ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލްއާ ގުޅޭގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒު ކޮންމެ ވާހަކައެއް ދެއްކެވި ނަމަވެސް އެ ވާހަކަތައް ރައްޔިތުން ގަބޫލުނުކުރާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
60 ވަނަ މިނިވަން ދުވަހާ ގުޅިގެން ފަށާއިރު ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިއުގައި ރައީސް ސާލިހު ވިދާޅުވީ އެއަރޕޯޓުގެ އައު ޓާމިނަލްއާ ގުޅޭގޮތުން ރައީސް މުއިއްޒު ކޮންމެ ވާހަކަތަކެއް ދެއްކެވި ނަމަވެސް އެ ވާހަކަތައް ރައްޔިތުން ގަބޫލުނުކުރާ ކަމަށާއި، ހަގީގަތް އެންމެނަށް އެނގޭ ކަމަށެވެ.
އައު ޓަރމިނަލަށް ގެެނެސްފައިވާ ބަދަލުތަކަށް އިޝާރާތް ކުރައްވައި ރައީސް ސާލިހު ވިދާޅުވީ މިދިޔަ ދައުރުގައި އައު ޓަރމިނަލްގެ ބޭރުގެ ފަސާޑަށް ބަދަލު ގެނެސް، އިންޓީރިއާއަށް ބަދަލު ގެނެސްފައިވާ ކަމަށާއި، އެކަން ލިޔެކިއުންތަކުން އެނގޭނެ ކަމަށެވެ.
އެ ދެއްކެވިއަސް މުޅިން ދޮގު ވާހަކަތަކެއް. އަޅުގަނޑު މިދެންނެވިހެން އަޅުގަނޑުމެން ގެނައި ބައެއް ބަދަލުތަކުގެ ތެރޭގައި ބޭރުގެ ފަސާޑަށް ގެނައި ބަދަލާއި، އިންޓީރިއަރ ގެ އޭރު އޮތީ ފްލެޓްގެ ސީލިންގ އެއް. އެސީލިން ރާއްޖޭގެ މާހައުލާ ގުޅޭގޮތަކަށް ގެނައި ބަދަލުތަކާއި މިހެން ގޮސް ފްލޯރ އަށް މިގެނެވުނު ބަދަލުތަކާ މިހާރު އެ ފެންނަ ގިނަ ކަންތައްތަކަކީ ގާތްގަަނޑަކަށް ގެނެވުނު ހުރިހާ ބަދަލުތަކަކީ އައިސްފައި ހުރި ބަދަލުތައް. ދެން ބޭރުގައި ހުންނަ ފަސާޑުގެ ކުރެހުމަކީ ވެސް ހިރިގަލު ކުރެހުމުގެ ޑިޒައިންއަކުން ނަގައިގެން އެއަށް ބަދަލުތަކެއް ގެނެސްގެން ކުރެވިފައި ހުރި މަސައްކަތްތައް މިއީ. އަޅުގަނޑު މިދައްކަނީ ކޮންމެހެން މީގެ ކްރެޑިޓް ކޮންމެހެން ނަގާކަށް ނޫން. މިއީ ހަމަ ލިޔެކިއުންތަކުން ފެންނަން ހުންނާނެ ކަންތައްތައް. އެހެންނަމަވެސް ރައްޔިތުންނަށް ސާފުވާންޖެހޭނެ ކަންތައްތައް ކަމަށްވާތީ މިވާހަކަ ދަންނަވާލީ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު![]()
އެއަރޕޯޓުގެ އައު ޓާރމިނަލްގެ ޑިއުޓީ ފްރީއާ ގުޅޭގޮތުން ރައީސް ސާލިހު ވިދާޅުވީ ކުރިން ނިންމާފައި އޮތީ އެތަން ނަގާ ބަޔަކު އެތަނުގެ އިންޓީރިއަރ ހަދާ ގޮތަށް ކަމަށެވެ.
ނަމަވެސް މިހާރު ޑިއުޓީ ފްރީ ފިހާރަތަކާއި، ރެސްޓޯރެންޓުތައް ބިޑަކާ ނުލާ ބަހާލާކަމުގެ އަޑުތައް ފެތުރިފައިވާ ކަމަށާއި، އެކަން އެގޮތަށް ނުކުރުމަށް ރައީސް ސާލިހު އިލްތިމާސްކުރެއްވިއެވެ. އަދި އެގޮތަށް އެކަން ކޮށްފިނަމަ ދައުލަތަށް ލިބޭ ބޮޑު ފައިދާއެއް ގެއްލިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސާލިހު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ނުވަތަ އޮޑިޓް އޮފީހުން މިމައްސަލަ ބަލައި، ތަހުގީގު ކުރުމަށް ގޮވާލައްވާފައެވެ.
