާހަގަކުރެވިފަ އެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ކިހާދޫ ކައުންސިލްގެ ރައީސް ހުސެއިން ޝާފިއު ރާއްޖެ އެމްވީ އަށް ވިދާޅުވީ ރައީސް މުއިއްޒު ކިހާދޫގެ ރައްޔިތުންނާއި ބައްދަލުވުމުގެ ކުރިން ކައުންސިލާއި އެކު ބޭއްވި ބައްދަލުވުމުގައި ގިނަ ކަންބޮޑުވުންތަކެއް ރައީސަށް ހުށަހަޅާފައިވާނޭ ކަމަށެވެ.
އެގޮތުން ރައީސް އާއި އެކު ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ހުށަހަޅާފައިވަނީ ނިިމިގެން ދިއަ މަޖިލިސް އިންތިޚާބުގައި ވެސް ހުށަހެޅިކަންތައް ތަށް ކަމަށާއި އެގޮތުން ރަށުގެ ސަރަހައްދުގައި އަރާލާނެ އެއްވެސް ރަށެއް ނެތުމުން ކިހާދޫ ކައިރީގައި އޮންނަ ހުރާފަރު ފިނޮޅު ރަށުގެ ރައްޔިތުންނަށާއި ލޯކަލް ޓޫރިޒަމް ހިންގާ ފަރާތްތަކަށް އެތަން ބަލަހައްޓާ ތަރައްގީކޮށްގެން ބޭނުކުރެވޭ ގޮތަށް ލިބޭނޭ ގޮތް ހަމަޖައްސައި ދިނުމަށް އެދުނު ކަމަށެވެ. އެހެން ނަމަވެސް މިކަމަށް ވެސް ރައިސްގެ އެއްވެސް ޖަވާބެއް ދެއްވާފައި ނުވާކަމަށް ޝާފިއު ފާހަގަކުރެއްވި އެވެ.
ޝާފިއު ވިދާޅުވީ ހުރާފަޅު ފިނޮޅުގެ ކަންބޮޑުވުމުގެ އިތުރުން ދެން ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ އެ ރަށު ޓިވެކް ސެންޓަރު ގެ މައްސަލަ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ވެސް ކައުންސިލުން ހުށަހެޅި ކަންބޮޑުވުމަށް ރައީސް އެއްވެސް ޖަވާބެއް ދެއްވާފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް އަށް އަޅުގަނޑުމެން ހުށަހެޅީ މީގެ ކުރިން ކައުންސިލް އިންތިޚާބުގައި ވެސް ހުށަހެޅި ކަތައްތައް ތަކުރާރުކޮށްލީ. އަޅުގަނޑުމެން ހުށަހެޅިން މި ސަރަހައްދުގައި އެއްވެސް ރަށެއް ނެތީމަ މީނދަ ހުރާފަޅު ފިނޮޅު އަޅުގަނޑުމންނަށް ލިބޭގޮތް ހަދައިދިނުމަށް. އެއީ މި ސަރަހައްދުގައި އޮތް ހަމަ އެކަނި ތަން، ބަޔަކަށް އަރާލެވޭ ގޮތަށް އޮތް. އެކަމަށް ވެސް ރައްޔިތުންގެ ކުރިމައްޗަކު ރައީސް ޖަވާބެއް ނުދެއްވާ.
ބ.ކިހާދޫ ކައުންސިލްގެ ރައީސް ހުސެއިން ޝާފިއު![]()
މީގެ އިތުރުން ޝާފިއު ވިދާޅުވީ އެ ރަށުގެ ޓިވެކް ސެންޓަރުގެ މައްސަލައިގެ ކަންބޮޑުވުން ފާޅުކޮށް ރަށުގެ ރައްޔިތުން ސޮއިކޮށް ޕެޓިޝަނެއް ވެސް ތައްޔާރުކޮށް ރައީސްއަށް ހުށަހެޅުމަށް މަސައްކަތް ކުރި ކަމަށެވެ. އެހެން ނަމަވެސް އެ ޕެޓިޝަނާ ވެސް ހަވާލުނުވަން ރައީސް އުޅުއްލި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެންމެ ފަހުން މި ޕެޓިޝަން ހަވާލުކުރެވުނީ ރައީސް ފުރާވަޑައިގަތުމަށް ލޯންޗަށް އަރާވަޑައިގަންނަށް ތައްޔާރުވި ވަގުތު އެތަނަށް ގޮސްގެން ކަމަށް ވެސް ޝާފިއު ވިދާޅުވިއެވެ.
ޝާފިއު ވިދާޅުވީ ކިހާދޫގެ އިންޖީނުގެ ރީބްރޭންޑުކުރުމުގެ ކަންތައް ވެސް ހުށަހެޅި ކަމަށާއި އެކަމަށް ވެސް ރައީސް އެއްވެސް ޖަވާބެއް ދެއްވާފައި ނުވާކަމަށެވެ. މީގެ އިތުރުން އެ ރަށުގެ އިންޖީނުގެ މައްސަލަ މީގެ ކުރިން އެނގިވަޑައިގެންފައި ނުވާ ކަމަށާއި އެކަން ސަމާލުކަމަށް އައިސްފައި މި ވަނީ އަދި ކިރިޔާ ކަމަށް ފެނަކަ ކުންފުނީގެ އެމްޑީ މުހައްމަދު ނަޖާހު ވިދާޅުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާފިއު ވިދާޅުވީ ފެނަކަ އެމްޑީ އެފަދައިން ވިދާޅުވިއިރު، ކިހާދޫ އިންޖީނުގެ ރީބްރޭންޑް ކުރުމަށް ބޭނުންވާ ބިން ވެސް ވަނީ މީގެ ކުރިން ފެނަކައާއި ހަވާލުކޮށްފައި ކަމަށެވެ. އެހެން ކަމުން މިގޮތަށް ކަންތަން ވުމުން ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.