ކ. މާލެ
|
22 ޖުލައި 2025 | އަންގާރަ 16:23
ދިވެހި ރުފިޔާގެ ނޫޓު ތަކެއް ގުނަނީ
ދިވެހި ރުފިޔާގެ ނޫޓު ތަކެއް ގުނަނީ
ރާއްޖެއެމްވީ
ފިނޭންސް މިނިސްޓްރީ
ޚަރަދު ކުރާނެ ފައިސާ ހޯދަން 1.3 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކައިގެން ދަރަންޏަށް ފައިސާ ހޯދަނީ
މި ބިލްތަކަކީ 28 ދުވަހުން ފެށިގެން 364 ދުވަހާ ދެމެދުގެ މުއްދަތުގައި މެޗުއަރވާ، 3.50% އިން 4.60% އާ ދެމެދުގެ އިންޓަރެސްޓް ރޭޓްގައި ވިއްކާ ބިލްތަކެކެވެ.

ސަރުކާރުން ޚަރަދު ކުރާނެ ފައިސާ ހޯދަން 1.39 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން މިނިސްޓްރީ އޮފް ފިނޭންސް އިން ހުޅުވާލައިފިއެވެ.

ދިވެހި ރުފިޔާ އިން ވިއްކާ ޓްރެޜަރީ ބިލް (ޓީ-ބިލް) ތަކަށް އިންވެސްޓް ކުރުމަށް ފިނޭންސް މިނިސްޓްރީ އިން ވަނީ އާންމު ކޮށް ދަޢުވަތު ދީފައެވެ. މިގޮތުން 28 ދުވަހާއި 364 ދުވަހާ ދެމެދުގެ މުއްދަތުގެ ތެރޭގައި މެޗުއަރ ވާ ގޮތައް ޖުމްލަ 1.39 ބިލިއަން ރުފިޔާ ގެ ޓީ-ބިލް ވިއްކުމަށް ވަނީ ނިންމާފައެވެ. މި ޓީ-ބިލްތައް ވިއްކުމަށް ހަމަޖެހިފައިވަނީ 29 ޖުލައި 2025 ގައެވެ. އަދި ސެޓްލްމަންޓްވެސް ހަމަ އެދުވަހު ކުރިއަށް ދާނެއެވެ.

ފިނޭންސް މިނިސްޓްރީ އިން ހާމަ ކޮށްފައިވާ ގޮތުގައި، ސަރުކާރުން ހުށަހަޅާފައިވަނީ ތަފާތު މުއްދަތުތަކުގައި މެޗުއަރ ވާ ގޮތައް އަދި ތަފާތު އިންޓަރެސްޓް ރޭޓްތަކުގައި ހަތަރު ބާވަތެއްގެ ޓީ-ބިލް ވިއްކުަމަށެވެ. އެގޮތުން ވިއްކުމަށް ހުޅުވާލާފައިވާ ޓީ-ބިލުގެ ބާވަތްތަކަކީ:

28 ދުވަހުގެ މުއްދަތަށް 278.2 މިލިއަން ރުފިޔާގެ ޓީ-ބިލު 3.50% އިންޓަރެސްޓް ރޭޓުގައި؛

98 ދުވަހުގެ މުއްދަތަށް 306.0 މިލިއަން ރުފިޔާގެ ޓީ-ބިލު 3.87% އިންޓަރެސްޓް ރޭޓުގައި؛

181 ދުވަހުގެ މުއްދަތަށް 389.4 މިލިއަން ރުފިޔާގެ ޓީ-ބިލު 4.23% އިންޓަރެސްޓް ރޭޓުގައި؛ އަދި

364 ދުވަހުގެ މުއްދަތަށް 417.3 މިލިއަން ރުފިޔާގެ ޓީ-ބިލު 4.60% އިންޓަރެސްޓް ރޭޓުގައެވެ.

ޓީ-ބިލު ވިއްކަނީ ދަރަންޏަށް ފައިސާ ހޯދައިގެން ސަރުކާރުގެ އެތެރޭގެ ޚަރަދުތައް ހަމަ ޖެއްސުމަށެވެ.

މިނިސްޓްރީން ބުނެފައިވަނީ، ޓީ-ބިލު ގަންނަން ހުށަހަޅަންވާނީ ރަސްމީ ފޯމު ބޭނުންކޮށްގެން ކަމަށެވެ. އަދި މި ފޯމުތައް ހުށަހަޅަންވާނީ ވިއްކާ ދުވަހު ކަނޑައެޅިފައިވާ ގަޑިތަކުގައި ކަމަށް ވެސް ބުނެފައިވެއެވެ. ބިލު ގަންނަން ހުށަހަޅާ ދުވަހު ފައިސާ ދައްކާ ޚަލާސް ކުރަން ޖެހޭނެ ކަމަށާއި، އެ ގޮތައް ފައިސާ ނުދެއްކިއްޖެނަމަ، ކުރިއަށް އޮތްތަނުގައި ސަރުކާރުގެ ސެކިއުރިޓީތަކާ ގުޅޭ މުޢާމަލާތްތަކުން އެފަރާތެއް ބާކީ ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.

- ކޮމެންޓް