ދެން އެވިދާޅުވާ ޑިއުޓީ ފްރީގެ ވާހަކަ. ސިމެންތި ހުރި ގޮތަށް ސިމެންތި ފިނިޝިންގ އަކުންނޭ ނިންމަން އަޅުގަނޑުމެން އޮތީ.އަޅުގަނޑުމެން އޭރު ނިންމާފައި އޮންނާނީ ޑިއުޓީ ފްރީގެ އިންޓީރިއަރ ހަދާނީ ޑިއުޓީ ފްރީ ކުއްޔަށް ނަގާ ފަރާތުންނޭ. އެއީ ވިޔަފާރިއަކަށްވާތީ އެބަޔަކަށް އޭނގޭނީ އެތާގެ ޑިއުޓީ ފްރީ ފިހާރައެއްގެ އެތެރެ ހުންނާނެ ގޮތަށް ވިޔަފާރި މާހައުލާ ގުޅޭގޮތަށް އެތެރެ ހަދަން. އެހެންވީމަ އޭރު އަޅުގަނޑުމެންގެ ވިސްނުމަކަށް އޮތީ ޑިއުޓީ ފްރީ ފިހާރަތައް ކުއްޔަށް ދޭނީ ވެސް އެބަޔާ އެކީގައޭ. އެނަގާ ބަޔަކު އިންޓީރިއަރ ހަދާ ގޮތަށޭ. އެހެން ނަމަވެސް މިހާރު އަޅުގަނޑުމެންނަށް އަޑު އިވެނީ އެއްވެސް ބިޑަކާ ވެސް ނުލާ ޑިއުޓީ ފްރީ ފިހާރަތަކާއި، ހުރި ރެސްޓައުރެންޓްތަކާ އެއްޗެހި ބަހާލާ ވާހަކަ. އެއީ ދައުލަތަށް، ސަރުކާރަށް ލިބެން އޮތް ވަރަށް ބޮޑު ފައިދާއެއް އޭގެން ގެއްލިގެން އެދަނީ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު![]()
ރައީސް ސާލިހު ވަނީ އެއަރޕޯޓުގެ އައު ޓާރމިނަލްގެ މަގުތައް ނުހަދާ ކަމަށް ދައްކަމުންދާ ވާހަކަތަކަށް ވެސް ރައްދު ދެއްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ މަސައްކަތްތައް ކުރެވެމުން ދިޔައިރު، އޭރު ޓެކްނިކަލް މީހުން ދީފައިވާ ލަފާގެ ދަށުން ބަދަލުތައް ގެނެސްފައިވާ ކަމަށާއި، ބާރުބޮޑުނުވާނެ ގޮތަށް ފަސޭހަ އިންތިޒާމްތައް ހަމަ ޖައްސައި މަގުތައް ހަދާފައިވާ ކަމަށެވެ.
ދެން އެވިދާޅުވަނީ މަގުތައް ނުހަދައޭ. ވަރަަށް ސާފުކޮށް ހުންނާނެ މަގުތަކަށް ގެނައި ބަދަލުތަކާ އެއްޗެހި. އަދި ބޭރުގައި އަޅުގަނޑުމެން އޮންނާނެ އެތަނުގައި ވެއިޓިންގ އޭރިޔާއެއް. ޑިޕާޗަރ ނޫނިއްޔާ އެ އަންނަ މީހުން ގޮވައިގެން އަންނަ މީހުން އެމީހުންނާ އެމީހުން މަޑުކޮށްލައިގެން ތިބޭނެ ބޮޑު ހޯލަކާ ތަންތަން އޮންނާނެ. މިހާރު ތިބޭފުޅުން ބައްލަވައްޗޭ. އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި މިހާރު ދާ ގޮތަށް ކާރުތަކާ އެއްޗެހި މަޑު ކުރާނީ ޓާރމިނަލްގެ ބޭރަށް. އެތަން ފުނި ޖެހިފައި އޮތުމަކީ އެކަށީގެންވާ ކަމެއް. އެ މަންޒަރު އެ ޓެކްނިކަލް މީހުން އަޅުގަނޑުމެންނަށް ކިޔާދިނީމަ ގެނައި ބަދަލުތަކެއް ހުންނާނެ ، އެވެސް ހުންނާނެ ލިޔެކިއުމުން ފެންނަން. އެހެންވީމަ އޭގައި ވެސް އޮންނާނެ އެންމެ ބޭރުން އޮންނަ މަގަކާއި، އެތެރެއިން އައިސް ޓާރމިނަލްއަށް އާދެވޭނެ މަގަކާ އެއްޗެހި ޑިޒައިން ކޮށްފައި.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު![]()
ރައީސް ސާލިހު ވިދާޅުވީ އައު ޓާރމިނަލްއާ ގުޅޭގޮތުން މިސަރުކާރުގެ ބޭފުޅުން ދައްކަމުން ގެންދަވަނީ ތެދު ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލުމަށް ދައްކަވާ ވާހަކަތަކެއް ކަމަށެވެ.