Advertisement
ކ. މާލެ
|
6 އޯގަސްޓް 2025 | ބުދަ 02:19
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ޖަލްސާ އަންގާރަ ދުވަހުގެރޭ ކުރިއަށް ދަނީ
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ޖަލްސާ އަންގާރަ ދުވަހުގެރޭ ކުރިއަށް ދަނީ
އެކްސް
ލާމަރުކަޒީ ގާނޫނު
ގިނަ ބައެއްގެ ކަންބޮޑު ވުން އޮތް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ހިނގައި ދިޔަ ގޮތް މިއޮތީ!
ކައުންސިލުތަކުގެ ބާރު ކަނޑުވާލުމަށް ސަރުކާރުން ހުށަހެޅި ބިލު ލާމަރުކަޒީ ކޮމިޓީން އެއްވެސް ޚިޔާލަކަށް ރިއާޔަތް ނުކޮށް ގަޑިއިރެއްހާއިރުގެ ތެރޭގައި ފާސްކުރި
30 އަށްވުރެ ގިނަ ކައުންސިލުން ސަރުކާރުން ހުށަހަޅާފައިވާ ގޮތައް ބިލު ފާސްކުރަން ނުފެންނަ ކަމަށް ބަޔާން ނެރެފައިވޭ
ކޮމިޓީގެ ތިން ބައްދަލުވުމަށް 11 މެންބަރުންގެ ތެރެ އިން ހާޒިރުވެފައިވަނީ 7 މެންބަރުން

ކައުންސިލުތަކުގެ ބާރު ކަނޑުވާލުމަށް ސަރުކާރުން ހުށަހެޅި ބިލު ލާމަރުކަޒީ ކޮމިޓީން ފާސް ކުރީ އެ ބިލަށް އެކި ފަރާތްތަކުން ހުށަހަޅާފައި އެއްވެސް ކޮމެންޓަކަށް ރިއާޔަތް ކުރުމެއް ނެތި، ޖުމްލަ ގަޑީ އިރެއްހާ އިރުގެ ވަގުތު ކޮޅެއްގެ ތެރޭގައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނަށް އިސްލާޙު ގެނައުމުގެ މި ބިލު މަޖިލީހަށް ހުށަހެޅީ 4 އޮގަސްޓު 2025 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 20 ވަނަ ޖަލްސާ އަށެވެ.

ސަރުކާރުގެ ފަރާތުން، ބިލު ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން އެވެ.

ބިލު ދިރާސާ ކުރުމަށް ފޮނުވީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އަށެވެ.

އެ ބިލަކީ، ޤާނޫނު ނަންބަރު 722010 ދިވެހިއާއްޖޭގެ އިދާރީ ދާއިރާތައް، ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނު ދަށުން، ކައުންސިލްތަކުން އުފައްދާ ކުންފުނިތަކުން ވިޔަފާރީގެ ޙަރަކާތްތައް ހިންގުމުގެ ދާއިރާ ގާނޫނުގައި ކަނޑައެޅުމަށާއި ހިލޭ އެހީގެ ގޮތުގައި ދައުަތުން ކައުންސިލުތަކަށް ފައިސާ ދިނުމުގައި ޢަމަލުކުރަންޖެހޭ ބައެއް އުސޫލުތައް ބަދަލު ކުރުމަށާއި، ކައުންސިލްތަކުގެ ޢުމުރުގެ ފަހު އަހަރުގެ ތެރޭގައި، ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި އަމިއްލަ ބާރުގައި އެކަން ނުކުރެވޭ ގޮތް ހެދުމެވެ.

ބިލު ދިރާސާކުރުމަށް ކޮމިޓީ އަށް ފޮނުއްވުމާ ގުޅިގެން، 4 އޮގަސްޓު 2025 ގައި ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އެ ބިލު ދިރާސާ ކުރަން ފެށުމުގެ ކުރިން ކޮމިޓީން ބިލުގެ މަސައްކަތް ނިންމާނެ ސުންގަޑި އަކީ، 5 އޮގަސްޓު 2025 ކަމުގައި ނިންމިއެވެ.

ބިލާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހުށަހެޅުމަށް ކޮމިޓީން ދިން 24 ގަޑިއިރުގެ ފުރުސަތުގައި މަދަނީ ޖަމްޢިއްޔާ ތަކުންނާއި، ކައުންސިލްތަކުންނާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޒިކް ޕާޓީ (އެމްޑީޕީ) އަދި އާންމު ފަރާތްތަކުން ބިލަށް ޚިޔާލު ހުށަހެޅި ކަމަށް ކޮމިޓީ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. އެހެން ނަމަވެސް އެއިން އެއްވެސް ޚިޔާލެއް ކޮމިޓީން ބަލައިގަނެފައެއް ނުވެއެވެ.

ބިލު ދިރާސާ ކުރުމަށް ކޮމިޓީން ޖުމްލަ 03 ބައްދަލުވުން ބާއްވާފައިވެއެވެ.

ބިލާ ގުޅޭގޮތުން ކޮމިޓީން ބިލަށް ގެނެސްފައި ވަނީ ކުދި ކުދި ބަދަލުތަކެއް ކަން ފާހަގަ ކުރެވެއެވެ. އެ ގޮތުން 3 ބަދަލެއް ގެނެސްފައިވެއެވެ.

