ދުއްޕާނެއްގެ ގޮތުގައި މިހާރުގެ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ރިޔާސީ ކެމްޕޭނުގެ ތެރޭގައި ސިފަ ކުރެއްވި ހަނިމާދޫ އެއަރޕޯޓު ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައި ދެއްވައިފި އެވެ.
ހަވާ އެރުވުމުގެ ކުލަ ގަދަ ހަފްލާއަކާ ލައިޓް ޝޯއަކާ އެކު އާދީއްތަ ދުވަހުގެ ރޭ އެއަރޕޯޓް ހުޅުވި އިރު، މިއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހަދަން ފެށި ތަނެކެވެ. އާދީއްތަ ދުވަހުގެ ރޭ އެއަރޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހަނިމާދޫއަށް މިރޭ ވަޑައިގަތީ މޯލްޑިވިއަންގެ އޭ-320 މަރުކާޒުގެ މަތިންދާ ބޯޓެއްގަ އެވެ.
މި އެއަރޕޯޓަކީ ދުއްޕާނެއް ކަމަށް ސައީދު ވިދާޅުވި ޖަލްސާގައި އިތުރަށް ވިދާޅުވީ ހަނިމާދޫ އަށް ބޭނުން ނުވާ ވަރުގެ އަސްކަރީ ބޮޑު ރަންވޭއެއް އަޅަން 135 މިލިއަން ޑޮލަރު އިންޑިއާއިން ރާއްޖޭގެ ބޮލުގައި އެޅުވީމާ ދުއްޕާނަކަށް ނުވޭތޯ އެވެ.
އިންޑިއާގެ ލައިން އޮފް ކްރެޑިޓެއްގެ ދަށުން ފައިނޭންސްކޮށް، އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސް އިން ކުރިއަށްގެންދާ ހަނިމާދޫ އެއަރޕޯޓުގެ ތަރައްޤީގެ މަޝްރޫޢަކީ ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑެތި އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން މަޝްރޫއެކެވެ.
މި މަޝްރޫޢުގައި ހިމެނެނީ ބޮޑެތި މަތިންދާބޯޓުތައް ޖެއްސޭ ވަރުގެ 2.7 ކިލޯމީޓަރުގެ ރަންވޭއަކާއި، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށް ފަރުމާކުރެވިފައިވާ އައު ޓާރމިނަލަކާއި، އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި، ކާގޯ ފެސިލިޓީތަކަކާއި، ޒަމާނީ ފިއުލް ފާމެކެވެ.
136 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 2 ބިލިއަން ރުފިޔާ) ގެ އަގު ހުރި މި މަޝްރޫޢަކީ އިންޑިއާއިން ދިވެހިރާއްޖެ އަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ އެގްޒިމް ބޭންކް ލައިން އޮފް ކްރެޑިޓްގެ ބައެކެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދަން ޕްލޭން ކުރެވުނު މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިމޭއިރު، އިރު، 2،400 މީޓަރުގެ ރަންވޭއަކާއި، 42،000 އަކަފޫޓުގެ އެޕްރަންއަކާއި، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ 10،500 އަކަފޫޓުގެ ޓާމިނަލްއަކާއި، 3،800 އަކަފޫޓުގެ އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރެއް، އަދި އާމް އަދި ފިއުލް ޖެޓީ ފަދަ ޚާއްޞަ ވަސީލަތްތައް ތަރައްގީ ކުރެވޭނެ އެވެ.
މި މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވޭނެ އެވެ. އަދި މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އަދި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބޭނެ އެވެ.