ރަޝިޔާގެ އިރުމަތީ ސަރަޙައްދަށް އައި 8.8 މެގްނިޓިއުޑްގެ ބާރު ގަދަ ބިންހެލުމަކުން ސުނާމީއެއް އުފެދި، ޕެސިފިކް ސަރަޙައްދުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފެށިއްޖެ އެވެ.
ބުދަ ދުވަހު ރަޝިޔާގެ އިރުމަތީ ސަރަޙައްދުގެ ކަމްޗަޓްކާ ޕެނިންސުލާގައި 8.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް ރެކޯޑް ކުރެވި، އިމާރާތްތަކަށް ގެއްލުން ލިބި، 4 މީޓަރު (13 ފޫޓު) އުސްމިނުގެ ސުނާމީއެއް އުފެދިއްޖެއެވެ. މިކަމާ ގުޅިގެން ޕެސިފިކް ކަނޑުގެ އައްސޭރިފަށުގެ ސަރަޙައްދުތަކުގައި އިންޒާރު ދެވި، މީހުން ސަލާމަތްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ރަޝިޔާގެ މި ސަރަޙައްދުގައި މަދު އަދަދެއްގެ ބަޔަކަށް އަނިޔާވިއެވެ. އަދި 2011 ވަނަ އަހަރު ހިނގި ބޮޑު ބިންހެލުމާއި ސުނާމީގައި ބޮޑެތި ގެއްލުންތައް ލިބުނު ޖަޕާނުގެ އިރުމަތީ ސަރަޙައްދުގައި ދިރިއުޅޭ މީހުން ސަލާމަތްކުރުމަށް އަމުރު ވަނީ ނެރެފައެވެ.
ޖަޕާނުގައި، ސުނާމީގެ ފުރަތަމަ ރާޅުތައް ވަނީ ފެނިފައެވެ. ރަޝިޔާއާ އިންވެގެން އޮންނަ ހޮކައިޑޯ ގެ އައްސޭރިފަށުގައި 40 ސެންޓިމީޓަރުގެ އުސްމިނަށް ރާޅު އުފުލިފައިވެއެވެ. މިހާތަނަށް ޖަޕާނުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.
ޖަޕާނުގެ ޕެސިފިކް ސަރަޙައްދުގެ އައްސޭރިފަށުގައިވެސް ސަލާމަތީ އިންޒާރު ދެވިފައިވެއެވެ. މި ސަރަޙައްދުގައި 3 މީޓަރު އުސްމިނުގެ ރާޅު އުފުލިދާނެ ކަމަށް ބެލެވެއެވެ.
2011 ވަނަ އަހަރުގެ ސުނާމީގައި ގެއްލުން ލިބުނު ފުކުޝިމާ ނިއުކްލިއަރ ޕްލާންޓުގެ މުވައްޒަފުން ވަނީ އެތަނުން ސަލާމަތްކުރެވިފައެވެ.
އެމެރިކާގައި، ހަވާއީ އަދި ކެލިފޯނިއާގެ އޮފިޝަލުން ވަނީ އާންމު ރައްޔިތުންނަށް ގޮނޑުދޮށްތަކާއި ތިރި ސަރަޙައްދުތަކުން ދުރުހެލިވުމަށް އިންޒާރު ދީފައެވެ.
ކެލިފޯނިއާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި އެމެރިކާގައި ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަކަށް ނުބެލެވެއެވެ. އަދި ހަވާއީގެ ގަވަރުނަރު ވަނީ އާންމުންނަށް ހަމަޖެހިގެން ތިބުމަށް އެދިފައެވެ.
ރަޝިޔާގައި، އެ ޤައުމުގެ އިރުމަތީ ކޮޅުގައި މަދު ބަޔަކަށް ކުދިކުދި އަނިޔާތައް ވެފައިވާއިރު، ސުނާމީ ރާޅުތަކުން ސެވެރޯ-ކުރިލްސްކްގެ ބައެއް ސަރަޙައްދުތަކަށް ފެން ވަަދެފައިވެއެވެ.
ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސަރވޭއިން ބުނާ ގޮތުގައި، 8.8 މެގްނިޓިއުޑްގެ މި ބިންހެލުމަކީ ތާރީޚުގައި ރެކޯޑުކުރެވިފައިވާ އެންމެ ގަދަފަދަ 6 ވަނަ ބިންހެލުމާ އެއްވަރުގެ ބިންހެލުމެކެވެ.
ސުނާމީގެ އިންޒާރުތައް ފިލިޕީންސް، އިންޑޮނޭޝިއާ އަދި ނިއުޒިލެންޑް ފަދަ ޤައުމުތަކުގައިވެސް ދީފައިވެއެވެ. އަދި މީހުން ގޮނޑުދޮށްތަކާ ދުރުގައި ތިބުމަށް އިންޒާރު ދީފައިވެއެވެ.
ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން ބަޔާނެއް ނެރެ، ރަޝިއާގައި ބިންހެލުމުގެ ސަބަބުން އަދި މީގެ އެއް ދުވަސް ދެދުވަސް ފަހުންވެސް ބޮޑެތި ސުނާމީތައް އަތުވެދާނެ ކަމަށް ބުނެފައިވެއެވެ.
ޖަޕާނުގައި 1.9 މިލިއަނަށްވުރެ ގިނަ މީހުންނަށް ސަލާމަތްތެރި ތަންތަނަށް ދިއުމަށް އެދިފައިވެއެވެ. މީގެ ތެރެއިން 10,500 މީހުން ތިބީ ހޮކައިޑޯގައެވެ. އެތަނުގެ ލޯކަލް މީޑިއާގެ ފުޓޭޖުތަކުން ދައްކާގޮތުގައި މީހުން ވަނީ ފުރާޅުތަކަށް އަރާފައެވެ.