Advertisement
ކ. މާލެ
|
11 އޯގަސްޓް 2025 | ހޯމަ 17:16
ރަށެއްގައި ފެނާއި ނަރުދަމާ ގުޅާލުމުގެ މަސައްކަތް ކުރަނީ: ހޯމަ ދުވަހު ފާސްކުރި ބިލު ގާނޫނަކަށްވާ ހިސާބުން 2028 ގެ ކުރިން ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމަން ޖެހޭ
ރަށެއްގައި ފެނާއި ނަރުދަމާ ގުޅާލުމުގެ މަސައްކަތް ކުރަނީ: ހޯމަ ދުވަހު ފާސްކުރި ބިލު ގާނޫނަކަށްވާ ހިސާބުން 2028 ގެ ކުރިން ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމަން ޖެހޭ
ރާއްޖެއެމްވީ
ފެނާއި ނަރުދަމާގެ މައްސަލަ
ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމާލަން އިތުރު ދެ އަހަރު ދޭން ފާސްކޮށްފި
ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރަންޖެހޭ މުއްދަތު 2027 އާ ހަމައަށް އިތުރު ކުރަން ސަރުކާރުން ހުށަހެޅި ބިލު މަޖިލީހުން ފާސްކުރީ ހޯމަ ދުވަހު
ފެނާއި ނަރުދަމާގެ ނިޒާމުތައް އެޅުމުގެ މަސައްކަތް ކުރިން ނިންމަން އޮތް ތާރީހަކީ 2024
ފެނާއި ނަރުދަމާގެ ހިދުމަތާ ގުޅޭގޮތުން ކައުންސިލްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ނުޖެހޭ ގޮތަށް ސަރުކާރުން ވަނީ އިސްލާހު ހުށަހަޅާފަ

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރަންޖެހޭ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައި އޮންނަ މުއްދަތު 2027 އާ ހަމައަށް އިތުރު ކުރަން ސަރުކާރުން ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފި އެވެ.

ގާނޫނުގައި މިހާރު އޮތް ގޮތުން، ގާނޫނު އެކުލަވާލާ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހުގެ ތެރޭ ފެނާއި ނަރުދަމާގެ ނިޒާމުތައް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށް ހިންގޭނެ އެންމެހާ އިންތިޒާމުތައް ހަމަޖެހިފައި ހުންނަން ވާނެއެވެ.

މި ބިލު ފާސްކުރީ ހޯމަ ދުވަހުގެ ޖަލްސާގައި ބައިވެރިވި 61 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް ވޯޓު ދިނީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު, ފެނާއި ނަރުދަމާގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، މީހުން ދިރިއުޅޭ ހުރިިހާ ރަށެއްގައި ލަސްވެގެން 2027 ވަނަ އަހަރު ނިމުމުގެ ކުރިން އެ ރަށަކާ އެކަށޭނަ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖައްސަން ޖެހޭނެއެވެ.

އެހެންކަމުން ގާނޫނު އިސްލާހުކޮށް އެއަށް އަމަލުކުރަން ފެށުމާ ހަމައަށް ފެނާއި ނަރުދަމާގެ އެންމެހާ މަސައްކަތްތައް ނިމެން ޖެހޭނީ މި އަހަރުގެ ނިޔަލަށެވެ. އެއީ ފެނާއި ނަރުދަމާގެ ގާނޫނަށް އަމަލުކުރަން ފެށީ 2020 ވަނަ އަހަރުގައި ކަމަށްވާތީއެވެ.

އޭގެ އިތުރުން ފެނާއި ނަރުދަމާގެ ހިދުމަތާ ގުޅޭގޮތުން ކައުންސިލްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ގޮތަށް އޮތް މާއްދާ ބަދަލުކޮށް ފެނާއި ނަރުދަމާގެ ހިދުމަތާ ގުޅޭގޮތުން ކައުންސިލްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ނުޖެހޭ ގޮތަށް ސަރުކާރުން ވަނީ އިސްލާހު ހުށަހަޅައިފަ އެވެ.

ފެނާއި ނަރުދަމާ ގާއިމު ކުރަންޖެހޭ މުއްދަތު އިތުރު ކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ގިނަ މެންބަރުން ވަނީ މި ސަރުކާރު ވެރިކަމަށް އައިފަހުން ފެނާއި ނަރުދަމާގެ އެއްވެސް މަޝްރޫއުއެއް ކުރިއަށް ނުދާކަމަށް ބުނެ އެ މައްސަލަ ފާހަގަކޮށްފަ އެވެ.

މަޝްރޫއުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ނުހިނގާ ކަމުގެ ކަންބޮޑުވުމަކީ މި ސަރުކާރަށް ތާއީދު ކުރައްވާ ބައެއް މެންބަރުން ވެސް އޮތް ކަންބޮޑުވުމެކެވެ.

ފެނާއި ނަރުދަމާ ނިޒާމުތައް އެޅުމުގެ މަސައްކަތް ކުރިން ނިންމަން އޮތް ތާރީހަކީ އަންނަ އަހަރެވެ. މި ގޮތުން ކުރީ ސަރުކާރުން ވަނީ އެ ނިޒާމު ގާއިމުނުކުރެވިވާ 39 ރަށެއްގެ މަސައްކަތް2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ގައި ހަވާލުކޮށްފަ އެވެ. ނަމަވެސް މީގެ ތެރެއިން ގިނަ ޕްރޮޖެކްޓުތައް އަދި ވެސް ނުނިމެ އެވެ.

މި ސަރުކާރުން މިދިޔަ އަހަރު ރަށްރަށުގައި ކުރިއަށް ގެންދަންޖެހޭ މަޝްރޫއުތައް ކުރިއަށް ނުގެންދެވުނީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި 2024 ވަނަ އަހަރުގެ ބަޖެޓުގައި ޖެއްސުން ކޮށްފައި އޮތުމުން ކަމަށް ބުނެފައިވެއެވެ.

އެގޮތުން އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އޭރު ފާސްކުރި ބަޖެޓުގައި މަޝްރޫއުތަކާ އެކަށީގެންވާ ވަރަށް ފައިސާ ޖަހާފައި ނެތް ކަމަށާއި، ބައެއް މަޝްރޫއުތަކަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ވެސް ބަޖެޓުގައި ފައިސާ ޖަހާފައި ހުރުމުން މަޝްރޫއުތައް ކުރިއަށް ގެންދަން ދަތިވީ ކަމަށް މި ސަރުކާރުން ބުނެފައިވެއެވެ.

- ކޮމެންޓް