އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ އިތުރަށް ފުޅާ ކުރުމުގެ ގޮތުން، އިސްރާއީލްގެ އަސްކަރިއްޔާ އިން މުޅި ޣައްޒާގެ ކޮންޓްރޯލް ނަގާނެ ކަމަށް، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނެފި އެވެ.
ބޮޑު ވަޒީރުގެ އޮފީހުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫގެ ފަރާތުން ހުށަހަޅާފައިވާ ޣައްޒާ ސިޓީ ކޮންޓްރޯލް ކުރުމުގެ ހުށަހެޅުމަށް، އެ ޤައުމުގެ ސެކިއުރިޓީ ކެބިނެޓުން ހުއްދަ ދީފައިވާ ކަމަށެވެ.
މި ރޭވުމުގެ ދަށުން ޣައްޒާ ސިޓީގެ ފުރިހަމަ ކޮންޓްރޯލް ނެގުމަށް ސިފައިން ތައްޔާރު ވާނެ ކަމަށް ބުނެފައިވެ އެވެ.
ނަތަންޔާހޫ ވިދާޅުވެފައި ވަނީ އިސްރާއީލް އިން ޣައްޒާގެ ފުރިހަމަ ކޮންޓްރޯލް ހޯދަން ބޭނުންވާ ކަމަށެވެ. އެމެރިކާގެ ފޮކްސް ނިއުސް އަށް ދާދި ފަހުން ނަތަންޔާހޫ ދެއްވި އިންޓަވިޔުއެއްގައި އޭނާ ވިދާޅުވެފައި ވަނީ، އިސްރާއީލް އިން ބޭނުން ވަނީ ޣައްޒާގައި "ސެކިއުރިޓީ ޕެރިމީޓަރ"އެއް ޤާއިމު ކުރުމަަށް ފަހު، ޣާއްޒާ ހިންގުން އެ ސަރަހައްދުގެ އަސްކަރީ ބާރަކާ ހަވާލު ކުރަން ކަމަށެވެ.
އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ފުޅާކޮށް، ޣައްޒާގެ ފުރިހަމަ ކޮންޓްރޯލް ނަގަން ނިންމާފަައި މި ވަނީ، ބައިނަލްއަޤުވާމީ މުޖުތަމައުގެ ނުރުހުން އަދި ޕްރެޝަރު އެ ޤައުމަށް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. އަދި މި ދަނޑި ވަޅަކީ ޔޫރަޕުގެ ގިނަ ޤައުމުތަކަކުން ވސް ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނާނެ ކަމަށް އިއުލާން ކޮށްފައިވާ ވަގުތެކެވެ.
އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި މިހާތަނަށް ޣައްޒާ އިން ވަނީ، 61،258 މީހަކު ޝަހީދު ކޮށްލައިފަ އެވެ. އަދި އެތައް ހާސް ބަޔަކަށް ވަނީ ހަމަލާތަކުގެ ސަބަނުން އަނިޔާވެފަ އެވެ. އިސްރާއީލްގެ އަނިޔާވެރިކަން ހައްދު ފަހަނަ އަޅާފައިވާއިރު، ޣައްޒާގެ ދެ މިލިއަނަނަށް ވުރެ ގިނަ މީހުންނަަށް ވަނީ ބަނޑުހައި ހޫނުކަން ތަހަންމަލު ކުރަން ޖެހިފަ އެވެ.
ޣައްޒާގެ އިންސާނީ ޙާލަތު ދަށްވެފައިވާއިރު، އދ އިން ބުނެފައިވާ ގޮތުގައި ޣައްޒާ އަށް ކޮންމެ ދުވަހަކު ވެސް މަދުވެގެން 600 ޓްރަކުގެ އެހީ ބޭނުންވާ ކަމަށެވެ. ނަމަވެސް މިހާރު ޖުމުލަ ގޮތެއްގައި ޣައްޒާ އަށް ދުވާލަކު ވަންނަނީ 70 ނުވަތަ 80 ޓްރަކުގެ އެހީ ކަމަށް ވެސް ބުނެފައިވެ އެވެ.
އިސްރާއީލްގެ ސެކިއުރިޓީ ކެބިނެޓުން ފާސް ކޮށްފައިވާ ރޭވުމުގެ ދަށުން ހަމާސް ޖަމާއަތުގެ ހަތިޔާރުތައް ނައްތާލުމާއި، ހަމާސްހެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ހުރިހާ ރަހީނުން މިނިވަން ކުރުމާއި، ޣައްޒާ އިސްރާއީލްގެ ކޮންޓްރޯލްގެ ދަށަށް ގެނައުމާއި، ހަމާސް ނުވަތަ ޕެލަސްޓީނިއަން އޮތޯރިޓީ (ޕީއޭ) ނޫން ފަރާތަކަށް ޣައްޒާގެ ހިންގުން ހަވާލު ކުރުން ހިމެނެ އެވެ.