ވެރިކަމަށް ދެއަހަރު ވެގެން ދިޔައިރު އައްޑޫސިޓިގެ ކަރަންޓު ކަށަވަރުކޮށް ނުދެވޭ ކަމަށާއި އައްޑޫ ރައްޔިތުން ދިރިއުޅެމުން ދަނީ ކަރަންޓާއި ނުލައި ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.
ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދުމަތްތަކަށް ކަނޑައަޅާފައިވާ ކޮމާޝަލް ރޭޓުތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކަަރަންޓާއި ފެނުގެ ހިދުމަތަށް ކުރަންޖެހޭ ހޭދަ ބޮޑުވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކޭ ގޮތް ސާފުކުރަން ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ހުށަހެޅުއްވީ ގަރާރަށް ބަހުސްކުރަށްވާ މެންބަރު ނާޒިލް ވިދާޅުވީ، އެ ގަރާރަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށާއި، ފެނުގެ ހިދުމަތާއި ގުޅޭ އަގުތަކަށް ބަލާއިރު މާލެ ސަރަހައްދާއި އަތޮޅުތެރޭގެ ސަރަހައްދު ތަކުގެ އަގަށް 57 އިންސައްތައިގެ ތަފާތެއް އުޅޭ ކަމަށެވެ.
އަޅުގަނޑު މިދަންނަވާ ވާހަކައަކީ މާލޭގައި އެކަން ކުރަންޔާ ކުރަންޖޭހޭ ހަރަދު ހުރިހާގޮތަކުންވެސް ބޮޑުވާނެކަން އަޅުގަނުމެންނަށް ހަމަ ޔަގީން ކަށަވަރު، ރާއްޖޭގެ ކުދި ކުދި ރައްރަށުގައި 5000 ރ. އަށް ކަނެކްޝަނެއް ހަދައިދެވެންޔާ މާލޭގައި 3000 ރ. އަށް އެބަ ހަދައިދެވޭ، މިފަދަ ބޮޑެތި ތަފާތުކުރުންތަކެއް އަންނަ ހިނދު އަޅުގަނޑު މިދަންނަވާ ޔޫއާރުއޭ ގައި މެންޑޭޓު ތެރޭގައި އެބަ ހިމެނޭ އެބޭފުޅުން ބަލަންޖެހޭ ކަމެއް މިއީ.
މެންބަރު އިބްރާހީމް ނާޒިލް![]()
މީގެ އިތުރުން ނާޒިލް ވިދާޅުވީ، 200 ނުވަތަ 300 މީޓަރު ދުރުން ގޭގެއަށް ކަރަންޓު ގުޅަންޖެހޭތީ އެކަން ނުކުރެވި އަލަށް އާބާދުވާ ސަރަހައްދުގައި އެގޭތަކަށް މީހުންނަށް ދިރިއުޅުން ނުފެށި ގިނަ ރައްރަށުގައި އެބަހުރި ކަމަށެވެ. އަދި ފެނާއި ނަރުދަމާ ނިޒާމް އަލަށް އާބާދުވާ ސަރަހައްދުގައި ގާއިމް ނުކުރެވޭތީވެ އެގޭގެއަށް ބަދަލު ނުވެވި ކިތަންމެ އާއިލާއެއް ހުރިކަމީ ގަބޫލުކުރަންޖެހޭ ހަގީގަތް ކަމަށް ނާޒިލް ވިދާޅުވިއެވެ.
މިސަރުކާރު އައުމާއި އެކީގައި އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުނުވާ ކަމަށާއި އިންޖީނުގެއަށް ބޭނުންވާ ރަނގަޅު ކޮލިޓީ ސްޕެއާ ޕާޓްސް ނުފޮނުވޭކަން ފާހަގަކުރައްވާ ނާޒިލް ވިދާޅުވީ، ނިމިދިޔަ ކޮވިޑް ތެރޭގައި މުޅި ރާއްޖެއާއި މުޅި ދުނިޔެ ބަންދު ކުރެވިފައި އޮތް އިރުވެސް ކޮލިޓީ ސްޕެއާ ޕާޓްސް ދިޔައީ ފުރިހަމައަށް ލިބެމުން ކަމަށެވެ. ކަން ކުރެވޭނީ ކަންކުރަން ތިބި މީހުންނަށް އެކަން ކުރަން އެނގިގެން ކަމަށާއި ކަން ކުރަން ނޭންގެންޔާ ހުއްޓާލައިފައި ގެއަށް ވަޑައިގަތުމަށް ނާޒިލް ވަނީ ގޮވައިލާފައެވެ.