Advertisement
ކ. މާލެ
|
12 އޯގަސްޓް 2025 | އަންގާރަ 13:24
ބަންޑާރަ ނައިބު އުޝާމް ރައީސާއި ސަލާމްކުރައްވަނީ
ބަންޑާރަ ނައިބު އުޝާމް ރައީސާއި ސަލާމްކުރައްވަނީ
އޭޖީ އޮފީހުގެ ބާރުތައް ހަނިވުން
ރައީސަށް އިތުރު ބާރުތައް ލިބޭގޮތަށް އޭޖީ އޮފީހުގެ ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
އޭޖީ އޮފީހުގެ މަޤާމުތަކުގެ އޮނިގަނޑު ކަނޑައެޅުމުގެ ބާރު ހަނިވެ، ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދަންޖެހޭގޮތަށް ބަދަލުކޮށްފައިވޭ
ދައުލަތުގެ އިދާރާތަކުގެ ދެމެދު އުފެދޭ މައްސަލަތަކަށް ގޮތް ކަނޑައެޅުމުގެ ބާރު އޭޖީ އަށް ވަނީ ގެއްލިފައި

އެޓާނީ ޖެނެރަލް އޮފީހުގެ ބާރުތައް ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް ލިބިވަޑައިގަންނަވާ ގޮތަށް އެޓާނީ ޖެނެރަލްގެ އޮފީހުގެ ޤާނޫނަށް ގެނައި ބަދަލުތައް ފާސްކޮށްފިއެވެ.

އެ ބިލް ފާސްކޮށްފައި ވަނީ ހޯމަ ދުވަހުއެވެ. ކޮމިޓީ މަރުހަލާގައި މާބޮޑު ބަދަލެއް ނުގެނެސް ފާސްކުރި މި ބިލު ފާސްކުރަން 65 މެންބަރުން ވޯޓު ދީފައިވެއެވެ، އަދި ބިލާ ދެކޮޅަށް ވޯޓު ދިނީ އެންމެ ހަތަރު މެންބަރުންނެވެ.

ފުވައްމަލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހެޅުއްވި އިސްލާހުގައި އެ ގާނޫނަށް 14 ބަދަލެއް ގެނައުމަށް ކަނޑައަޅާފައި ވާއިރު، ބަންޑާރަނައިބުގެ ބާރުތައް ހަނިކޮށް، ރައީސުލްޖުމްހޫރިއްޔާއަށް އެ އޮފީހަށް އޭޖީ އަށް ނުފޫޒު ފޯރުވާން މަގުފަހިވާ ފަދަ ބަދަލުތައް އޭގެ ތެރޭގައި ހިމެނެއެވެ.

މި ބިލްގައި ވާގޮތުން އޭޖީ އޮފީހުގެ މަގާމުތަކުގެ އޮނިގަނޑު ކަނޑައެޅުމުގައި އޭޖީ އަށް އޮތް ބާރު ހަނިވެގެންދާނެއެވެ، އަދި އެ އޮފީހުގެ އޮނިގަނޑު ރައީސް އޮފީހަށް ހުށަހެޅުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދަން ޖެހޭގޮތަށް މާއްދާ އެއް ވަނީ ހިމަނާފައެވެ.

ހަމައެހެންމެ މި ޤާނޫނު ތަސްދީގުކުރާ ހިސާބުން، ދައުލަތުގެ ދެ އިދާރާއެއްގެ ދެމެދު އުފެދޭ މައްސަލަތަކަށް ގާނޫނީ ގޮތުން ގޮތް ކަނޑައަޅައި ހައްލު ހޯދައިދިނުމަށް އޭޖީއަށް އޮތް ބާރުގެ މާއްދާ ވެސް މި އިސްލާހާއި އެކު އޭޖީ އޮފީހުގެ ޤާނޫނުން އުނިވެގެންދާނެއެވެ.

މީގެ ކުރިން އެޕްރީލް މަހުގެ ތެރޭގައި ވެސް އޭޖީ އޮފީހުގެ ޤާނޫނަށް ސަރުކާރުން ބަދަލުތަކެއް ގެނެސްފައިވެއެވެ. އޭރު ފާސްކުރި އިސްލާހާއި އެކު ބަންޑާރަނައިބުގެ އޮފީސް ސިވިލް ސާވިސް އިން ވަނީ ވަކިކޮށްފައެވެ. އަދި އެ އޮފީހުގެ އުސޫލުތަކަށް ބައެއް އެހެން ބަދަލުތައް އޭރު ވެސް ގެންނަވާފައިވެއެވެ.

އޭގެ ފަހުން އަނެއްކާވެސް އެ ގާނޫނަށް ބަދަލު ގެނަން ސަރުކާރުން ހުށަހެޅީ ކުރިން ފާސްކުރި އިސްލާހު ތަސްދީގު ކުރިތާ މަހެއް ވެސް ނުވެއެވެ.

- ކޮމެންޓް