ގައުމުގެ މިސްރާބު މިހާރު ހުރީ 21 އަހަރުގެ ކުރީގެ ހާލަތަށް ކަމަށާ އެ ހާލަތަށް ދިއުމުގެ ކުރީން ގައުމު ސަލާމަތް ކުރަން ރައްޔިތުން ނުކުންނަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޒް އިސްމާއީލް (ފައްޔަ) ވިދާޅުވެއްޖެ އެވެ.
ފައްޔާޒް މިހެން ވިދާޅުވީ މީގެ 21 އަހަރު ކުރީން, އޮގަސްޓް 12, 13 ގެ ހަނދާން އައު ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ޖުމްހޫރީ މައިދާނަށް އެ ދުވަހު އެތައް ސަތޭކަ ބަޔަކު އެއްވެ އިހްތިޖާޖުކުރި އެވެ.
އެ މަންޒަރުތައް ފެންނަ ފޮޓޯތަކާއެކު ފައްޔާޒް ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އަޅުގަނޑުމެން މިއަދު މިދެކޭ ގާނޫނުއަސާސީއާއި، މި ހައްގުތައް ލިބިގެން ދިޔައީ މީގެ 21 އަހަރު ކުރިން މި ދުވަހު، ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ތޮށިގަނޑު ފަޅާލާފައި ނުކުމެ ކުރި އިހުތިޖާޖާއި އަޑުއުފުލުންތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.
އޭގެ 21 އަހަރު ފަހުން އަނެއްކާވެސް ގައުމުގެ މިސްރާބު ހުރީ އޭރުގެ ހާލަތަށް، އެ ދުވަހުގެ ހަރަކާތުން ހިތްވަރު ލިބިގަނެ އަޅުގަނޑުމެންގެ މިއަދާއި މާދަމާ ސަލާމަތްކުރުމަށް މިއަދުގެ ހާލަތަށް އެކަށޭނެ އަދި ނަތީޖާ ނެރެވޭނެ އުސޫލަކުން މަސައްކަތް ކުރަންޖެހޭ
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް![]()
މީގެ އިތުރުން ފައްޔާޒު ވިދާޅުވީ އޮގަސްޓް 12، އަދި 13 ވަނަ ދުވަހުގެ ހަނދާން އާ ކުރަނީ، އެ ދުވަހުގެ ނުރައްކާތެރި ހާލަތާ ކުރިމަތިލައި، އެ ހާލަތުގެ މައްޗަށް ކުޅިފަސް ހޯދުމުގައި ބައިވެރި ވެވަޑައިގެންނެވި ހުރިހައި ބޭފުޅުންނަށް ހައްގު ޝުކުރާއި ތައުރީފު އަރިސްކޮށް އެ ބޭފުޅުންގެ މަތިން ހަނދާންކުރަމުން ކަމަށެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި އޭގެ 21 އަހަރު ފަހުން އަނެއްކާވެސް، ގައުމުގެ މިސްރާބު ހުރީ އޭރުގެ ހާލަތަށެވެ. އެެހެން ކަމުން އެ ދުވަހުގެ ހަރަކާތުން ހިތްވަރު ލިބިގަނެ، މިއަދާއި މާދަމާ ސަލާމަތްކުރުމަށް، މިއަދުގެ ހާލަތަށް އެކަށޭނޭ، އަދި ނަތީޖާ ނެރެވޭނޭ އުސޫލަކުން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
ކަޅު ހުކުރަކީ 2004، ވަނަ އަހަރު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއުލާނު ކުރެއްވި އިސްލާހީ އެޖެންޑާގެ ތެރެއިން ލިބުނު ހިޔާލު ފާޅުކުރުމުގެ ހަނި ފުރުސަތުން ކުރި ފެޅި އެއްވުމެކެވެ.
އޯގަސްޓު 12، 2004، ވަނަ ދުވަހުގެރޭ ޖުމްހޫރީ މައިދާނަށް އެތައް ބަޔަކު އެއްވާން ފެށީ މިނިވަން ބަހުސްގެ ނަމުގައި މާލޭގައި ބާއްވަން ފެށި އެއްވުންތަކުގައި މައުމޫންގެ އިސްތިއުފާއަށް ގޮވައި ބެނާރ ދެމި މީހުން ހައްޔަރު ކުރުމުންނެވެ.
އެއްވުން ރޫޅައިލީ އަނިޔާވެރިކަމާއެކު ސިފައިން ނުކުމެގެންނެވެ. އެ ދުވަހުގެ އެ ހަރަކާތުގައި ބައިވެރިވީކަމުގެ ތުހުމަތުގައި އެތައް ބަޔަކު ހައްޔަރު ވެސް ކުރި އެވެ. އެ މީހުންނަށް މައާފު ލިބުނީ އެ އަހަރުގެ ޑިސެމްބަރު މަހު ކުރިމަތިވި ސުނާމީ ކާރިސާއަށް ފަހު އެވެ.
އިސްލާހީ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ގިނަ މީހުން ސިފަ ކުރާ ގޮތުން، ދިވެހި ރާއްޖެ މިއަދު މިދެކޭ ޑިމޮކްރެސީގެ އަސްލު ފެށުމަކީ ކަޅު ހުކުރެވެ.