މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އާދަޔާ ޚިލާފު ކޮންގްރެސް އަންނަ އަހަރުގައި އޮންނަ ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު ބޭއްވުމަށް އެ ޕާޓީގެ ޤައުމީ މަޖިލީހުން ފާސްކޮށްފިއެވެ.
އެ ނިންމުން ނިންމީ ބުދަ ދުވަހުގެ ރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގަ އެވެ. ބުދަ ދުވަހުގެ ރޭ އޮތީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ 25 ވަނަ ޖަލްސާ އެވެ.
ބުދަ ދުވަހުގެރޭ ކުރިއަށްދިޔަ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ފާސްކޮށްފައިވަނީ، އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު، އެ އަހަރުގެ މެދުތެރޭގައި އެ ޕާޓީގެ ކޮންގްރެސް ބޭއްވުމަށެވެ.
އެމްޑީޕީން އެންމެ ފުރަތަމަ ކޮންގްރެސް ނިންމާފައި ވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 15 ގެ ކުރިން ބޭއްވުމަށެވެ. އެ ޕާޓީން އެގޮތަށް ނިންމާފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 22 ވަނަ ބައްދަލުވުމުގައެވެ. އެހެން ނަމަވެސް މިހާރު ވަނީ އެ ތާރީޚު ބަދަލުކުރައްވައި އަންނަ އަހަރަށް ކޮންގްރެސް ބޭއްވުމަށް ފާސްކޮށްފަ އެވެ.
އެ ޕާޓީގެ ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމް ހުށަހަޅުއްވައި، ތުޅާދޫ ދާއިރާގެ ރައީސް އަބުދުﷲ ސިރާޖު އާއި މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލި މަނިކު ތާޢީދުކުރެއްވި ގޮތަށް، މި ހުށަހެޅުން ފާސްވީ ބައްދަލުވުމަށް ވަޑައިގެންނެވި 47 މެންބަރުންގެ ތެރެއިން 45 މެމްބަރުންގެ ތާއީދާއި އެކުގަ އެެވެ.
އެމްޑީޕީގެ ކޮންގްރެސްއަކީ އަންނަ އަހަރުގެ އެންމެ ޝައުގުވެރި ސިޔާސީ ހަރަކާތަށް ވާނެ އެވެ. ކޮންގްރެސްގެ ތެރެއިން އެމްޑީޕީގެ އަސާސީ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެންނަން ވަނީ ނިންމާފަ އެވެ.
އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި އެންމެ މަގުބޫލު ސިޔާސީ ޕާޓީ އެވެ.
އެމްޑީޕީގެ ކޮންގްރެސްއަކީ އަންނަ އަހަރުގެ އެންމެ ޝައުގުވެރި ސިޔާސީ ހަރަކާތަށް ވާނެ އެވެ. ކޮންގްރެސްގެ ތެރެއިން އެމްޑީޕީގެ އަސާސީ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެންނަން ވަނީ ނިންމާފަ އެވެ.
އެމްޑީޕީގެ ކޮންގްރެސް އަންނަ އަހަރުގެ މެދުތެރޭގައި ބާއްވަން ނިންމި ނަމަވެސް ކޮންގްރެސް ބާއްވާނެ ވަކި ތާރީޚަކާއި ތަނެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.