ކ. މާލެ
|
30 ޖުލައި 2025 | ބުދަ 14:41
ރަޝިޔާގެ ސަޚަލިން ސަރަހައްދުގެ ސެވަރޯ-ކުރިލްސްކް ގައި އޮންނަ ކަމްޗަޓްކާ ޕެނިންސުލާ އަށް އައި ބާރުގަދަ ބިންހެލުމަކަށް ފަހު، އައްސޭރިފަށާ ކައިރީގައި ހުރި އިމާރާތްތަކަށް ބާރުގަދަ ރާޅެއްގެ އަސަރު ކޮށްފައި.
ރަޝިޔާގެ ސަޚަލިން ސަރަހައްދުގެ ސެވަރޯ-ކުރިލްސްކް ގައި އޮންނަ ކަމްޗަޓްކާ ޕެނިންސުލާ އަށް އައި ބާރުގަދަ ބިންހެލުމަކަށް ފަހު، އައްސޭރިފަށާ ކައިރީގައި ހުރި އިމާރާތްތަކަށް ބާރުގަދަ ރާޅެއްގެ އަސަރު ކޮށްފައި.
ރޮއިޓަރސް
ރަޝިއާ
ރަޝިޔާ އަށް އައި ބާރުގަދަ ބިންހެލުމަކީ "ހަގީގަތުގައިވެސް ވަރަށް ބޮޑު ހާދިސާއެއް"، ސައިންޓިސްޓުން ބާރުގަދަ އާފްޓަރޝޮކްތަކަށް އިންޒާރުދޭ!
ރަޝިޔާގެ ކަމްޗަޓްކާ ސަރަހައްދަށް އައި ރިކްޓަރ ސްކޭލްގެ 8.8 ގެ ބާރުގަދަ ބިންހެލުމަކީ ދުނިޔޭގެ އެންމެ ބޮޑެތި 10 ބިންހެލުމުގެ ތެރޭގައި ހިމެނޭ، 4 މީޓަރުގެ ސުނާމީ ރާޅުތަކެއް އުފެއްދި ނުރައްކާތެރި ހާދިސާއެކެވެ. މި ބިންހެލުމާ ގުޅިގެން ޖަޕާނާއި ހަވާއީއަށް ސުނާމީގެ އިންޒާރު ދެވި، އެތައް ބަޔަކު އަވަހަށް ސަލާމަތްކުރަން ޖެހުނު އިރު، ސައިންޓިސްޓުން ވަނީ އިތުރު ބާރުގަދަ އާފްޓަރޝޮކްތަކަށް ތައްޔާރުވުމަށް އިންޒާރު ދީފައެވެ.

ރަޝިޔާ އަށް އައި ބާރުގަދަ ބިންހެލުމަކީ "ހަގީގަތުގައިވެސް ވަރަށް ބޮޑު ހާދިސާއެއް" އެއް ކަމަށާއި މިހާދިސާ އާ ގުޅިގެން ބާރުގަދަ އާފްޓަރޝޮކްތަކެއް އަންނާނެ ކަމުގެ އިންޒާރު ސައިންޓިސްޓުން ދީފިއެވެ.

ބުދަ ދުވަހު ރަޝިޔާގެ ކަމްޗަޓްކާ ޕެނިންސުލާގެ އިރުމަތީ ކައިރިން ރެކޯޑް ކުރެވުނު ރިކްޓަރ ސްކޭލްގެ 8.8 ގެ ބިންހެލުމަކީ "ހަގީގަތުގައިވެސް ވަރަށް ބޮޑު ހާދިސާއެއް" ކަމަށާއި، މިއީ މިހާތަނަށް ރެކޯޑުކުރެވިފައިވާ އެންމެ ބޮޑެތި 10 ބިންހެލުމުގެ ތެރޭގައި ހިމެނޭ ބިންހެލުމެއްކަމަށް ސައިންޓިސްޓުން ބުނެފައިވެއެވެ.

މި ބިންހެލުމާ ގުޅިގެން ޕެސިފިކް ކަނޑުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ސުނާމީގެ އިންޒާރު ދެވި، ބާރުގަދަ އާފްޓަރޝޮކްތަކަށް ތައްޔާރުވުމަށް އިރުޝާދު ދެވިފައިވެއެވެ.

ޕެޓްރޮޕަވްލޮވްސްކް-ކަމްޗަޓްސްކީގެ އިރުމަތީ ދެކުނުން 119 ކިލޯމީޓަރު ދުރުން ރެކޯޑް ކުރެވުނު މި ބިންހެލުމުގެ ސަބަބުން 4 މީޓަރު އުސްމިނުގެ ސުނާމީ ރާޅުތަކެއް އުފެދި، ޖަޕާނުން ފެށިގެން ހަވާއީ އާ ހަމައަށް އައްސޭރިފަށުގެ ސަރަހައްދުތަކުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރެވުނެވެ.

