ފަލަސްޠީނުގެ މައްސަލައިގައި އދ ގައި ކުރިއަށް ދިޔަ ކޮންފަރެންސްގައި ބައިވެރިވުމަށް އެމެރިކާ އަށް ދިޔުމަށް، ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑޮކްޓަރު މުޙައްމަދު ޝަހީމް އަލީ ސައީދު އަށް ވިސާ ހަމަޖައްސައި ނުދިންކަން ހާމަވެއްޖެ އެވެ.
ސައުދީ އަރަބިއްޔާ އާއި ފްރާންސް އިން އިސްނަގައިގެން ބޭއްވި މި ކޮންފަރެންސް، އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އދ ގެ މައި މަރުކަޒުގައި ފަށާފައި ވަނީ ހޯމަ ދުވަހު އެވެ. އެ ކޮންފަރެންސްގައި ޤައުމުތަކުގެ ފޮރިން މިނިސްޓަރުން އަދި އިސްވެރިން ވަނީ ބައިވެރިވެފަ އެވެ.
"ރާއްޖެ އެމްވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކޮންފަރެންސްގައި ދިވެހި ރާއްޖެ އިން ބައިވެރިވާން ހަމަޖެއްސީ މިނިސްޓަރު ޝަހީމް އެވެ. ނަމަވެސް، އެމެރިކާ އިން ވިސާ ހަމަޖައްސައި ނުދިނުމުގެ ސަބަބުން މިނިސްޓަރު ޝަހީމް އަށް އެ ކޮންފަރެންސްގައި ބައިވެރިވެވޭ ގޮތެއް ނުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވިސާ ހޯދުމަށް މިނިސްޓަރު ޝަހީމް ހުށަހަޅުއްވާފައި ވަނީ ސްރީ ލަންކާ ގައި ހުންނަ އެމެރިކާގެ އެމްބަސީ އަށެވެ. ނަމަވެސް އެމްބަސީ އިން މިނިސްޓަރު ޝަހީމްގެ ހުށަހެޅުން ބަލައި ނުގަންނަން ނިންމާފައިވާ ކަމަށާއި، އެކަން މިނިސްޓަރު ޝަހީމް އަށް އަންގާފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އަދި ހުށަހެޅުން ބަލައި ނުގަތް ސަބަބު ވެސް އަންގާފައި ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.
އެކަމާ ގުޅިގެން މިނިސްޓަރު ޝަހީމްގެ ބައެއް ހޯދާލުމަށް ފޯނަށް ގުޅުއްވުމުން ޖަވާބު ދެއްވާފައި ނުވާތީ، މި ކަމުގައި މިނިސްޓަރު ޝަހީމްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އެމެރިކާގެ ވިސާ ހަމަ ނުޖެހުމުގެ ސަބަބުން މިނިސްޓަރު ޝަހީމް އަށް ކޮންފަރެންސްގައި ބައިވެރިވެވިފައި ނުވި ނަމަވެސް، ކޮންފަރެންސްގައި ދިވެހި ރާއްޖެ އިން ވަނީ ބައިވެރިވެފަ އެވެ. އެ ކޮންފަރެންސްގައި ދިވެހި ރާއްޖެ ތަމްސީލު ކޮށްފައި ވަނީ، ދިވެހި ރާއްޖެ އިން އދ އަށް ކަނޑަ އަޅާފައިވާ ދާއިމީ މަންދޫބު ޑޮކްޓަރު އަލީ ނަސީރު މުހައްމަދު އެވެ.