ކ. މާލެ
|
6 އޯގަސްޓް 2025 | ބުދަ 13:11
އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ
އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
ސަލާމަތީ އޮފިޝަލުންނާ އެކު ނަތަންޔާހޫގެ ބައްދަލުވުމެއް
އެ ބައްދަލުވުމުގައި އިސްރާއީލްގެ ސިފައިންގެ އެންމެ އިސްވެރިޔާ އެޔާލް ޒަމީރު ވަނީ ޣައްޒާ ހަނގުރާމަ ކުރިއަށް ގެންދާނެ ގޮތުގެ އޮޕްޝަންތަކެއް ވެސް ހުށަހަޅާފައި ކަމަށް ބުނެފައިވެ އެވެ. 

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ، އެ ޤައުމުގެ ސަލާމަތީ އޮފިޝަލުންނާ އެކު މުހިންމު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ސަލާމަތީ އޮފިޝަލުންނާ އެކު ނަތަންޔާހޫ ބާއްވާފައިވާ މި ބައްދަލުވުމަކީ، ޣައްޒާގައި އިސްރާއީލް އިން ހިންގަމުން އަންނަ 22 މަސް ދުވަހުގެ ހަނގުރާމައާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމެކެވެ. 

އެގޮތުން ޣައްޒާ ހަނގުރާމައިގެ އައު ސްޓްރެޓަޖީއެއް އެކުލަވާލުމަށްޓަކައި ނަތަންޔާހޫ ވަނީ ސަލާމަތީ އޮފިޝަލުންނާ އެކު ބައްދަލު ކޮށްފައި ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ނަތަންޔާހޫ މިހާރު ބޭނުން ވަނީ ޣައްޒާ ހަނގުރާމަ އިތުރަށް ވެސް ފުޅާކޮށް، ފަލަސްޠީނުގެ މުޅި ސަރަހަައްދު އެއްކޮށް އަތުލައި ގަތުމަށެވެ. 

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން، ޣައްޒާގެ އިންސާނީ ޙާލަތު ކަންބޮޑުވާ މިންވަރަށް ދަށަށް ގޮސްފައިވާއިރު، ބައިނަލްއަޤުވާމީ މުޖުތަމައުން އަންނަނީ ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލަށް ގޮވާލަމުންނެވެ. ނަމަވެސް، ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލް އާއި ހަމާސްއާ ދެެމެދު ކުރަމުން އައި މަޝްވަރާތަކުގައި އެއްވެސް ނަތީޖާއެއް ނިކުމެފައި ނުވާއިރު، މަޝްވަރާތައް ވެސް ވަނީ މަޑު ޖެހިފަ އެވެ. 

ޣައްޒާގެ ޞިއްޙީ ވުޒާރާ އިން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް، ޣައްޒާ އިން ވަނީ ބަނޑުހައި ހޫނު ކަމުގައި އަށް މީހަކު ޝަހީދުވެފަ އެވެ. އަދި އިސްރާއީލް އިން ދިން ހަމަލާތަކުގައި 79 މީހުން ޝަހީދުވެފައިވާ ކަމަަށް ވެސް ވަނީ ހާމަކޮށްފަ އެވެ. 

އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގިތުން، ނަތަންޔާހޫ ވަނީ ތިން ގަޑިއިރުގެ ދިގު މިނަކަށް ދެމިގެން ދިޔަ ސަލާމަތީ މަޝްވަރާތަކެއް ބާއްވައިފަ އެވެ. އަދި އެ ބައްދަލުވުމުގައި އިސްރާއީލްގެ ސިފައިންގެ އެންމެ އިސްވެރިޔާ އެޔާލް ޒަމީރު ވަނީ ޣައްޒާ ހަނގުރާމަ ކުރިއަށް ގެންދާނެ ގޮތުގެ އޮޕްޝަންތަކެއް ވެސް ހުށަހަޅާފައި ކަމަށް ބުނެފައިވެ އެވެ. 

އިސްރާއީލް އިން ޣައްޒާގާއި ހިންގަމުން އަންނަ ހަނގުރާމައިގައި މިހާތަނަށް ޣައްޒާ އިން ވަނީ 61،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. އަދި އެ ހަނގުރާމައިގައި ޣައްޒާގެ ދެ މިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާއިރު، އިސްރާއީލްގެ ހަމަލާތަކުގައި އެތައް ހާސް ބަޔަކަަށް ވަނީ އަނިޔާވެފަ އެވެ. 

އިންސާނީ ޙާލަތު ދަށްވެ، ޣައްޒާގައި އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާއިރު، ބަނޑުހައި ހޫނު ކަމުގެ ސަބަބުން ޣައްޒާ އިން ވަނީ 188 މީހަކު ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި 94 ކުޑަ ކުދިން ހިމެނޭ ކަމަށް ވެސް ޣައްޒާގެ އިދާރާ ތަކުން ވަނީ ހާމަކޮށްފަ އެވެ. 

- ކޮމެންޓް