"ރިކްޓަރ ސްކޭލްގެ 8.8 ގެ ބިންހެލުމަކީ ހަގީގަތުގައިވެސް ވަރަށް ބޮޑު ހާދިސާއެއް،" ހާވަޑް ޔުނިވަރސިޓީން ތަޢުލީމު ހާސިލުކޮށްފައިވާ، އަދި މި ސަރަހައްދުގެ ބިންހެލުންތައް ދިރާސާ ކުރަމުންދާ ބިންހެލުމުގެ ސައިންޓިސްޓް ޖުޑިތު ހަބާޑް މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

"މިއީ މިހާތަނަށް ރެކޯޑުކުރެވިފައިވާ އެންމެ ބޮޑެތި 10 ބިންހެލުމުގެ ތެރޭގައި ރެކޯޑް ކުރެވޭނެ ބިންހެލުމެއް." ކަމަށް އޭނާ ބުންޏެވެ.

ކަމްޗަޓްކާ ސަބްޑަކްޝަން ޒޯނުން މިހާތަނަށް ދުނިޔޭގެ އެންމެ ބޮޑެތި 10 ބިންހެލުމުގެ ތެރެއިން 2 ބިންހެލުން އުފެދިފައިވާ ކަމަށް ހަބާޑް ބުނެފައިވެއެވެ. އަނެއް ބިންހެލުމަކީ 1952 ވަނަ އަހަރު ރެކޯޑް ކުރެވުނު ރިކްޓަރ ސްކޭލުން 9.0 ގެ ބާރުގަދަ ބިންހެލުމެވެ.

ފުޅާ ދާއިރާއެއްގައި ގެއްލުންވެ، މީހުންނަށް އަނިޔާވުން

ކުރިން ރިޕޯޓު ކޮށްފައިވާ ގޮތާ ޚިލާފަށް، އެކަހެރިކޮށް އޮންނަ ރަޝިޔާގެ މި ސަރަހައްދުގައި ބިންހެލުމާ ގުޅިގެން އެތައް ބަޔަކަށް އަނިޔާވެފައިވެއެވެ. ސަރަހައްދުގެ ސިއްހީ އިދާރާތަކުން ބުނެފައިވާ ގޮތުގައި ބައެއް މީހުންނަށް އަނިޔާވެފައިވަނީ ޢިމާރާތްތަކުން ބޭރަށް އަވަސްއަވަހަށް ނުކުތުމަށް އުޅުމުގެ ތެރޭގައެވެ. އަދި އެކަކު ކުޑަދޮރުން ބޭރަށް ފުންމާލައިފައިވެއެވެ. އަދި އެއަރޕޯޓުގެ ޓަރމިނަލްގެ ތެރޭގައި އަންހެނަކަށް އަނިޔާވެފައިވާ ކަމަށް ވެސް ޓާސް ނިއުސް އޭޖެންސީން ބުނެފައި ވެއެވެ.

"މިވަގުތު އަނިޔާވި އެންމެން ވެސް ތިބީ ރަނގަޅު ހާލަތެއްގައި، އަދި މިހާތަނަށް އެއްވެސް ބޮޑު އަނިޔާއެއްގެ ރިޕޯޓެއް ލިބިފައެއް ނުވޭ." ރަޝިޔާގެ އިސް އޮފިޝަލަކު ޓާސް އަށް ވިދާޅުވިއެވެ.

ޔުނައިޓެޑް ސްޓޭޓްސްގެ ޖިއޮލޮޖިކަލް ސަރވޭ އިން އަންދާޒާކޮށްފައިވާ ގޮތުގައި 187،000 މީހުން ދިރިއުޅޭ ޕެޓްރޮޕަވްލޮވްސްކް-ކަމްޗަޓްސްކީ ގައި އިންޓެންސިޓީ 8 ގެ "ގަދަފަދަ" ލޮޅުމެއް އިހުސާސް ކުރެވިފައިވެއެވެ.

ކަނޑުއަޑީގެ ބިންގަނޑަށް އައި ލޮޅުމެއްގެ ސަބަބުން އުފެދުނު ސުނާމީ ރެކޯޑް ކުރެވުނީ ކަނޑުއަޑީގައި ބެހެއްޓިފައިވާ މޮނިޓަރިންގ ބޮއޮއިތަކުން ނެވެ.

ކަމްޗަޓްކާގެ ބައެއް ސަރަހައްދު ތަކުގައި 3-4 މީޓަރު އުސްމިނުގެ ސުނާމީ އެއް ރެކޯޑުކުރެވިފައިވާ ކަމަށް ރަޝިޔާ ގެ އޮފިޝަލުން ބުނެފައިވެއެވެ.

ރަޝިޔާގެ ކުއްލި ހާލަތުގެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ސެވެރޯ-ކުރިލްސްކްގެ ބަނދަރާއި މަސް ޕްރޮސެސްކުރާ ފެކްޓަރީއެއް ގައި ވަނީ އެއްކޮށް ފެންބޮވެފައެވެ. އަދި އެ ސަރަހައްދުގެ އާބާދީ ރައްކައުތެރި ތަންތަނަށް ވަނީ ގެންދެވިފައެވެ.

