Advertisement
ކ. މާލެ
|
13 އޯގަސްޓް 2025 | ބުދަ 02:18
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް
ސޯޝަލް މީޑިއާ
އީޕީއޭ އުވާލުން
އީޕީއޭ އުވާލުމުން ރައީސް ޞާލިހުވެސް ކަންބޮޑުވުން ފާޅުކުރައްވައިފި
އީޕީއޭ ހިނގަމުން އައީ ގަވަރނިން ބޯޑެއްގެ ދަށުން، މިހާރު ވަނީ ގަވަރނިންގ ބޯޑު އުވާލާފައި

އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ އެންމެހައި ބާރުތައް އެންވަރަމެންޓު މިނިސްޓަރުގެ ދަށަށް ބަދަލުކޮށް އެ އިދާރާ އޮތޯރިޓީއަކަށް ބަދަލުކުރުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ފާޅުކުރައްވައިފިއެވެ.

ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް ދެމެހެއްޓުމުގެ މުހިންމު ޒިންމާ މަތި ކުރެވިފައިވާ އީޕީއޭ އުވާލުމަށްފަހު، އެތަނުގެ މަސައްކަތްތައް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ގެ ބެލުމުގެ ދަށަށް ބަދަލު ކުރުމަށް ވެސް ރައީސް މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.

މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރައީސް ޞާލިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީ.އައި.އޭ ގަވާއިދުތައް އީ.ޕީ.އޭ މޯލްޑިވްސްގެ ބެލުމުގެ ދަށުން ނުހިމެނޭ ގޮތަށް ބަދަލުކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ، އީ.ޕީ.އޭގެ ބާރު ކަނޑުވާލުމެކެވެ. މިއީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މިއީ ސަރުކާރުން ބެލުމުގެ ދަށުގައިވާ އަދި ގަވާއިދުތައް ހިންގާ މުއައްސަސާތައް ނައްތާލައި، ޑިމޮކްރެޓިކް ރައްކާތެރިކަން ދަށްކުރަމުންދާ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ޢަމަލުތަކުން ރާއްޖޭގެ ނާޒުކު ތިމާވެށި އިތުރަށް ނުރައްކަލަށް ހުށަހެޅި، ދެމެހެއްޓެނިވި ތަރައްޤީއަށް ހުރަސްއެޅޭނެކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

މި ބަދަލު ގެންނަވާފައި ވަނީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން މިހާތަނަށް ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ތިމާވެށްޓާބެހޭ ކަންކަން ރެގިއުލޭޓް ކުރުމާ ގުޅުންހުރި މަސައްކަތްތަކެއް ކަމަށްވާތީ، އެ އިދާރާ އިން ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކާ ވީހާވެސް ގުޅުންހުރި ނަމެއް ހަމަޖެއްސެވުމުގެ އިތުރުން، އެ އިދާރާގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ހަލުވިކުރުމުގެ ބޭނުމުގައި ކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް އީޕީއޭ އުވާލައި، އީއާރުއޭ އުފެއްދެވި އިރު، އީއާރުއޭ އުފައްދާފައި ވަނީ ކުރިން އީޕީއޭ އަށް ލިބިފައިވާ މިނިވަން ހައިސިއްޔަތު ގެއްލޭ ގޮތައް ކަން ފާހަގަ ކުރެވެއެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ، މި ބަދަލާއެކު، މިހާތަނަށް ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގި އިދާރާއެއްގެ ގޮތުގައި އެ އިދާރާ އޮތް ހައިސިއްޔަތު ބަދަލުވެ، އެއީ ސީދާ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައި ކަމަށެވެ.

ރައީސް އޮފީހުން ބުނީ މި ބަދަލު ގެނައީ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ކަމަށެވެ.

- ކޮމެންޓް