އެ ގޮތުން ގެނައި ފުރަތަމަ ބަދަލަކީ ގާނޫނުގެ 70 ވަނަ މާއްދާގެ (ރ) އަށް ގެނައި ބަދަލެވެ.

މި އަކުރަށް ގެނައި ބަދަލަކީ ލާމަރުކަޒީ ގާނޫނު ހަވާލާ ދީފައިވަނީ މިހާރު އުވާލާފައިވާ ގާނޫނު ނަންބަރު 10/96 (ދިވެހި ރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނު) ގެ މާއްދާ އަކަށް ވާތީ އެކަން އިސްލާހު ކުރުމެވެ. އިސްލާހުގައި ބުނެފައިވަނީ ލާމަަރުކަޒީ ގާނޫނުގެ ދަށުން ހަދާ ކުންފުނީގެ މައްޗަށް ހިނގާނީ 7/2023 (ކުންފުނީގެ ގާނޫނު) ކަމުގައެވެ.

ދެވަނަ ބަދަލަކީ، ބިލުގެ 79 ވަނަ މާއްދާގައި އޮންނަ "މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އެހެން އޮތް ނަމަވެސް، އެ މާއްދާގައި ބަޔާން ކުރާ އާމްދަނީ....، މި ޖުމްލައިގައި އޮތް "މާއްދާގައި" އެ ލަފުޒުގެ ބަދަލުގައި ނަންބަރުގައި، އެ ގޮތައް ބަދަލު ކޮށްލުމެވެ.

މި ބަދަލު ގެނައީ އެ މާއްދާގެ ހަވާލާ އިތުރަށް ސާފު ކޮށް ދިނުމުގެ ގޮތުން ކަމަށް ބުނެފައި ވެއެވެ.

ބިލަށް ގެނައި ތިން ވަނަ އަދި ފަހު ބަދަލަކީ، 100 ވަނަ މާއްދާ ގައި، ކައުންސިލުތަކުން ހުޅުވާ ބޭންކު އެކައުންޓުތަކުގެ ތަފްސީލު ގައުމީ އިދާރާ އަށް ފޮނުވަން ޖެހޭނެ ކަމަށް އޮންނަ އޮތުން މާލީ ކަންކަން ހިންގުމާ ބެހޭ ވުޒާރާ އަށް ބަދަލު ކޮށްލުމެވެ.

މި ބަދަލުު ތަކާ އެކު ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް، 5 އޮގަސްޓު 2025 (އަންގާރަ ދުވަހުގެ ރޭ) ގައި ބޭއްވި ކޮމިޓީގެ 2025 ވަނަ އަހަރުގެ 17 ވަނަ ބައްދަލުވުމަށް ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އައްލަބިއްޔަތުން ވަނީ ފާސް ކޮށްފައެވެ.

ޖުމްލަ ތިން ބައްދަލުވުމަށް ހޭދަވެފައި ވަނީ 1 ގަޑި އިރާއި 10 މިނެޓް އެވެ.

ކޮމިޓީ ގެ 3 ބައްދަލުވުމަށް ހާޒިރުވެފައިވަނީ، ކޮމިޓީގައި ހިމެނޭ 11 މެމްބަރުންގެ ތެރެއިން 7 މެމްބަރުންނެވެ.

ނައިފަރު ދާއިރާގެ މެމްބަރު ޔާސީން އަބްދުﷲ އާއި ނިލަންދޫ ދާއިރާގެ މެމްބަރު ފާތުމަތު ސައުދާ އަންގާރަ ދުވަހުގެ ރޭގެ ޖަލްސާ އަށް ހާޒިރުވެވަޑައި ނުގަންނަވައެވެ.

ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު އަސްލަމް 3 ބައްދަލުވުމުގައި ވެސް ހުންނެވީ ސަލާމުގައެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހްމާނު ހުންނެވީ ރަސްމީ ދަތުރުފުޅެއް ގައެވެ.

ކޮމިޓީން ބިލު ފާސް ކުރި ބައްދަލުވުމަށް ވަޑައިގެންނެވި 7 މެމްބަރުންގެ ތެރެއިން، ފާސް ކުރަން ފެންނަ ކަމަށް ވޯޓު ނުދެއްވަނީ ކޮމިޓީ ގައި އިންނެވި އެމްޑީޕީ އަށް ނިސްބަތްވާ ހަމަ އެކަނި މެމްބަރު ކެޔޮދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިއުޝާދު އެވެ.

ވެރިކަން ކުރާ ޕީއެންސީ އަށް ނިސްބަތްވާ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހްމަދު ޟަމީރު މުގައްރިރު ކަން ކުރައްވާ ކޮމިޓީގައި ބިލުގެ މަސައްކަތް ނިންމި އިރު 30 ށް ވުރެ ގިނަ ކައުންސިލުން އެ ބިލު ފާސް ކުރަން ނުފެންނަ ކަމަށް ބަޔާންތައް ވަނީ ނެރެފައެވެ.

- ކޮމެންޓް