2025 ވަނަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު އޮގަސްޓް މަހު ކާބޯތަކެތީގެ އަގުތައް +1.62% މައްޗަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފިއެވެ.
އެ ބިއުރޯ އިން ސެޕްޓެމްބަރު މަހުގެ 2 ވަަނަ ދުވަހު ޝާއިރު ކުރި 'އެސެންޝަލް ކޮމޯޑިޓީސް ޕްރައިސް އިންޑެކްސް' ގައި ފާހަގަ ކޮށްފައިވާ ގޮތުން އެންމެ ބޮޑަށް އަގު މައްޗަށް ގޮސްފައިވަނީ މޭވާގެ ބާވަތްތަކުންނާއި (+6.13%) ތަރުކާރީގެ (+2.23%) ބާވަތްތަކުނެވެ.
އަހަރުން އަހަރަށް އަންނަ ބަދަލަށް ބަލާއިރު، 2024 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާ ބަލާއިރު 2025 ވަނަ އަހަރުގެ އޮގަސްޓް މަހު، ކާބޯތަކެތީގެ އަގުތައް 1.96% ވަނީ މައްޗަށް ގޮސްފައެވެ. މީގެ ތެރެއިން އެންމެ ބޮޑު އިތުރުވުމެއް ފެނިފައި ވަނީ ވެސް މޭވާގެ (+10.20%) ބާވަތްތަކުންނެވެ. އަދި ތެލާއި ފެޓްސް ގެ (+5.34%) ބާވަތްތަކުންނެވެ.
ހުސްވި އަހަރުގެ އޮގަސްޓް މަހުގެ އަގުތަކާ އަޅާ ބަލާއިރު، ލުއި ބުއިންތަކުގެ އަގުތައް +1.58% އަށް މައްޗަށް ގޮސްފައިވެއެވެ. މީގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ވެފައިވަނީ ކޮފީ އަދި ކޮފީގެ ބަދަލުގައި ބޭނުންކުރާ ތަކެތީގެ އަގުތައް މައްޗަށް ގޮސްފައިވާ ކަމެވެ. އެ ފަަދަ ބާވަތްތަކުގެ އަގުތައް +8.22% އަށް މައްޗަށް ގޮސްފައިވާއިރު، އަދި މޭވާ އާއި ތަރުކާރީގެ ޖޫހުގެ ބާވަތްތަކުގެ އަގުތައް +6.97% އަށް މައްޗަށް ގޮސްފައިވެ އެވެ.
2025 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 2025 ވަނަ އަހަރުގެ އޮގަސްޓް މަހު ޕާރސަނަލް ކެއަރ ގެ ގޮތުގައި ބޭނުން ކުރާ ތަކެތީގެ އަގުތައް ވެސް ވަނީ އުފުލިފައެވެ.
2024 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 2025 ވަނަ އަހަރުގެ އޮގަސްޓް މަހު މި ބައިގެ އަގުތައް +4.33% އިތުރުވެފައިވެއެވެ.