ޖަޕާނުން ވަނީ ސުނާމީގެ އިންޒާރު އިތުރަށް ވަރުގަދަ ކޮށް، އައްސޭރިފަށުގެ ސަރަހައްދުތަކަށް 3 މީޓަރު އުސްމިނުގެ ރާޅުތަކެއް އަރާނެ ކަމަށް ލަފާ ކޮށްފައެވެ.

އަދިވެސް 2011 ގެ ނުރައްކާތެރި ސުނާމީގެ އަސަރުން އަރައިނުގަނެވި އޮތް ޖަޕާނުގެ އިރުމަތީ ސަރަހައްދުތަކުން މީހުން ސަލާމަތް ކުރުމަށް އަމުރު ކޮށްފައި ވެއެވެ. ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ގެއްލުން ވެފައިވާ ފުކުޝިމާ ނިއުކްލިއަރ ޕްލާންޓުގެ މުވައްޒަފުން ވަނީ އެތަނުން ސަލާމަތް ކޮށްފައެވެ.

އެމެރިކާ ގެ ސުނާމީ އިންޒާރުދޭ ނިޒާމުން "ނުރައްކާތެރި ސުނާމީ ރާޅުތަކުގެ" އިންޒާރު ދީފައިވެއެވެ. އަދި ރަޝިޔާގެ ގޮނޑުދޮށުގެ ބައެއް ސައެއް ސަރަހައްދުތަކަށް 3 މީޓަރަށްވުރެ އުސް ރާޅުތަކެއް އަރާނެ ކަމަށާއި، ޖަޕާނު، ހަވާއީ، ޗިލީ އަދި ސޮލޮމަން އައިލެންޑްސް އަށް 1-3 މީޓަރާ ދެމެދުގެ އުސްމިނުގެ ރާޅުތަކެއް އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ.

އާފްޓަރޝޮކްތައް އަންނާނެ ކަމަށް ލަފާކުރެވޭ

ސައިންޓިސްޓުން އިންޒާރުދީފައިވާ ގޮތުގައި މި ބާރުގަދަ ބިންހެލުމުގެ ސަބަބުން ގިނަ އަދަދެއްގެ ބާރުގަދަ އާފްޓަރޝޮކްތަކެއް އަންނާނެ އެވެ. އޭގެ ތެރެއިން ބައެއް އާފްޓަރޝޮކްތަކުގެ ބާރުގަދަކަން ރިކްޓަރ ސްކޭލުން 7 އަށްވުރެ މަތިވެދާނެއެވެ.

މިހާތަނަށް ރެކޯޑު ކުރެވިފައިވާ އެންމެ ބޮޑު އާފްޓަރޝޮކްގެ ބާރު މިނަކީ ރިކްޓަރ ސްކޭލްގެ 6.9 އެވެ. މިއީ މައި ބިންހެލުން އައި ފަހުން ގާތްގަނޑަކަށް 45 މިނެޓު ފަހުން އައި އާފްޓަރޝޮކެކެވެ. އާފްޓަރޝޮކްތައް އަންނަ ސަރަހައްދު ސަބްޑަކްޝަން ޒޯނުގެ 600 ކިލޯމީޓަރަށް ވުރެ ދިގު ސަރަހައްދަކަށް ފެތުރިފައިވެއެވެ.

ކަމްޗަޓްކާ ބްރާންޗް އޮފް ދަ ޖިއޮފިޒިކަލް ސަރވިސްގެ ޑިރެކްޓަރ ޑެނީލާ ޗެބްރޮވް ޓެލެގްރާމްގައި ބުނެފައިވާ ގޮތުގައި "މިވަގުތު އާފްޓަރޝޮކްތައް ދަނީ އަންނަމުން" ނެވެ. އަދި "އޭގެ ބާރުގަދަކަން ދެމިހުންނާނީ ވަރަށް މަތީ މިންވަރެއްޗގައި" ނަމަވެސް އޭނާ އިތުރަށް ބުނެފައިވަނީ މިއަށްވުރެ ބާރުގަދަ ލޮޅުންތަކެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

މި ބިންހެލުން އުފެދިފައިވަނީ ޓެކްޓޯނިކް ޕްލޭޓްތައް ޖަމާވާ މެގާތްރަސްޓް ފޯލްޓެއްގައެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑެތި ބިންހެލުންތައް އުފެދޭ ތަންތަނެވެ.

ރަޝިޔާގެ އެކަޑަމީ އޮފް ސައިންސަސް އިން ކަށަވަރު ކޮށްދީފައިވާ ގޮތުގައި މިއީ 1952 އިން ފެށިގެން މި ސަރަހައްދުގައި އިހުސާސް ކުރެވުނު އެންމެ ބާރުގަދަ ބިންހެލުމެވެ.

ކަމްޗަޓްކާ ޕެނިންސުލާ އޮންނަނީ ޕެސިފިކް ރިންގ އޮފް ފަޔަރގައެވެ. މިއީ ބިންހެލުންތަކާއި ވޮލްކޭނިކް ހަރަކާތްތައް ގިނައިން ހިނގާ، ޖިއޮލޮޖިކަލްގޮތުން ވަރަށް ހަރަކާތްތެރި ސަރަހައްދެކެވެ.

- ކޮމެންޓް