މާލޭގެ ބާޒާރުގައި ތަކެތީގެ އަގު މައްޗަށްދާ އެއް ސަބަބަކީ ޑޮލަރުގެ އަގު މައްޗަށް ދާތީ ކަމަށް ފިހާރަތަކުން ބުނެފިއެވެ.
އާންމު ކޮށް ބޭނުން ކުރާ މޭވާ އާއި ތަރުކާރީ ފަދަ ބާވަތްތަކުގެ އަގު ވަރަށް ބޮޑަށް އުފުލިގެން ދިޔުމާއެކު އެކަން އެހެން ދިމާވާ ސަބަބާ ބެހޭ ގޮތުން ރާއްޖެއެމްވީ ގެ ފަރާތުން ފިހާރަތައް ހިންގާ ބައެއް ފަރާތްތަކާ ވާހަކަ ދެއްކުމުން އެމީހުން ބުނީ، ޑޮލަރު ގަންނަން ލިބޭ އަގު ބަލަބަލައި ތިއްބާ މައްޗަށް ދިއުމަކީ ތަކެތީގެ އަގު ބޮޑު ވާން ދިމާވާ އެންމެ މުހިންމު އެއް ސަބަބު ކަމުގައެވެ.
"ޑޮލަރުގެ އަގު ކޮންމެ ދުވަހަކު އެ ދަނީ މައްޗަށް، ކިހިނެއް ތަކެތީގެ އަގު ތިރިވާނީ؟ މިއިން ބޭރުން ގެންނަ އެއްޗެހި މުޅިން ވެސް،" ވިޔަފާރިވެރިޔަކު ބުންޏެވެ.
އެމީހުން ބުނާ ގޮތުގައި ތަކެތި ފިހާރަތަކަށް ލިބުން މިދުވަސްކޮޅު ދަތިވުމުގެ ސަބަބުން ވެސް ތަކެތީގެ އަގު މައްޗަށް ދިޔަ ކަމުގައެވެ.
"ބޮޑެތި ބޭފުޅުން ވަޑައިގަންނަވައިގެން، މާލޭ ވިޔަފާރި ބަނދަރުން ތަކެތި ނެރެގެން ތަންތަނަށް ގެންދިއުން ވެސް އޮތީ ވަރަށް ބޮޑަށް ތާށި ކޮށްފައި،" ކަމަށް ވިޔަފާރިވެރިއަކު ބުންޏެވެ.
އޭނާ ކިޔައިދިން ގޮތުގައި ތަކެތީގެ އަގު ބޮޑުވީމާ، އެތަކެއްޗަށް އޮންނަ ޑިމާންޑް ވެސް މިހާރު ވަރަށް ބޮޑަށް ދަށަށްހިނގައްޖެ އެވެ. އަދި އެކަމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ދަނީ ވަމުންނެވެ.
"ގަންނަނީ ވެސް ވަރަށް މަދުން، މީހުންގެ އަތުގައި ލާރި އެއް އެވަރަކަށް ނުހުރޭ، ވަރަށް ދަށް ވިޔަފާރި،" މާލޭގެ ތަރުކާރީ ފިހާރައެއް ހިންގާ މީހަކު މިކަން ވެގެން އުޅޭ ގޮތް ސާފު ކޮށްދެމުން ބުންޏެވެ.
މޭވާ އާއި ތަރުކާރީ ފަދަ އަސާސީ ބާވަތްތަކުގެ އަގުތައް މައްޗަށް ދާތީ، ގިނަ ބަޔަކު އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުން ނެވެ.
މި ދުވަސްކޮޅު އެންމެ ބޮޑަށް އަގު މައްޗަށް ގޮސްފައިވާ އެއް ބާވަތަކީ އެންމެ އާންމު ކޮށް ބޭނުންވާ ބާވަތެއް ކަމުގައިވާ ފިޔާ އެވެ.
ކުރިން 18ރ އަށް ކިލޯ އެއްގެ މަގުން ގަންނަން ލިބުނު ފިޔާ މިހާރު ހުރީ 40ރ ގައެވެ.
ކުރިން 80ރ އަށް ގަންނަން ލިބުނު އަންނާރު ކިލޯ އެއް މިހާރު ހުރީ، 120ރ އަށް އަގު ބޮޑު ވެފައެވެ.
ފިހާރަތަކުގައި މޭވާ އާއި ތަރުކާރީގެ އަގުތައް ހުރި ގޮތް ބަލާލިއިރު، ޖުމްލަ ގޮތެއްގައި ގިނަ ބާވަތްތަކުން ކިލޯ އަކުން 5ރ ވަރު އަގު މައްޗަށް ޖެހިފައިވާ ކަން ވަނީ ފާހަގަ ކުރެވިފައެވެ.
"މިހާރު ގެއަށް ގެންދާނެ އެއްޗެއް ނުލިބޭ، ކުރިން ވިޔަފާރިން ލިބޭ އެއްޗަކުން ކުލި ދައްކާފައި، ދިރިއުޅެވޭ، މިހާރު ނުލިބޭ ގެއަށް ގެންދާނެ އެއްޗެއް،" ތަރުކާރީ އާއި މޭވާ މާލޭގައި ވިއްކާ މީހަކު ބުންޏެވެ.
ތަކެތީގެ އަގު ބޮޑު ވުމާއި ޑޮލަރުގެ އަގާ ގުޅިފައި ވާއިރު، މިހާރު ކަޅު ބާޒާރުގައި ޑޮލަރު ގަންނަން ލިބެން ހުރީ 20ރ އަށް ވުރެ ބޮޑުކޮށްނެވެ.
ރައީސް މުއިއްޒު ދިވެހި ރައްޔިތުންނަށް ޑޮލަރުގެ އަގު މައްޗަށް ނުދާނެ ކަމަށް ބާރުލައްވައި ވިދާޅުވެފައި ވިޔަސް ރާއްޖޭގެ ތާރީޚުގައި ރެކޯޑް މިންވަރަކަށް ޑޮލަރުގެ އަގު ވަނީ އުފުލިފައެވެ.